މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ ހިންގުމުގެ ކަންކަން ބެލެހެއްޓުމަށްޓަކައި އުފައްދަވާފައިވާ "މާލެ ހޮސްޕިޓަލްސް ބޯޑް އޮފް ޓްރަސްޓީސް" ގެ ނަން "މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑް" ގެ ނަމަށް ރައީސް މުހައްމަދު މުއިއްޒު ބަދަލުކުރައްވައިފި އެވެ.

މާލޭ ސަރަހައްދުގެ މައި ހޮސްޕިޓަލްތަކުގެ ހިންގުމުގެ ކަންކަން ބެލެހެއްޓެވުމަށް އުފައްދަވާފައިވާ މިބޯޑުން ބަލަހައްޓާ ހޮސްޕިޓަލްތަކަކީ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް، ދަރުމަވަންތަ ހޮސްޕިޓަލް، ހުޅުމާލެ ހޮސްޕިޓަލް އަދި ވިލިމާލެ ހޮސްޕިޓަލެވެ.

މިބަދަލާއެކު، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑަކީ، ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން ހިނގާ އަދި އެ މަނިކުފާނަށް ޖަވާބުދާރީވާނެ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ. މި ބޯޑު އިދާރީގޮތުން ހިނގަމުންދާނީ ސިއްހީ ވުޒާރާގެ ދަށުން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

މިބަދަލާ ގުޅިގެން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ގަވާނިން ބޯޑް އަލުން އެކުލަވައިލެއްވުމަށްވެސް ރައީސް މުއިއްޒު ވަނީ ނިންމަވާފަ އެވެ.