އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވެސްޓް ހޭމް އަތުން 3-1 އިން މޮޅުވެ ލިވަޕޫލް ތާވަލްގެ ތިން ވަނަ އަށް ޖެހިލިއިރު، ޗެލްސީން ވަނީ އާ ކޯޗު ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ފުރަތަމަ މޮޅު ހޯދައިފަ އެވެ.

ރަށުން ބޭރުގައި ވެސްޓް ހޭމް އަތުން ލިވަޕޫލް މޮޅުވިއިރު، މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. ލިވަޕޫލްގެ ތިން ވަނަ ލަނޑު ޖެހީ ޖޯޖީނިއޯ ވައިނާލްޑަމް އެވެ. މެޗުގެ 87 ވަނަ މިނިޓުގައި ވެސްޓް ހޭމަށް ސުން ކަނޑުވާލަދިނީ ކްރެއިގް ޑޯސަން އެވެ.

މި މޮޅާއެކު، ލިވަޕޫލް ތިން ވަނަ އަށް ޖެހިލީ 40 ޕޮއިންޓާއެކު އެވެ. ލީގުގައި ރޭ ލީޑްސް ޔުނައިޓެޑް އަތުން 3-1 އިން ބަލިވެ، ލެސްޓާ ސިޓީ ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. މެންޗެސްޓަ ޔުނައިޓަޑް 41 ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު، ތާވަލްގެ އެއްވަނައިގައި 44 ޕޮއިންޓާއެކު އޮތީ މެންޗެސްޓާ ސިޓީ އެވެ.

ޗެލްސީގެ ކޯޗުކަމާ މިދިޔަ ހަފުތާގައި ހަވާލުވި ޓުޗެލްގެ އިރުޝާދުގެ ދަށުން ޗެލްސީ ވަނީ ރޭ ބާންލީ އަތުން 2-0 އިން މޮޅުވެފަ އެވެ. މި މެޗުގައި ޗެލްސީ އަށް ލަނޑު ޖަހައިދިނީ މާކޮސް އަލޮންސޯ އަދި ސެޒާ އަޒްޕިކުއެލްޓާ އެވެ. ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުގައި ޗެލްސީ ވަނީ ވުލްވްސްއާ އެއްވަރުވެފަ އެވެ.

ލީގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން ބްރައިޓަން ވަނީ 1-0 އިން މޮޅުވެފަ އެވެ.