ދައުލަތުން ހިންގާ ގިނަ ކުންފުނިތަކަކީ ފައިދާ ނުވާ ކުންފުނިތަކެވެ. މިގޮތުން ޕީއެސްއެމަކީ ވެސް މިގޮތަށް ގެލުންވަމުންދާ ކުންފުންޏެކެވެ. ގާނޫނަކުން އުފައްދާފައިވާ މިކުންފުނީގެ މައްޗަށް ވަރަށް ބޮޑެތި ޒިންމާތަކެއް ވަނީ މަތިކޮށްފައެވެ. ކުރުގޮތަކަށް ދަންނަވަނީ ނަމަ، ރާއްޖޭގެ ހުރިހާ ހިސާބަކަށް ރޭޑިއޯ ޓީވީގެ ޚިދުމަތް ހިލޭ ލިބޭނެ އިންތިޒާމް ހަމަޖައްސާދިނުމެވެ. ޤާނޫނުގައި އޮންނަ ގޮތުން މިކަމަށް ހިނގާ ޚަރަދު ކުރަން ޖެހެނީ ދައުލަތުގެ ބަޖެޓުންނެވެ.

މިގޮތުން ކުރީގައި ސަރުކާރުތަކުން ދައުލަތުގެ މީޑިއާއަށް، ކޮންމެ އަހަރަކު ބަޖެޓުން 140 މިލިއަން ރުފިޔާ ހަމަޖައްސާދެވާފައެވެ. މިވޭތުދިޔަ 5 އަހަރުގައި ބަޖެޓުން ޚަރަދުކޮށްފައި ހުރީ އަހަރަކު 100 މިލިއަން އާއި 80 މިލިއަނާ ދެމެދު އެވެ. ކޯވިޑުގެ ފަހުން ދެއްވަނީ ހަމައެކަނި މުސާރައެވެ. އެއީ އަހަރަކު 80 މިލިއަން ރުފިޔާއެވެ.

މިކުންފުނީގެ ބޮޑު ޚަރަދެއް މިހިނގަނީ ޚިދުމަތުގެ ނެޓުވާރކް ހިންގުމަށެވެ. އެކަމަށް އަހަރަކު 23 މިލިއަން ޚަރަދު ކުރަން ޖެހެއެވެ. މި ޚަރަދު އެކި ފީތަކުގެ ގޮތުގައި މިހުންނަނީ ނުދައްކައެވެ. އެއީ ފެނާ ކަރަންޓާއި މުއާސަލާތު ކުރުމަށް ހިނގާ ޚަރަދު ތަކެވެ.

އެހެންކަމުން އަޅުގަނޑަށް އެންމެ ބޮޑު ގޮންޖެހުމެއް ކުރިމަތިވަނީ ޚަރަދުތައް ދެކޮޅުޖެސުމަށެވެ. އާންމުދަނީގެ ގޮތުގައި ލިބޭ އެއްޗަކުން މުޅިއެކުން ދެކޮޅުޖެއްސޭ ގޮތެއް ނުވެއެވެ. އެއީ ކުރަން ޖެހޭ މަސައްކަތާއި، ސަރުކާރަށް ކޮށްދެވޭކަންތައް އަގުގެގޮތުން މާ ބޮޑުވީމައެވެ.

ސަރުކާރަށް އެކި ޚިދުމަތްތަކުގެ ގޮތުގައި 100 މިލިއަން ރުފިޔާއަށްވުރެ ގިނަ މަސައްކަތް ކޮށްދެވެއެވެ. އެއީ ސަރުކާރުގެ ޖަލްސާތަކާއި އެކި ޕްރެސްކޮންފަރެންސްތަކާއި ކުޅިވަރާއި އަދި ހަފްލާތައް ލައިވްކުރުމާއި ކަވަރުކުރުމުގެ އަގަށެވެ. އެހެންނަމަވެސް ޒަމާނުންސުރެން މިކަންކަމަކީ ހިލޭ ކޮށްދޭ ކަންކަންކަމަށްވާތި މިމަސައްކަތަށް އަގެއް ނުނަގައެވެ.

މިދޭ ޚިދުމަތަށް އަގު ހަމަޖެހޭތޯ ހުށަހެޅުންތަކެއްގެ ސިފައިގައި ސްޓޭކް ހޯލަޑަރާއެކު މަސައްކަތް ކުރެވުނެވެ. އެހެންނަމަވެސް އެކަން ވަކި ހިސާބަކުން ދިޔައީ ބޮނޑު ނިގުލަށެވެ. ހައްލުހޯދޭނެގޮތެއް ރަނގަޅުގޮތެއް އޮވެމެ، ސްޓޭކްހޯލަޑަރު އިހްތިޔާރު ކުރީ ޚަރަދު ކުޑަކުރުމާއި އާމްދަނީ އިތުރު ކުރެވޭނެގޮތެއް އެނެއްކާވެސް ހޯދުމެވެ.

ޚަރަދު ކުޑަކުރެވުނީމައި އާމްދަނީ ލިބޭ ވަރުގެ ޕްރޮގްރާމު ހަދަން އުދަގޫވެއެވެ. ކުންފުނީގެ ޚަރަދު ފުރަތަމަ ދެއަހަރުތެރޭގައި %20 ކުޑަކުރެވުނުވެ. އެއީ މުއައްޒަފުންނަށް ކުރާ ޚަރަދާއި މުއާސަލާތަށް ކުރާ ޚަރަދުތަކާއި ލޮޖިސްޓިކަލް ޚަރަދު ތަކެންނެވެ.

ހާލަތު މިހެން އޮތްއިރު ކުރިއަށް ދިމާވަނީ ކޯޓު ކޭސްތަކެވެ. ކުރެވިފައި ހުރި އެކިއެކި މަސައްކަތްތަކަށް ފައިސާ ދައްކަން ޖެހުމެވެ. އެހެން ކަމުން އެކަންކަމަށް ފައިސާ ދިޔައީ ދައްކަމުންނެވެ. މިއާއެކު ފައިސާ ނުދެއްކޭގޮތަށް ލިޔެކިޔުންތަށް ހަމަނުވާ އެތަށް މައްސަލަތަކެއް ހުއްޓެވެ. ލިޔެކިޔުންތައް ހަމަނުވާ ކަންކަން ފައިސާ ނުދެއްކޭނެ ކަމަށް އަންގަންޖެހެއެވެ. އަދި އެކަންކަން އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނެވެ. މިމައްސަލަތަކާއި ގުޅޭގޮތުން އަޅުގަނޑު މަޖިލީހަށް ހާޟިރުވާން ޖެހުނެވެ. އެކަމުގައި ކަންތައް ދިޔަގޮތް އޮންނާނީ އެހެން ބޮލޮގް ޕޯސްޓެއްގައި ލިޔެލާފައެވެ.

ޕީއެސްއެމް ހިންގުމާ އަޅުގަނޑު ހަވަލުވިއިރު 2019ގެ މުޅިއަހަރަށް ވިއްކާ އިސްތިހާރުތައް ވަނީ ބިޑުކޮށް ނިމިފައެވެ. ދެން ތައްޔާރުވާންޖެހުނި ކުރިއަށް އޮތް އަހަރަށެވެ. އިސްތިހާރުކުރެވޭނެ ފަސޭގޮތްތައް އިންތިޒާމްކުރީމެވެ. އިސްތިހާރު ކުރަން ބޭނުން ފަރާތްތަކަށް މުޅި ހައްލު ލިބޭނެ އިންތިޒާމް ހަމަޖައްސާދެވުނެވެ. އަދި މިއަހަރު ތެރޭ ބާރު އެޅީ އުފެއްދުން އިތުރު ކުރާށެވެ. އުފެއްދުން އިތުރުކުރީމެވެ. 2020ގެ ބިޑުން 9 މިލިއަނަށް ވުރެ މައްޗަށް އިސްތިހާރު ވިކުނެވެ. އަހަރު ފަށައިގަނެވުނީ ވަރަށް އުޖާލާކޮށް އުއްމީދާއި އެކުގައެވެ.

އެއީ މިއީ ޕީއެސްއެމްގެ ހަޔާތުގައިވެސް އެންމެ މައްޗަށް އަހަރީ ބިޑަށް ލިބުނު އަހަރެވެ. ނަމަވެސް ކަންދިމާވީ ވަރަށް ނަސީބު ދެރަކޮށެވެ. ކުރިމަތިވީ ކޯވިޑުގެ ވަބާއެވެ. ބިޑުކުރިފަރާތްތަކަށްވެސް ވިޔަފާރިދަށްވުމާއެކު ވަރަށް ގިނަ ފަރާތްތަކުން ވަކި ހިސާބަކުން އެއްބަސްވުން ކެންސަލުކުރަން އެދުނެވެ. އެހެން ކަމުން ޗުލައިންޓުން ހީފޭއްޓުމަށް ޑިސްކައުންޓް ދޭން މަޖުބޫރުވިއެވެ. ލިބެމުން ދިޔަ އާންމުދަނީ ކުޑަވިޔެއެވެ.

ކޯވިޑަށްފަހު، ޖެހިގެން އައި އަހަރުތަކުގައި ބިޑުތައް ދިޔައީ ވަރަށް ދަށްކޮށެވެ. 3-4 މިލިއަން ރުފިޔާގެ ތެރޭގައި ޖެހުނީ ފުއްދާލާށެވެ. އަދި ކޯވިޑަށްފަހު އިސްތިހާރު ކުރުމުގެ ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް އައެވެ. ގިނަ ފަރާތްތަކުން އޮންލައިންކޮށް އިސްތިހާރު ކުރަން ފަށައިގަތެވެ.

މާރކެޓުކުރާ ގޮތާއި މާހައުލަށް ބަދަލުތަކެއް އައުމާއި ގުޅިގެން އިސްތިހާރު ހޯދުން ގޮންޖެހުމަކަށް ވިއެވެ.

މިހެން މިކަން އޮތްއިރުވެސް ކުންފުނީގެ ދަރަނި ދައްކަންޖެހެއެވެ. އަޅުގަނޑާއި ހަވާލުވިއިރު ދައްކަން ހުރި ދަރަނި ހުރީ ގާތްގަނޑަކަށް 80 މިލިއަނުން މަތީގައެވެ. މި ފަސް އަހަރު 50 މިލިއަނަށް ވުރެބޮޑުކޮށް ދަރަނި ދެއްކުނެވެ.

ޕީއެސްއެމާއި ކުރި މަތިވި ކޯޓު ކޭސްތަކުގައި ގެންގުޅޭ އުސޫލަކީ 3 މަރުހަލާ ނިންމައިގެން ފައިސާ ދެއްކުމެވެ. އަދި މިގޮތަށް ފައިސާ ދެއްކުމުގައިވެސް ފައިސާދައްކަންޖެހޭ އަދަދު އަސްލު މަސައްކަތުގެ އަގަށް ކުޑަކުރެވޭތޯ އެފަރާތާއި މަޝްވަރާ ކުރަމެވެ.

ފައިސާ ދެއްކޭގޮތް ނުވަނީ ގަވާދާއި ޚިލާފަށް ބިޑުކުރުމާއި ފައިސާ ދެއްކޭގޮތަށް ލިޔެކިޔުން ހަމަނުވާ މައްސަލަތަކެވެ. މިކަހަލަ މައްސަލަތަކުގައި ޕީއެސްއެމުން ފޮނުވަނީ އޭސީސީއަށެވެ. އަދި ފައިސާ ހޯދުމަށް މަސައްކަތްކުރާ ފަރާތްތަކުން ކޯޓަށް ދެއެވެ. އަދި މިފަދަ ފަރާތްތަކުން އަޅުގަނޑާއި ބައްދަލަކުރަން އާދެއެވެ. ކަން އޮތްގޮތް އަޅުގަނޑު ކިޔާދެމެވެ. މިފަދަ ބައްދަލުވުންތަކުގައި އަޅުގަނޑާއި އެކު މިކަމާއި ގުޅޭ ޑިޕާރޓްމަނޓުގެ ވެރިން ބައިވެރި ކުރަމެވެ.

ބައެއް ފަރާތްތަކުން އަޅުގަނޑާއި އޮފީހުން ބޭރުގައި ބައްދަލުރަން ބޭނުންވެއެވެ. އެކަން އަޅުގަނޑު ނުކުރަމެވެ. މިގޮތަށް ކޯޓުގައި ހުރި މައްސަލަތައް އަޅުގަނޑު ފާހަގަ މިކޮށްލަނީ މިއީ އާންމު މައުލޫމާތު ކަމަށްވާތީއެވެ. އަދި އެއްވެސް ސެންސިޓިވް މައުލޫމާތެއް ނުހިމަނާނަމެވެ. އެއީ ކޯޓުގައި ހިންގާ މައްސަލަތަކަށްވާތީ އެއަށް އެއްވެސް ވަރެއްގެ ނުފޫޒެއް ވަދެދާނެކަމަށް އެއްވެސްފަރާތަކުން ހީކޮށްފާނެތީއެވެ.

ކޯޓް ކޭސްތަކުގެ ތަފްޞީލް

ޕީއެސްއެމްގެ މައްޗަށް އެހެން ފަރާތްތަކުން ސިވިލްކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް

1. އައުޓް ޑޯ ލެޑް ސްކްރީންތަކެއް ސަޕްލައިކޮށްދިންކަމަށް ބުނެ އެތަކެތީގެ ފާއިސާ ހޯދުމަށް - ޝަންހައި އެވްރޮން އިންޓަރނޭޝަނަލް ޓްރޭޑްކޯ - 18 ޖޫން 2023 - 718،900 ޑޮލަރު

މިއީ 2018ގައި މާލޭގެ އާޓިފިޝަލް ބީޗާއި އަމީނީ މަގު ނިމޭ ހިސާބުގައި ޖަހާފައި ހުރި ލެޑް ޕެނަލްތަކެވެ. މިލެޑް ޕެނަލް އެވޯޑުކޮށްފައި ވަނީ ބިޑުކުރުމެއް ނެތިއެވެ. އަދި މަސައްކަތް ހަވާލު ކުރިކަމުގެ ލިޔުމެއް އަދި މަސައްކަތް ނިންމާ ހަވާލު ކުރި ކަމުގެ ލިޔުންތަކެއް ނެތެވެ.

2. ޕީ.އެސް.އެމްއަށް ސެކިއުރިޓީގެ ޚިދުމަތް ދިނުމުގެ އަގުގެ ތެރެއިން ނުލިބިވާ ފައިސާ ހޯދުމަށް – ގުޑްވާރކްސް – 1 ޖޫން 2023 - 629،375.00 ރުފިޔާ

އެއްބަސް ވެނުނުގުތާއި އެއްގޮތަށް މަސައްކަތް ނުކުރާތީ ފައިސާ ހިފޭއްޓިފައި އޮތްވާ އެފައިސް ހޯދުމަށް ކޯޓަށް ހުށަހެޅިއެވެ. ފައިސާ ދަނީ ދައްކަމުންނެވެ.

3. ޕީ.އެސް.އެމްގެ އެތެރޭ ކޮށްފައިވާ މަސައްކަތުގެ އަގުގެ ފައިސާ ހޯދުމަށް – އޭޕީވަން ސަޕްލައި – 08 ޖުލައި 2019 – 1،639،751.01 ރުފިޔާ. ލިޔެކިޔުންތައް ހަމަނުވާތީ ފައިސާ ނުދެއްކިފަ އެވެ. ބިޑުކުރުމާއި މަސައްކަތް ނިންމިކަމުގެ ލިޔެކިޔުންތަކެއް ނެތެވެ.

4. 2018 ވަނައަހަރުގެ ދިވެހިރާއްޖޭގެ ރިޔާސީ އިންތިޚާބުގެ ކަވަރޭޖްގައި ބޭނުންކުރުމަށް " އޮގްމެންޓެޑް ރިއަލިޓީ " ސޮފްޓްވެއަރ ޑެލިވަރކޮށް އެސޮފްޓް ވެއަރަ އަށް ދައްކަންޖެހޭ ފައިސާ ހޯދުމަށް - ވިޒްޑަމް ޓެލެވިޜަން / ސިސްޓެމަސް އިންފޮރމެޓިކްސް ޕެރާ ޓެލެވިޒޯ އެލްޑީއޭ - 2 ޖެނުއަރީ 2023 – 39،750 ޑޮލަރު

އެއްވެސް ފަރާތެއްގެ އިތުރު ކޯޓޭޝަނެއް ނެތި ކުރެވިފައިވާ މަސައްކަތެއް. މިއަށްވަނީ އެޑްވާންސްވެސް ދެއްކިފައެވެ. އަދި މުޅި ކުލީގެ އަގަށް ބަލާއިރު ވާރޗުވަލް ސެޓެއް ގަތުމުގެ އަގުމިވަނީ ހަރަދުކޮށްފައެވެ.

ޕީއެސްއެމް ގެ މައްޗަށް ފައިސާ ދެއްކުމަށް ޙުކުމް ކޮށްފައިވާ މައްސަލަތައް

1. ސަޕްލައި ކުރި ތަކެއްޗަށް ފައިސާ ހޯދުމަށް ކޮށްފައިވާ ދަޢުވާ - ބްރިލިއަންޓް – ހުށަހެޅިތާރީޚް: 20 ސެޕްޓެމްބަރ 2022

ހުކުމް ކުރި ތާރީޚް: 21 ސެޕްޓެމްބަރ 2023 - 752،816.15 ރުފިޔާ

2. ޕީ.އެސް.އެމްގެ އެމް.ޑީ ބިއުރޯ އަލުން ހެދުމުގެ މަސައްކަތުގެ އަގު ހޯދުމަށް. – އާޓިޝަން ޕްރައިވެޓް ލިމިޓެޑް – ހުށަހެޅި ތާރީޚް: 29 މެއި 2020، ހުކުމް ކުރި ތާރީޚް: 29 އެޕްރިލް 2021 4،516،697.1 ރުފިޔާ

މިއީ ލިޔުންތަށް އހަމަނުވާ މައްސަލައެއް. އަދި ބިލުތައް ހުށަހަޅާފައި ހުރީ އެހެން ފަރާތްތަށްކޮށަފައި ހުރި މަސައްކަތްތައް ވެސް މި ޕްރޮޖެކްޓްގައި ލައިގެންނެވެ. އެހެންކަމުން ނުކުރާ މަސައްކަތަށް ބިލުކޮށްފައި އެބަހުއްޓެވެ.

3. ޕީއެސްއެމްގެ ތެރޭގައި ކޮށްފައިވާ މަރާމާތުގެ އެކިއެކި މަސައްކަތުގެ އަގުގެ ފައިސާ ހޯދުމަށް. - މިވެސް ޕވޓ ލޓޑ. – ހުށަހެޅި ތާރީޚް: 08 ޖުލައި 2019، ހުކުމްކުރި ތާރީޚް: 24 ސެޕްޓެމްބަރ 2022- 1،460،468.00 ރުފިޔާ. މި މަސައްކަތްތަށް ތަފްސީލު ކުރެވިފައި ނެތެވެ.

4. ކުންފުނީގެ ތަފާތު އެކިއެކި މަސައްކަތްތައް ކުރުވުމަށްފަހު އެއްވެސް ލިޔެކިއުމެއް ނެތުމުން ފައިސާ ދީފައި ނުވާތީ އެމައްސަލަ ސިވިލްކޯޓަށް ހުށަހަޅާފައި

ޖޭއެމްޖޭ / ޔާޞިރާ ޔޫޞުފް – ހުށަހެޅި ތާރީޚް: 18 ޖެނުއަރީ 2022 – ހުކުމްކުރި ތާރީޚް: 24 އެޕްރިލް 2022- 3،347،598.6 ރުފިޔާ

5. ދަޢުވާކުރާ ފަރާތަށް ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ފައިސާގެ ތެރޭގައި ހިމެނޭ ޗެނަލް ރައިޑިންގ ފީއަށް ދައްކަންޖެހޭ ފައިސާ- މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް، ހުށަހެޅި ތާރީޚް: 12 ޖޫން 2022 - ހުކުމްކުރި ތާރީޚް: 18 ޖެނުއަރީ 2023 – 9،309،577.52 ރުފިޔާ

މިއީ ބިޑު ކުރުމާއި ފައިސާ ދެއްކޭނެ ލިޔެކިއުންތައް ނެތް މަސައްކަތްތަކެވެ. މިފަދަ މަސައްކަތްތަކަށް ފައިސާ ދެއްކުމުން، ކޮރަޕްޝަންގެ މައްސަލަ ކުރިމަތިވާނެއެވެ. ކޯޓުން ހުރިހާ މަރުހަލާތަކެއް ނިންމާ، ޝަރިޔަތުން ފައިސާ ދެއްކުމަށް ހުކުމެއް އައުމުން ދެން އިތުރު މައްސަލަ ކުރިމަތި ނުވާނެކަމަށް އަޅުގަނޑަށް ޤަބޫލުކުރެވެއެވެ.

އަޅުގަނޑަށް ސުވާލު އުފެދެނީ މިހުރިހާ ހެކިތަކެއް ސާފުކޮށް ފެންނަށް ހުއްޓާ، ޝަރީއަތުން ގިނަ މައްސަލަތައް ނިންމަނީ ޕީއެސްއެމާއި އިދިކޮޅަށް އަދި އަނެއް ފަރާތުން ހުށަހަޅާފައި އަގަށެވެ.

އެހެންވީމާ، މިއަދުވެސް ޕީއެސްއެމްގެ ބިމެއްގައި ކޮންމެވެސް ފަރާތަކުން އިމާރާތެއް އަޅާފައި ކުންފުނިން ހަވާލުވާން އެންގުމުން އެތަނަކާއި ހަވާލު ނުވުމުން ޝަރިއްއަޔަތަށް ގޮސް އެފައިސާ ހޯދިދާނެ މަގު މިޝަރިއްޔަތުގެ ނިންމުންތަކުން އަޅުގަނޑަށް އެބަ ފެނެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓްގައި ހިނގަމުންދާ މައްސަލަތައް

1. ޕީއެސްއެމްގެ ތެރޭ ކޮށްފައިވާ މަރާމާތުގެ އެކިއެކި މަސައްކަތުގެ އަގުގެ ފައިސާ ހޯދުމަށް - މައިބަދަ ޕްރައިވެޓް ލިމިޓެޑް – 214،100 ރުފިޔާ. މިއީ ލިޔެކިޔުންތައް ހަމަ ނޫން މައްސަލައެކެވެ.

2. އެމްއެންބީސީ އިޝްތިހާރު ކޮށްދިނުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އެފައިސާ ހޯދުމަށް – ބިޒްނަސް އިމޭޖް ގްރޫޕް 78،576،659.88 ރުފިޔާ

މިއީ ވަރަށް ދުވަސްވެފައިވާ މައްސަލައެކެވެ. މިމައްސަލައަށް ހުކުން އިވާފައިވަނީ ޖޫން 2016 ގައެވެ. އަދި ޕީސީބީއިން މިފައިސާ ދެއްކުމަށް ޕީއެސްމްއެމް އަށް އޮކްޓޫބަރ 2016 ގައި އަންގާފައިވެއެވެ. އެމްއެންބީސީ އުވާލުމުގެ މަރުހަލާގައި ހުރިހާ ހަރުމުދަލަކާއި ފިކުރީ މުދާ އެމްބީސީއަށް ބަދަލު ކުރުމުގައި ބިގް ކުންފުނީގެ ދަރަނި ވަނީ އެމްބީސީއަށް ބަދަލުކުރެވިފައެވެ. އަދި އެމްބީސީ އުވާލައި އުފެއްދި ޕީއެސްއެމް ކުންފުންޏަށް ހުރިހާ ދަރަންޏަކާއި އަރަންޏެއްވަނީ ބަދަލު ކުރެވިފައެވެ. އަދި ޕީއެސްއެމްގެ ބޯޑުންވަނީ މިކަމަށް އިއުތިރާޒު ނުކޮށެވެ.

ދެން އަމަލު ކުރަންޖެހެނީ ކޯޓުން ނިއާއެވެ. ކޯޓަށް ހާޒިރުވުމަށް ޕީއެސްއެމަށް އަންގާފައިވަނީ އެމްއެންބީސީ ނަމުގައެވެ. އެހެންކަމުން ޕީއެސްއެމުން ކޯޓަށް ހާޒިރު ނުވެއެވެ. ޕީއެސްއެމްގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާފައިވަނީ 78 މިލިއަން ރުފިޔާ ދައްކާށެވެ. އަދި ފައިސާ ނުދައްކާ ކޮންމެ ދުވަހަކަށް ޖޫރިމަނާ ވެސް ވާގޮތަށެވެ.

އަޅުގަނޑު މިކަމުގައި ކަންކަން ނިންމާފައިވާނީ އޭރު ލިބުނު ގާނޫނީ ލަފާގެ މަތިންނެވެ. އަޅުގަނޑުވާނީ މިކަމުގައި އޭޖީ އޮފީހުގެ ލަފާވެސް އަހައިފައެވެ. އަދި މިނިސްޓްރީ އޮފް ފައިނޭންސްގެ ޤާނޫނީ ލަފާ ވެސް ހޯދީމެވެ. އަޅުގަނޑުގެ އެންމެ ފުރަތަމަ މަޤްޞަދަކަށްވީ އަރަމުން ދިޔަ ޖޫރިމަނާ ހުއްޓުވުމެވެ. އެއީ ދުވަހަކަށް ގާތްގަޑަކަށް 55،000 ރުފިޔާ އެވެ.

ސުޕްރީމް ކޯޓުގައި ހިނގަމުންދާ މައްސަލަތައް

ޕީއެސްއެމްގެ ތެރޭގައި ކޮށްފައިވާ މަރާމާތުގެ އެކިއެކި މަސައްކަތުގެ އަގުގެ ފައިސާ ހޯދުމަށް - މިވެސް ޕްރައިވެޓް ލިމިޓެޑް –

ޖެނުއަރީ 2023 - ،1،460،468.00ރުފިޔާ

ޕީއެސްއެމްއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތައް

ސެޓެލައިޓް ބޭންޑް ވިތު އެކްސްޓާ އަޕްލިންކް ކުރުމާއި، ޓެކްނިކަލް ސެޓަޕް ހަދައިދިނުމުގެ އަގު ހޯދުން ޗެނަލް 13 (މީޑީއާ ރިންގ ޕްރައިވެޓް ލިމިޓެޑް)

ހުށަހެޅި ތާރީޚް: 23 އެޕްރިލް 2019 - ދައުވާގައި ހިމެނޭ އަދަދު: 722،604.33 ރުފިޔާ

ދެއްކި ފައިސާގެ އަދަދު: 280،000.00ރުފިޔާ - ބާކީ ދައްކަންޖެހޭ 442،604،33 ރުފިޔާ

މޯލްޑިވިއަން އައިޑަލްގެ ކޯ ސްޕޮންސަގެ ގޮތުގައި އިޝްތިހާރު ދެއްކުމަށްފަހު ދައްކަންޖެހޭ ފައިސާ ހޯދުން.- ދެކެދެކެވެސް ޕްރޮޑަކްޝަން

ހުށަހެޅި ތާރީޚް؛ 19 ޖެނުއަރީ 2021 - ދައުވާގައި ހިމެނޭ ފައިސާގެ އަދަދު :84،559.17 ރުފިޔާ

ދައްކަންޖެހޭ އަދަދު: 84،559.17 ރުފިޔާ

މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ މެއިން ސްޕޮންސަރ ހޯދުމަށް 01 ފެބުރުއަރީ 2018 ގައި އެއްބަސްވުމުގެ ދަށުން އެޚިދުމަތް ހޯދުމަށްފަހު ދައްކަންޖެހޭ ފައިސާ ހޯދުން

ސިބްކޯ ޕްރައިވެޓް ލިމިޓެޑް – ހުށަހެޅި ތާރީޚް؛ 12 ޖެނުއަރީ 2019 ހުކުމްކުރި ތާރީޚް: 29 ޖެނުއަރީ 2020

ދައުވާގައި ހިމެނޭ އަދަދު: 498،035.16 ރުފިޔާ، ދައްކަންޖެހޭ އަދަދު: .609،675.96 ރުފިޔާ

ސެޓެލައިޓް ޓްރާންސްޕޮންޑަރ ހަމަޖައްސައިދީ އަޕްލިންކް ކޮށްދިނުމަށް ދައްކަންޖެހޭ ފައިސާ ހޯދުން – ސެވަންމީޑިއާ ގްރޫޕް (ސަންގު ޓީވީ)

ހުށަހެޅި ތާރީޚް: 16 އޮކްޓޮބަރ 2017 - ދައުވާގައި ހިމެނޭ އަދަދު: 00 .954،134 ރުފިޔާ

ވީޑީއޯ ފައިބަރ ލިންކްގެ ޚިދުމަތަށް ދައްކަންޖެހޭ ފައިސާ ހޯދުން. - ސެވަން މީޑިއާ ގްރޫޕް (ސަންގުޓީވީ) ހުށަހެޅި ތާރީޚް؛ 1އޮކްޓޯބަރ 2022

.22 ޖޫން 2023ގައި ދެވަނަ ފަހަރަށް ހުށަހެޅިފައި – ދައުވާގައި ހިމެނޭ ފައިސާގެ އަދަދު : 9540.00ރުފިޔާ

2021 ވަނަ އަހަރު މުޙައްމަދު ރަސޫލުﷲ ޕްރޮގްރާމް ސްޕޮންސަރ ކުރުމުގެ އަގަށްވާ ފައިސާ ހޯދުން. – ކެމިސްޓްރީ ޕްލަސް،

ހުށަހެޅި ތާރީޚް: 14 ޖޫން 2022 – ދައުވާގައި ހިމެނޭ އަދަދު: 15،900.00 ރުފިޔާ

ޕީ.އެސް.އެމްގެ ޗެނަލްތަކުން އިޝްތިހާރު ދެއްކުމަށް ޕްލެޓިނަމް ޕެކޭޖްއިން ސޮޕޮންސަރ ކުރުމުގެ ފީއަށްވާ ފައިސާ ހޯދުމަށް. - އެމްވީ އެކްސް ޓްރޭޑިންގ ޕްރައިވެޓް ލިމިޓެޑް

ހުށަހެޅީ ތާރީޚް: 18 މެއި 2022 ދައުވާގައި ހިމެނޭ އަދަދު: 40،354.02. ރުފިޔާ

2012 ވަނަ އަހަރު ޚަބަރު ޕީއެސްއެމް ޚަބަރާއި، ޕްރޮގްރާމްތައް ސޮޕޮންސަރ ކުރުމުގެ ފީއަށްވާ ފައިސާ ހޯދުމަށް. - ބޭވިއު ޕްރައިވެޓް ލިމިޓެޑް، ހުށަހެޅި ތާރީޚް؛ 06 ޖޫން 2022 - ދައުވާގައި ހިމެނޭ ފައިސާގެ އަދަދު: 395،592 ރުފިޔާ

މޯލްޑިވިއަން އައިޑަލް ސީޒަން 1 ގެ ކޯ ސްޕޮންސަރއެއްގެ ގޮތުގައި އައިޑަލްގެ ޕްރޮގްރާމްތައް ސްޕޮންސަރކޮށް އިޝްތިހާރު ދެއްކުމުގެ ޚިދުމަތަށް ދައްކަންޖެހޭ ފައިސާއާއި، ގޯލްޑަންގޭޓް ހުށަހެޅީ ތާރީޚް؛ 15 އޮގަސްޓް 2023 ދައުވާގައި ހިމެނޭ އަދަދު: 255،747.30 ރުފިޔާ

.މޯލްޑިވިއަން އައިޑަލް ސީޒަން 1 ގެ ކޯ ސްޕޮންސަރއެއްގެ ގޮތުގައި އައިޑަލްގެ ޕްރޮގްރާމްތައް ސްޕޮންސަރކޮށް އިޝްތިހާރު ދެއްކުމުގެ ޚިދުމަތަށް ދައްކަންޖެހޭ ފައިސާއާއި،- ޑްރީމްސް ހޯލްޑީންގްސް ޕވޓް ލޓޑ ހުށަހެޅި ތާރީޚް: 5 ސެޕްޓެމްބަރ 2023 ދައުވާގައި ހިމެނޭ އަދަދު: 275،070.00 ރުފިޔާ

އޭ.އެފް.ސީ މީޑިއާ ރައިޓްސް އަދި އޭ.އެފް.ސީ ކަޕްގެ މެޗްތަކުގެ ޕްރޮޑަކްޝަން އާއި، ލައިވް ބްރޯޑްކާސްޓް ހެދުމަށް ދައްކަންޖެހޭ ފައިސާ ތެރެއިން ނުލިބިވާ ފައިސާ - ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ހުށަހެޅި ތާރީޚް؛ 30 އޮގަސްޓް 2023 ދައުވާގައި ހިމެނޭ އަދަދު: 308،400،00 ރުފިޔާ

2012 ވަނަ އަހަރުގެ ރަމަޟާންމަހު ޓީވީ މޯލްޑިވްސް އިން ދެއްކި "ހާރުދަން" ޕްރޮގްރާމާއި، "އަވަސްވިއްޔާ އަވަސް" ޕްރޮގްރާމާއި، "ދި އައިލެންޑް ސަވައިވަރ" މި 3 ޕްރޮގްރާމް ދައްކަމުންދާ ވަގުތު ދަޢުވާ ލިބޭ ފަރާތުގެ އިޝްތިހާރު ދެއްކުމަށް ކޯ ސްޕޮންސަރގެ - އެޕޯލޯ ސްޕީޑް ސާރވިސް ޕްރައިވެޓް ލިމިޓެޑް - ހުށަހެޅި ތާރީޚް: 5 ސެޕްޓެމްބަރ 2023 ދައުވާގައި ހިމެނޭ އަދަދު: 53،800 ރުފިޔާ

2023ގައި ތާންތުރީ ޓްރެއިލަރަސް (ޕވޓ) ލޓޑ މައްޗަށް ކުރާ ދަޢުވާ ހުށަހެޅީމެވެ. އެއީ ކުންފުނީގެ މީޑިއަމް ވޭވް ޕްރޮޖެޓް، ރޭޑިއޯ ސިގްނަލް ރާއްޖޭގެ ހުރިހާ ހިސާބަކަށް ފުރިހަމައަށް ފޯރުކޮށްނުދެވިވާތީ އެވެ. މިއީ ކުންފުނީގައި 2016 ހާއިރު ބިޑުކޮށްގެން ފެށިފައިވާ ޕްރޮޖެކްޓްއެކެވެ. މިއީ 2016 ހާތަނުގައި ކުންފުނީހެ ޓްރޭނިން ސެންޓަރު ހިންގުމަށް ކުއްޔަށް ހިފިތަނަކަށް އެޑްވާންސްގޮތުގައި މުޙައްމަދު އަބްދުﷲ (ހ. ޖޯޖެޑްވިލާ) ދޫކުރެވިފައިވާ ފައިސާ ހޯދުމަށް ކުރާ ދަޢުވާ އެކެވެ. މައްސަލަ ހުށަހެޅީ 2023ގައެވެ.

ޕީއެސްއެމް އިން ސިވިލް ކޯޓަށް ހުށަހަޅުމުގެ މަސައްކަތް ކުރަމުންދާ މައްސަލަތައް

1. ޓީވީ މޯލްޑިވްސް އިން ދެއްކި 2 ޑްރާމާކަމަށްވާ "ސަނދުރަވީރޭ" އަދި "ޢިޝްޤް" މި 2 ޑްރާމާ ދައްކަމުންދާ ވަގުތު އެކުންފުނީގެ އިޝްތިހާރު ދެއްކުމަށް ކޯ ސްޕޮންސަރ- ފައިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް – ދައުވާގައި ހިމެނޭ ފައިސާގެ އަދަދު : 26،000.00 ރުފިޔާ

2. އައިލެންޑް ޓީވީ - ދައުވާގައި ހިމެނޭ ފައިސާގެ އަދަދު: 22،100.00 ރުފިޔާ

3. ޕަލްމިރާ ކޮންސްޓްރަކްޝަން – ދައުވާގަހި ހިމެނޭ ފައިސާގެ އަދަދު: 9،660.00 ރުފިޔާ

4. ސެނިއަރ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް - ދައުވާގައި ހިމެނޭ ފައިސާގެ އަދަދު: 7،650.00 ރުފިޔާ

5. ޓެލެމޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް - ދައުވާގައި ހިމެނޭ ފައިސާގެ އަދަދު: 98،929.80 ރުފިޔާ

އެޑިޓަރުގެ ނޯޓް: އަލީ ޚާލިދަކީ ދައުލަތުގެ މީޑިއާ ހިންގާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ މެނޭޖިން ޑިރެކްޓަރެވެ. މީގެ އިތުރުން މިފްކޯގައި އިސް މަގާމެއް އަދާކުރި އަލީ ވަނީ ރާއްޖޭގެ މުއާސަލާތީ ދާއިރާ ވާދަވެރިކަމަށް ހުޅުވާލުމާއި ގުޅިގެން އަލަށް މާކެޓަށް ނުކުތް ވަތަނިއްޔާގެ ސްލޭސް ޑިޕާޓްމަންޓް ގާއިމުކުރުމުގައި ވެސް އެންމެ އިސްކޮށް ހަރަކާތްތެރިވެފަ އެވެ. އޭނާ މަތީ ތައުލީމް ހާސިލުކުރީ ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން އޮސްޓްރޭލި އާއި މެލޭޝިއާ އިންނެވެ.