ވަޒީފާގެ ބިރަށް ސިޓީގައި ސޮއިކުރާ ފިނޑިން ކުރިމަތީ ބޯތިރި ނުކުރާނެ ކަމަށް ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެ އެވެ.
މަލީހު މިހެން ވިދާޅުވީ އޭނާ ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ.
މަލީހް ސަސްޕެންޑް ކޮށްފައި ވަނީ ރޭ ޕީޕީއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެންނެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުން ބައްވާފައި ވަނީ ޕީޕީއެމްގެ ހިންގުން ވަރުގަދަކުރުމަށް ރައީސް ޔާމީން ނެންގެވި ސްޓިއަރިން ކޮމިޓީ އިއުލާން ކުރުމަށެވެ. ރޭ ގެ ނޫސްވެރިންގެ ބައްދަލުވުން ބައްވަފައި ވަނީ ސީދާ ރައީސް ޔާމީން އަންގަވައިގެން ކަމަށް މަލީހު ވިދާޅުވި އެވެ.
މަލީހު ސަސްޕެންޑު ކުރިކަން އަންގާ ސިޓީ ފޮނުވާފައި ވަނީ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާ، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް އަދި ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން އެވެ.
ސިޓީގައި ބުނެފައި ވަނީ ޕާޓީ ތެރޭގެ މަސްލަހަތު ނަގާލައި ޕީޕީއެމް ބަދުނާމުކޮށް ބައިބައި ކުރުމުގެ މަސައްކަތް މަލީހު ކުރައްވާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެކަމާ ގުޅިގެން މަލީހު ވިދާޅުވީ ރައީސް ޔާމީންއާއި ޕީޕީއެމްގެ ދިފާޢުގައި މިކުރާ މަސައްކަތުގައި އެންމެ އިންޗިއެއް ވެސް ފަހަތަށް ޖެހުމެއް ނޯންނާނެ ކަމަށެވެ. އަދި ވަޒީފާގެ އަޅުންނަށްވެ ޕާޓީގެ މަސްލަހަތު ނަގާލާ ވަޒީފާގެ ބިރަށް ސިޓީގައި ސޮއެކުރާ ފިނޑިންކުރިމަތީ ބޯތިރި ނުކުރާނެ ކަމަށާ މިއީ އަދި ވަކަރަށް ޖަހާލުމެއް ކަމަށް މަލީހު ވިދާޅުވި އެވެ.
ޝިޔާމް އާއި ޣައްސާން ސޮއިކުރައްވާ ސިޓީ ފޮނުވީ އެ ދެ ބޭފުޅުން ވަޒީފާގެ ބިރަށް ކަމަށް މަލީހު ވިދާޅުވި އެވެ.
ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓިއަރިން ކޮމިޓީގެ އިދާރީ ހިންގުމާ ހަވާލުވެވަޑައިގެންނެވި އެންމެ އިސް ބޭފުޅާ ކަމުގައިވާ ކުރީގެ ވަޒީރު މަލީހް ވިދާޅުވީ ޕާޓީ ބާރަށް ހިނގައިގަތުމަށް 13 މެމްބަރުންގެ ސްޓިއަރިން ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.
ސްޓިއަރިން ކޮމެޓީ އުފެއްދޭ ޕީޕީއެމްގެ އަސާސީ ގަވާއިދާ ހިލާފަށް ކަމަށާ އެކަމާ މެދު ފިޔަވަޅު އަޅާނެ ކަމަށް ޝިޔާމް ވިދާޅުވެފައިވެ އެވެ.