ފުށިދިއްގަރުފަޅު މަޝްރޫއުއަކީ 20 އަހަރުގެ ޕްލޭނެއް ކަމަށާއި މިހާރު އެ ފަޅުގެ ލޭންޑް ޔޫސް ޕްލޭނު ވެސް ހަދާ ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީގެ މިއަދުގެ ބައްދަލުވުމުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ހައުސިން މިނިސްޓަރު ހައިދަރު ވިދާޅުވީ ފުށިދިއްގަރުފަޅުން ގޯއްޗާއި ފްލެޓު ދިނުމުގެ ބިޔަ މަޝްރޫއަކީ 20 އަހަރުގެ ޕްލޭނެއް ކަމަށެވެ. އަދި 75،000 އާއިލާއަކަށް ބޯހިޔާވަހިކަން ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި ހަމައެކަނި މިހާރު ތިބި ހުރިހާ އެންމެންނަށް ގޯތި ދީގެން، ދެން އަތް އުރާލައިގެން ތިބެވޭކަށް ނޯންނާނެ. އަޅުގަނޑުމެން ޖެހޭނެ ކުރިއަށް ވިސްނާފައި، ކުރިއަށް އޮތް 20 އަހަރަށް ޕްލޭނެއް ރާވަން." ހައިދަރު ވިދާޅުވި އެވެ.

ޑރ.ހައިދަރު ވިދާޅުވީ ފުށިދިއްގަރު ފަޅު ހިއްކާނެގޮތާއި، އެ މަޝްރޫއަށް ހަރަދުވާނެ ފައިސާ ހޯދާނެ ގޮތް މިސަރުކާރުން ރާއްވަވާނެ ކަމަށެވެ. އެގޮތުން، މިމަޝްރޫއަށް ބޭނުންވާ ފައިސާ ބޭރުގެ ފަރާތްތަކުން ވެސް ހޯދިދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ރައީސް ޑރ. މުއިއްޒުގެ އެންމެ ބިޔަ އެއް މަޝްރޫއަކީ ފުށިދިއްގަރު ފަޅު ތަރައްގީކުރުމެވެ. މިއީ ރާއްޖޭގައިވެސް މިހާތަނަށް ހިންގޭ ގެދޮރުވެރިކަމުގެ އެންމެ ބިޔަ މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން ހިއްކޭ ސަރަހައްދު، ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމާ ވާ ވަރަށްވުރެ ތިން ގުނަ ބޮޑުވާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.