މިޔަންމާގައި މިއަދު ހިނގަމުން އެދަނީ 2012 ވަނަ އަހަރުގެ ފެބްރުއަރީ ހަތެއްގައި ރާއްޖޭގައި ހިނގާދިޔަ ފަދަ ބަޣާވާތެއް ކަމަށް ރައްޔިތުންގެ މަހިލީހުގެ ރައީސް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ މިޔަންމާގެ މިޔަންމާގެ އިންތިހާބުގައި މަކަރު ހެދިކަމަށް ތުހުމަތުކޮށް، ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫކީ އާއި ވެރިކަންކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީގެ އިސްވެރިންތައް ސިފައިން މިއަދު ހައްޔަރުކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގަ އެވެ.

ރައީސް ނަޝީދު ވިދާޅުވީ މުއައްސަސާތައް ހަރުދަނާކޮށް ބަޣާވާތް ރާވާ ބަޣާވާތް ކުރާ "ބާޣީން"ނަށް ފާރަވެރިވެ ތިބުމަކީ މުހިއްމު ކަމެއް ކަމަށެވެ. އަދި ބާޣީން ހުރިހާ ތަނެއްގައި ވެސް ފިލާ އެބަތިބި ކަމަށާއި މާލެއިން ފެށިގެން ރަންގޫން (މިޔަންމާގެ އެންމެ ބޮޑު ސިޓީ) އަދި ވޮޝިންޓަންގައި ވެސް އެމީހުން އެބަތިބި ކަމަށެވެ. ރައީސް ނަޝީދު ވަނީ އަންގް ސަން ސޫކީ ދޫކޮށްލުމަށް ވެސް ގޮވާލާފަ އެވެ.

މިޔަންމާގެ އިސްވެރިންތައް ހައްޔަރުކުރީ އެ ގައުމުގެ ސަރުކާރުން އިންތިހާބުގައި މަކަރު ހެދިކަމަށް ތުހުމަތުކޮށް، ބާރުގަދަ ސިފައިން ބަޣާވާތެއް ކޮށްފާނެ ކަމުގެ ބިރު އުފެދިފައި ވަނިކޮށެވެ. އެ ގައުމުގެ ގައުމީ ޓީވީގެ ހިދުމަތް ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެ، ހިދުމަތް މެދުކެނޑިފަ އެވެ. އަދި ވެރިރަށް ނައިޕިތޯއަށް ފޯނުން ނުގުޅޭ ކަމަށްވެ އެވެ. މީގެ އިތުރުން އިންތިހާބު ކާމިޔާބުކުރި އެންއެލްޑީން މިއަދު ހެނދުނު ގާނޫނު ހަދާ މަޖިލީހުގެ އިންތިހާބެއް ބާއްވަން ދަނީ މަސައްކަތްކުރަމުންނެވެ.

އުމުރުން 75 އަހަރުގެ އަންގަންސަން ސޫކީގެ ޕާޓީން 2015 ވަނަ އަހަރު ވެރިކަމަށް އައީ އިންތިހާބު ބޮޑު ތަފާތަކުން މޮޅުވެގެންނެވެ. އޭގެ ކުރިން އެތައް އަހަރެއް ވަންދެން އޭނާ ހުރީ ގޭގައި ބަންދުކޮށްފަ އެވެ.

މިޔަންމާގެ އިންތިހާބުގައި މަކަރު ހެދި ކަމަށް ސިފައިން ތުހުމަތުކުރި ނަމަވެސް އިލެކްޝަންސްގެ އޮފިޝަލުން އެކަން ދޮގުކުރެ އެވެ. އެ ގައުމުގެ ގާނޫނުން ސިފައިންނަށް ގާނޫނު ހަދާ މަޖިލީހުގެ 25 ޕަސެންޓް ގޮނޑި ދޭން ޖެހެ އެވެ. އަދި މުހިންމު ތިން މިނިސްޓްރީއެއް ވެސް މިލިޓަރީއަށް ދޭން ޖެހެ އެވެ.މިކަންކަމާ ގުޅިގެން އަސްކަރިއްޔާއިން އިންޒާރުދެންމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފައެވެ. އަސްކަރިއްޔާއިން ބުނެފައިވަނީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް ކޯޓަށް ދާނެ ކަމަށާއި އެމީހުންގެ މަސްލަހަތާ ފުށުއަރާ ނަމަ ވެރިކަން ބަދަލުކުރަން ޖެހިދާނެ ކަމަށެވެ.