ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓް މަޖިލީހުން ފާސްކޮށް، އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް ބަހުސް ކުރުމަށް މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށައަޅާފައިވަނީ 6.5 ބިލިއަން ރުފިޔާ އެވެ.
ބަޖެޓު ދިރާސާކުރާ ކޮމިޓީން ސަޕްލިމެންޓްރީ ބަޖެޓަށް ހުށައެޅި ރިޕޯޓަށް ވޯޓަށް އަހާފައިވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގަ އެވެ. ބަޖެޓު ފާސްކުރަން ފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވި އިރު، ބަޖެޓު ފާސް ކުރަން ނުފެންނަ ކަމަށް ވޯޓް ދެއްވީ 10 މެންބަރުންނެވެ.
މިއަހަރުގެ ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ފިނޭންސް މިނިސްޓްރީން ހުށައެޅުއްވީ 6.5 ބިލިއަން ރުފިޔާ އެވެ. އިތުރުކުރި ހަރަދާއެކު މިއަހަރަށް ފާސްކޮށްފައިވާ 42.8 ބިލިއަން ރުފިޔާގެ ބަޖެޓް ވަނީ 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެފަ އެވެ.
ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީ ދިނުމަށް 1.8 ބިލިއަން ރުފިޔާ، އާސަންދައަށް 1.2 ބިލިއަން ރުފިޔާ އަދި ޕީއެސްއައިޕީގެ މަޝްރޫއުތަކަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ. ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި އައްޑޫ ބިންހިއްކުމާއި، ހަނިމާދޫ އެއާޕޯޓް މަޝްރޫއަށް ބޭނުންވާ ފައިސާ ހިމަނާފައިވެ އެވެ.
ސަޕްލިމެންޓްރީ ބަޖެޓަށް ގެންނެވި އިސްލާހުގައި، ވަނީ މީޑިއާތައް ހިންގުމުގައި އެހީތެރިކަން ދިނުމަށްވެސް ފައިސާ ހިމަނާފައެވެ. އެގޮތުން ރަޖިސްޓްރީކޮށްގެން ހިންގާ ބްރޯޑްކާސްޓް ޚިދުމަތްދޭ ކުންފުނި މީޑިއާތަކަށް ހާއްސަކޮށް ހުށައެޅި 6.5 މިލިއަން ރުފިޔާގެ ބަޖެޓުވެސް ވަނީ ފާސްކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމާލައްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ ބަހުސް މާދަމާގެ ޖަލްސާގައި ފަށާނެކަން އިއުލާނުކުރައްވާފަ އެވެ.
ފިނޭންސް މިނިސްޓްރީން ހުށަހެޅި 49.5 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން ހަރަދުގެ ގޮތުގައި 47.3 ބިލިއަން ރުފިޔާ ހިމަނާފައިވާއިރު ދަރަނި އަނބުރާ ދެއްކުމަށް 2.2 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވެ އެވެ.
އަދި 2024 ވަނަ އަހަރު އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކޮށްފައިވަނީ 33.5 ބިލިއަން ރުފިޔާ އެވެ.