އިންޑިއާގެ މުނިފޫހި ފިލުވުމުގެ ދާއިރާގައި މައްސަލަ ބޮޑު ތަރިއެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ރާކީ ސާވަންތުއާއި އޭނާގެ ފިރިމީހާ އާދިލް ދުރާނީ ބިގްބޮސްއަށް ވަންނަން އުޅޭ ކަމުގެ އަޑުތައް އަރައިފި އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި ރާކީގެ ދެމަފިރިން މިހާރު ކުރިއަށްދާ ބިގްބޮސްގެ ސީޒަން 17އަށް ވަންނާނީ ވައިލްޑް ކާޑް ކޮންޓެސްޓުންގެ ގޮތުގަ އެވެ.

ރާކީ ވަނީ ބިގްބޮސްގެ އެހެން ތިން ސީޒަން އަކުން ވެސް ފެނިގެން ގޮސްފަ އެވެ. އެއީ ސީޒަން 1، ސީޒަން 14 އަދި ސީޒަން 15 އެވެ.

މީގެ ކުރިން އެ ޝޯއަށް އައި ފަހަރުތަކުގައި ވެސް ރާކީ ވަނީ އޭނާގެ ޒާތީ ދިރިއުޅުމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. އެގޮތުން ބިގްބޮސް 14ގައި ރާކީ ވަނީ އޭނާގެ ފުރަތަމަ ފިރިމީހާ ރިތޭޝް އާއްމުންނަށް ތައާރަފް ކޮށްދީފަ އެވެ.

އެެހެން ނަމަވެސް ޖެހިގެން އައި ސީޒަންގެ ފަހުން ރިތޭޝް އޭނާއަށް ބޭވަފާތެރިވި ކަމަށް ބުނެ ރާކީ އޭނާގެ ކައިވެނި ނިމުމަކަށް ގެނަ އެވެ.

އޭގެ ފަހުން ދެން އޭނާ ކައިވެނިކުރީ މުސްލިމެއް ކަމަށްވާ އާދިލް ދުރާނީއާ އެވެ. އިސްލާމްދީން ގަބޫލުކޮށް ނަން ވެސް ބަދަލުކުރުމަށްފަހު ކުރި އެ ކައިވެންޏަކީ އާދިލްގެ އާއިލާއިން އޭނާ ލައްވާ ގަދަކަމުން ކުރި ކަމެއް ކަމަށް ރާކީ ބުނެފައިވެ އެވެ.

މިވަގުތަށް ބަލާއިރު ރާކީއާއި އާދިލް ކައިވެނި ކޮށްގެން އުޅުނު ނަމަވެސް ދިރިއުޅެނީ އެކީގައެއް ނޫނެވެ. ރާކީ ވަނީ އާދިލްގެ މައްޗަށް ގެވެށި އަނިޔާގެ ތުހުމަތުތަކެއް ކޮށް ފުލުހަށް މައްސަލަ ހުށައަޅާފަ އެވެ.

އެހެން ކަމުން ރާކީއާއި އާދިލް މިފަހަރުގެ ބިގްބޮސްއަށް އައިސްފިނަމަ ގިނަ އަޑުތަކެއް އަރާނެ ކަމަށާއި ޑްރާމާތަކެއް ފެންނާނެ ކަމަށް ގިނަ މީހުން އަންނަނީ ބުނަމުންނެވެ.