މި އަހަރުގެ މިހާތަނަށް ފަތުރުވެރިކަމަށް އިތުރު 3,460 އެނދު ނެރެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރު ނިމުނުއިރު، ފަތުރުވެރިކަމަށް ނެރެފައިވާ ޖުމްލަ އެނދުގެ އަދަދު ހުރީ 59,625 ގަ އެވެ. އަދި މިހާރު މި އަދަދު ވަނީ 63,085 އަށް އަރައިފަ އެވެ. މިއީ 3،460 އެނދުގެ އިތުރުވުމެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ފަތުރުވެރިކަމަށް ނެރެފައިވާ 63،085 އެނދަކީ، 1،274 ފެސިލިޓީއަކުން ފަތުރުވެރިކަމަށް ނެރެފައިވާ އެނދެވެ.

ފަތުރުވެރިކަމުގެ ފެސިލިޓީތަކުން ނެރެފައިވާ އެނދުގެ އަދަދު:

  • 175 ރިސޯޓަކުން 42،817 އެނދު
  • 14 ހޮޓަލަކުން 1،940 އެނދު
  • 922 ގެސްޓް ހައުސްއަކުން 15،120 އެނދު
  • 163 ސަފާރީއަކުން 3،208 އެނދު

ރާއްޖެއިން ފަތުރުވެރިކަމަށް ނެރެފައިވާ އެނދުގެ އަދަދު އިތުރުވެފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދަށް ވެސް ދަނީ ކުރިއެރުން ލިބެމުންނެވެ. ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު، 13.1 އިންސައްތަ އިތުރު އަދަދެކެވެ. މި އަހަރަށް ސަރުކާރުން އަމާޒުހިފާފައި ވަނީ 1.8 މިލިއަން ފަތުރުވެރިން ގެނެސް ފަތުރުވެރިކަމުގެ ރެކޯޑެއް ހެދުމަށެވެ.