އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސަީދުގެ ވިޔާފާރި ޕާޓްނަރު ހިސާން ޢަލީ އަޙްސަން އަށް އެ މިނިސްޓްރީގެ ނައިބުކަން ދެއްވައިފި އެވެ.

މިނިސްޓްރީތަކުގެ ނައިބު މިނިސްޓަރުންނަށް 26 ބޭފުޅަކު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އައްޔަން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް އައްޔަން ކުރެއްވި ހިސާން އަލީ އަހުސަން އަކީ އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމްގެ ވިޔަފާރި ޕާޓުނަރެވެ.

އަހްސަން އަކީ ޝަހީމް އާ އެކު އެކިކަހަލަ ވިޔަފާރިތައް ކުރައްވާ ބޭފުޅެކެވެ. މި ދެ ބޭފުޅުންނަކީ މާކުރިއްސުރެ ވިޔަފާރީގައި އެކުގައި އުޅުއްވާ ވިޔަފާރި ޕާޓްނަރުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އާއި މިނިސްޓްރީގެ ނައިބަކަށް އައްޔަން ކުރެއްވި އަހުސަން އިތުރު ބަޔަކާއި އެކު ފޮޓޯއަކަށް ހުއްޓި

އެގޮތުން ގިބްލަ ހައްޖު އެންޑް އުމްރާ ގްރޫޕް ހަދައިގެން މީހުން ހައްޖަށް ގެންދިއުމުގެ ވިޔަފާރި ވެސް ކުރައްވަ އެވެ. ޝަހީމް އަކީ އެ ކުންފުނީގެ ޗެއާމަންއެވެ. ގިބްލަ ގުރޫޕުގެ ޗެއާމަން ކަމުން ޝަހީމް ވަކިވެވަޑައިގެންނެވީ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށެވެ. މީގެ އިތުރުން އިލްމް އިންސްޓިޓިއުޓްއަކީ ވެސް މި ދެބޭފުޅުންގެ ވިޔަފާރިއެކެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް

އިސްލާމިކް މިނިސްޓްރީގެ ނައިބަކަށް އައްޔަން ކުރެއްވި އަހްސަން އަކީ ވެސް އެކުންފުނީގެ ހިއްސާދާރެކެވެ.

މީގެ ކުރިން ރައީސް ޑރ. މުހައްމަދު ވަހީދު ވެރިކަމުގަ އާއި ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީން ނެރުނު ދީނީ މެގަޒިންގައި ވެސް އަހުސަން މަސައްކަތްކުރައްވާފައިވެ އެވެ.