ރައީސް ޑރ. މުހައްމަދު މުއިއްޒު "ގްރޭޓާ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް"ގެ މަސައްކަތްތައް ކުރިއަށްދާ ސައިޓްތަކަށް ޒިޔާރަތްކުރައްވައި، މަޝްރޫއުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުތައް އޮޅުންފިލުއްވައިފި އެވެ. ބްރިޖުގެ މަސައްކަތްތައް ކުރިއަށްދާ ސަރަހައްދުތަކަށް ރައީސް މިއަދު ހަވީރު ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ރައީސް ފުރަތަމަ ވަޑައިގެންނެވީ ބްރިޖުގެ މަސައްކަތް މާލޭގައި ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށްޓަކައި މާލޭގެ ޕްރޮޖެކްޓް ސައިޓަށެވެ. އެގޮތުން ރޭމްޕް ސަރަހައްދުގައި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށްފަހު އެމަނިކުފާނު ވަނީ، މާލެއާއި ވިލިނގިއްޔާ ދެމެދު ސަރަހައްދުގެ މަސައްކަތްތައްވެސް ބައްލަވާލައްވާފަ އެވެ.

އޭގެފަހުން ގުޅިފަޅުގެ ޕްރޮޖެކްޓް ސައިޓަށް ވަޑައިގެން އެތަނުގައި ކުރިއަށްގެންދާ ޕްރީކާސްޓިންގގެ މަސައްކަތްތަކާއި ބްރިޖުގެ އެކި މަސައްކަތްތައް ކުރިއަށްގެންދާ ގޮތާ ބެހޭގޮތުންވެސް އެމަނިކުފާނު މައުލޫމާތު އޮޅުންފިލުއްވި އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް މުއިއްޒު ބައްލަވާލައްވަނީ.. ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު މީގެ ކުރިން ވަނީ، "ގްރޭޓާ މާލެ ކަނެކްޓިވިޓީ – މާލެ ޓު ތިލަފުށި ލިންކް ޕްރޮޖެކްޓް"ގެ މަސައްކަތްތައް ނުނިމި ލަސްވަމުންދާ ސަބަބުތައް ހޯއްދަވައި، ބްރިޖުގެ މަސައްކަތްތައް ވީހާވެސް އަވަސް ސްޕީޑެއްގައި ނިންމެވުމަށް މަސައްކަތް ކުރައްވާނެކަމުގައި ވިދާޅުވެފަ އެވެ.

މި ސަރުކާރުގެ 'ހަފްތާ 14' ގައި ކުރަން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައިވެސް ތިލަމާލެ ބްރިޖު މަޝްރޫއުގެ ހާލަތު ދެނެގަތުމަށް ކުރަންޖެހޭ މަސައްކަތްކުރުން ވަނީ ހިމަނާފަ އެވެ.