ލ ގާދޫ ކައިރީ ތަރައްގީކުރާ ކޮމާޝަލް ޕޯޓާއި، ލޮޖިސްޓިކްސް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް އަދި މާލޭ ކޮމާޝަލް ޕޯޓުގެ މަސައްކަތްތައް ވަރަށް އަވަހަށް އިއލާން ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ލ. ގާދޫ ކައިރީ ތަރައްގީކުރާ ކޮމާޝަލް ޕޯޓާއި، ޕޯޓާއި ލޮޖިސްޓިކްސް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ.

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ރައީސް ޑރ. މުއިއްޒުގެ ހަފްތާ 14ގެ ހިމެނޭ ބައެއް މަސައްކަތުގެ ތެރެއިން، ލ. ގާދޫ ކައިރީ ތަރައްގީކުރާ ކޮމާޝަލް ޕޯޓާއި، ލޮޖިސްޓިކްސް ހިމެނޭ ގޮތަށް އިހަވަންދިއްޕޮޅުގެ އިންޓަގްރޭޓެޑް ޑިވެލޮޕްމަންޓް ޕްރޮޖެކުޓް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

މީގެ އިތުރުން މާލޭ ކޮމާޝަލް ޕޯޓުގެ މަސައްކަތްތައް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އިހަވަންދިއްޕޮޅުގެ ކުރެހުމެއް:

ރިޔާސީ ކެމްޕެއިންގެ ތެރެއިން ލ. ފޮނަދޫގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ ލ. ގާދޫގައި ޓްރާންޝިޕްމަންޓް ބަނދަރަކާއި ބަންކަރިން ފެސިލިޓީ ގާއިމް ކޮށްދެއްވާނެ ކަމަށެވެ. އަދި ފޮނަދޫ އާއި ގާދޫއާ ދެމެދު އޮތް ފަޅު ހިއްކައިގެން ރިސޯޓެއް ތަރައްގީކޮށް، އަމަލީ މައިދާނުގައި ތަޖުރިބާތައް ލިބޭ ހޮޓެލް ސްކޫލެއް ހައްދަވައިދެއްވާނެ ކަމަށް ވެސް މުއިއްޒު ވައުދު ވެވަޑައިގެންފައިވެ އެވެ.

ފޮނަދޫގެ އާއި ގާދޫ ވެސް ކޯޒްވޭ އަކުން ރިސޯޓާ ގުޅަލާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.