ކުރިއަށް އޮތް އަހަރުގައި ފައިސާ ޗާޕުކުރަން ޕްލޭނެއް ކޮށްފި ނަމަ ޑޮލަރުގެ އެކްސްޗޭންޖް ރޭޓު ކުޑަ ކުރުމަށްޓަކައި އޯޕަން މމާކެޓް އޮޕަރޭޝަންސް (އޯއެމްއޯ) ފެށުމަށް މަޖުބޫރު ވެދާނެ ކަމަށް މަރުކަޒީ ބޭންކު (އެމްއެމްއޭ)އިން ބުނެފި އެވެ.
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން އެމްއެމްއޭއިން ދިން ލަފައިގެ ޕްރެޒެންޓޭޝަންގައި ބުނެފައިވަނީ ފައިސާ އިތުރަށް ޗާޕުކޮށްގެން ދައުލަތުގެ ހަރަދުތައް ހަމަޖައްސާ ނަމަ އިގްތިސާދުގައި ދައުރުވާ ފައިސާ އިތުރުވެ، ބޭރު ފައިސާއަށް އޮންނަ ޑިމާންޑު ދަށްވެ، ރާއްޖޭގެ އެކްސްޗޭންޖް ރޭޓަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
އެމްއެމްއޭ އިން އެހެން ބުނިއިރު މިވަގުތު ޑޮލަރުގެ އަގު ކަޅުބާޒާރުގައި އުޅެނީ ރަސްމީ ރޭޓަށް ވުރެ މާ މަތީގަ އެވެ. މިވަގުތު ކަޅު ބާޒާރުގައި ޑޮލަރެއް ލިބެނީ 17.30ރ.- 18.20ރ. އާ ދެމެދުގެ އަގެއްގަ އެވެ.
އެމްއެމްއޭ އިން ދިން ބަޖެޓު ލަފާގައިވާ ގޮތުން ދައުލަތުގެ ރަސްމީ ރިޒާވް ވަކި ވަރެއްގައި ހިފެހެއްޓުމަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމަށް ބޭރުގެ ފައިނޭންސިންއަކީ މިވަގުތު ކޮންމެހެން ހޯދަން ޖެހިފައިވާ އެއްޗެއް ކަމަށެވެ.
އެމްއެމްއޭ އިން ބުނީ މި އަހަރަށް ފައިނޭންސިންގެ ގޮތުގައި އަންދާޒާ ކޮށްފައިވާ އަދަދުން 200 މިލިއަން ޑޮލަރު ނޮވެންބަރު މަހާއި ޑިސެމްބަރު މަހުގެ ތެރޭގައި ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ބޭރުގެ ފަރާތްތަކުން ފައިނޭންސިންގްގެ ގޮތުގައި 550 މިލިއަން ޔޫއެސް ޑޮލަރު ރަސްމީ ރިޒާވް ގައި ހިމަނާފައިވާއިރު، މި އަދަދުން ބައެއް 2024 ވަނަ އަހަރު ކުރީކޮޅު ރިޒާވަށް ލިބުމަކީ މުހިންމު ކަމެއްކަމުގައި ވެސް މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.
އެމްއެމްއޭ އިން ވަނީ އަންނަ އަހަރަށް ލަފާކުރާ އާމްދަނީ އިން 1.3 ބިލިއަން ރުފިޔާގެ ހިލޭ އެހީ ނުލިބުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށާއި އަންނަ އަހަރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް ހުށަހަޅާފައިވާ ސިޔާސަތުތައް އަވަސް މުއްދަތެއްގެ ތެރޭގައި ތަންފީޒުކުރަން އެދިފަ އެވެ.