ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސަޖިދާ މުހައްމަދު މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި ހިދުމަތްކޮށްދެއްވަން ބޭނުންވާތީ އެކަމަނާއާ އެކު އެއްބަސްވުމެއް ހަދާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން ބުނެފި އެވެ.
ސާޖިދާ މަސައްކަތްކުރައްވަނީ އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރެއްގެ ގޮތުގަ އެވެ. ސާޖިދާ އަކީ އެ ދާއިރާ އިން ކިޔަވާ ވިދާޅުވެ ހުންނެވި ހަމައެކަނި ބޭފުޅާ އެވެ. އެހެންވީމާ އެ މަސައްކަތް ކުރައްވަން ބޭނުންފުޅުވާކަން ސީއެސްސީއަށް ވެސް ވަނީ އަންގަވައިފަ އެވެ.
ސާޖިދާ އެމްއެފްޑީގައި އަދާކުރައްވަމުން ގެންދަވާ ސިވިލް ސާވިސްގެ ވަޒީފާގައި ދެމިހުންނެވުމުގެ ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެ ކޮމިޝަނުން ބުނެފައިވަނީ ފަސްޓް ލޭޑީ އަކީ ރަސްމީ މަގާމަކަށް ނުވާތީ ސާޖިދާ އެ މަގާމުގައި ދެމިހުރުމަށް އެއްވެސް ގާނުނީ ހުރަހެއް ނެތް ކަމަށެވެ.
އެހެން ނަމަވެސް ފަސްޓް ލޭޑީގެ ހައިސިއްޔަތުން ބޭރުގެ ވަފްދުތަކާ ބައްދަލުކުރެއްވުމާ ރައީސުލްޖުމްހޫރިއްޔާއާ އެކު ރައްޖެއިން ބޭރަށް ދަތުރު ކުރައްވަން ޖެހިވަޑައިގަންނަވާތީ މަސައްކަތަށް ހުރަސްއެޅިގެން ދާނެ އެވެ.
ސީއެސްސީ އިން މިއަދު ބުނީ ސާޖިދާ ހުންނެވީ ނޯޕޭ ލީވެއްގައި ކަމަށެވެ. ނޯޕޭއެއްގައި ހުރެގެން މި ދާއިރާއަށް އެކަމަނާ ހިދުމަތްކުރައްވަން ބެނުންފުޅުވިޔަސް އެއްބަސްވުމެއް ނެތި އެކަން ނުކުރެވޭނެ ކަމަށް ސީއެސްސީން ބުނެ އެވެ. އެހެންވީމާ އެއްބަސްވުމެއް ހަދާނެ ކަމަށް ވެސް ސީއެސްސީން ބުނެ އެވެ.
ސާޖިދާ ވަނީ ވަރަށް ގިނަ ދުވަސްތަކެއް ވަންދެން އެމްއެފްޑީއޭގައި މަސައްކަތް ކުރައްވައިފަ އެވެ.