ރައީސް ޑރ. މުހައްމަދު މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ތުރުކީވިލާތަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މިއަދު ހަވީރު އެ ގައުމަށް ވަޑައިގެންފި އެވެ.
ރައީސްގެ މި ދަތުރުފުޅަކީ ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. ރައީސް އޮފީހުން ބުނި ގޮތުގައި ރައީސްގެ ދެކަނބަލުން ތުރުކީވިލާތުގެ އަންކާރާ އެސިންބޯގަ އެއާޕޯޓަށް ވަޑައިގަތުމުން އެ ދެކަނބަލުންނަށް ވަނީ އެ ގައުމުގެ އިސް އޮފިޝަލުން މަރުޙަބާ ދަންނަވައިފަ އެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ތުރުކީވިލާތުގެ ރައީސް ރަޖަބް ތައްޔިބް އުރްދުޣާންއާއި، ތުރުކީ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުންގެ އިތުރުން ދިވެހި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ.
ރައީސް އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ ބުރާސްފަތި ދުވަހު ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫއޭއީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގަ އެވެ.