މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކުން ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ 77 މީހުން ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިރުޒުލް ވިދާޅުވީ މިހާތަނަށް ސަރުކާރަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދަކީ 77 ކަމަށެވެ. މިދިޔަ ސަރުކާރުން އިންޑިއާ އާ އެކު ގިނަ އެއްބަސްވުންތަކެއް ހަދާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ނަކީ ރާއްޖެއަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ހެލިކޮޕްޓަރާ ގުޅޭ މަސައްކަތަށް ރާއްޖޭގައި ތިބި ސިފައިން ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

ރާއްޖޭގައި އިންޑިއާ އިން ހަދިޔާ ކުރި ދެ ހެލިކޮޕްޓަރު އޮންނަ އިރު އެއް ހެލިކޮޕްޓަރު ދުއްވަން ތިބީ 24 ސިފައިން ކަމަށާއި ދެވަނަ ހެލިކޮޕްޓަރު ދުއްވަން ތިބީ 26 ސިފައިން ކަމަށް އޭނާ ވިދާޅުވި އެވެ. ޑޯނިއާ ފުލައިޓު ދުއްވުމަށް ހާއްސަވެގެން ތިބީ 25 ސިފައިން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އިންޖިއަނިރިންގެ މަސައްކަތަށް ހާއްސަ ދެމީހުން ތިބިކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.

ފިރިޒުލް ވިދާޅުވީ އިންޑިއާ އާއި ރާއްޖޭގެ ހާރިޖީ ގުޅުމާ ބެހޭ 100 އަށް ވުރެ ގިނަ އެއްބަސްވުން ނިމިދިޔަ ސަރުކާރުން ހަދާފައިވާ ކަމަށެވެ.

ފިރުޒުލް ވިދާޅުވީ މިއީ މިހާތަނަށް ލިބުނު މައުލޫމާތުން އިނގޭ މިންވަރު ކަމަށެވެ. ރާއްޖޭގައި އިންޑިއާއިން ދިން ހެލިކޮޕްޓަރާއި މަތިންދާބޯޓު ދުއްވަން އިންޑިއާ ސިފައިން ތިބިމުން ދިވެހީންނަށް ފައިދާވި ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ދިވެހީން ނޭދޭ ކަމަށް އޭނާ ވިދާޅުވިއެވެ.