ޕީޕީއެމް/ ޕީއެންސީ ލީޑަޝިޕްގެ އެތެރޭގައި މައްސަލަތަކެއް ޖެހި، ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާ ކަމަށް އަޑުފެތުރިފައި ވަނިކޮށް ޕީއެންސީ އަށް މެމްބަރުން އިތުރު ކުރުމަށް ވަކި އޮފީހެއް ހުޅުވައިފި އެވެ.

މީގެ ކުރިން ޕީއެންސީ ހިންގަމުން ދިޔައީ ހ. ހުރަފާ ގައި ހުންނަ ޕީޕީއެމް އޮފީހުގަ އެވެ. އެހެން ނަމަވެސް މިހާރު ވަނީ ޕީއެންސީ ހިންގުމަށް ވަކި އޮފީހެއް ގާއިމްކޮށްފަ އެވެ.

ޕީއެންސީ ހިންގުމަށް ވަކި އޮފީހެއް ގާއިމްކޮށްފައި ވަނީ އެޕާޓީއަށް މެމްބަރުން އިތުރު ކުރުމަށް ފޯމުފުރުމުގެ ކަންކަން ޕީޕީއެމް އޮފީހުގައި ކުރިއަށް ގެންދާތީ ޕީޕީއެމް އޮފީހުގެ ބޭފުޅުންގެ މަސައްކަތްތަކަށް ދަތިވާތީ ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވެފައިވެ އެވެ.

ޕީއެންސީއަށް މެމްބަރުން އިތުރު ކުރުމަށް ވަނީ ހަރަކާތްތަކެއް ފަށައިފަ އެވެ.

ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) މީގެ ކުރިން ވިދާޅުވެފައި ވަނީ ޕީއެންސީއަށް މެމްބަރުން އިތުރު ކުރަނީ ޕީޕީއެމްއާ ހިޔާލުތަފާތުވެގެން ނޫން ކަމަށާއި ޕީއެންސީ އަކީ ވެރިކަން ކުރާ ޕާޓީއަށްވާތީ ކަމަށެވެ. އަދި މަސައްކަތް މިކުރަނީ ޕީއެންސީއަށް 10،000 މެމްބަރުން ހަމަކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެންސީއަށް މެމްބަރުން އިތުރު ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އެދުމުގެ މަތީން ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޑރ. މުއިއްޒު އިންތިހާބުވުމަށްފަހު ޕީޕީއެމްއާއި ޕީއެންސީގެ މަސައްކަތް ކުރަނީ މުޅިން ވަކިންނެވެ.