ރައީސް ޑރ. މުހައްމަދު މުއިއްޒު ތުރުކީ ވިލާތުގެ ރައީސް ރަޖަބް ތޮއްޔިބް އުރުދުޣާންއާ މިއަދު ބައްދަލު ކުރައްވައިފަ އެވެ.

ރައީސް މުއިއްޒު ތުރުކީ އަށް ކުރައްވާ މި ދަތުރުފުޅަކީ ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، ރާއްޖެ އިން ބޭރަށް ކުރައްވާ ރަސްމީ ފުރަތަމަ ދަތުރުފުޅެވެ. މިއީ ތުރުކީގެ ރައީސްގެ ދައުވަތަކަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.

އުރުދުޣާން އާއި ރައީސް މުއިއްޒު ބައްދަލުވެ، ސަލާންކުރައްވާ ފޮޓޯއަކާ އެކު ތުރުކީގެ ރައީސް އޮފީހުން މިރޭ ވަނީ "އެކްސް"ގައި ޕޯސްޓެއްކޮށްފަ އެވެ. މި ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އަދި ރައީސްގެ ދަތުރުފުޅާ ބެހޭ މާ ބޮޑު ތަފްސީލެއް ވެސް ރައީސް އޮފީހަކުން އަދި ނުދެ އެވެ.

މި ދަތުރުފުޅުގައި ރައީސް މުއިއްޒު އާއި އަނބިކަނބަލުން ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު އިތުރުން ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ހިމެނިވަޑައިގަންނަވަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ތުރުކީވިލާތުގެ ރައީސްގެ އިތުރުން ތުރުކީ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ދެ ގައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، އަންނަ ބުރާސްފަތި ދުވަހު ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގަ އެވެ.