ނ. މަނަދޫގައި އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު ނައީމާ މޫސާގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރާ ތިން މީހުންގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

ނައީމާ މަރުގެ މައްސަލާގައި އެރަށު ތިން މީހަކު ހައްޔަރުކުރި އެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 21 އަހަރުގެ އަބްދުލްވާހިދު ރިފާސް އާއި އުމުރުން 21 އަހަރުގެ ހުސައިން ފަވާޒު އާއި އުމުރުން 23 އަހަރުގެ އަހުޒަމް އެވެ.

މި މައްސަލާގައި މި ތިން މީހުންގެ މައްޗަށް ދައުވާ ކޮށްދޭން ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ. ޕީޖީ އޮފީހުން ބުނެފައި ވަނީ އެ މީހުންނަށް ދައުވާ ކުރުމާމެދު މިހަފްތާތެރޭގައި ގޮތެއް ނިންމާނެ ކަމަށެވެ.

ނައީމާ މަރުވެފައި އޮއްވާ ފެނުނީ މިދިޔަ އޭޕްރީލް މަހުގެ 7 ވަނަ ދުވަހު ނައީމާ ޑިއުޓީއަށް ނުގޮސްގެން އަދި އޭނާގެ ހަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓްކުރުމުން ފުލުހުން އެ ދުވަހު ހަވީރު އެ ގެއަށް ގޮސް ނައީމާ ދިރިއުޅޭ ގޭގެ ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލިއިރު އެވެ. ފުލުހުން ގެއަށް ވަންއިރު ނައީމާ އޮތީ ޒަހަމްތަކަކާ އެކު ތަޅުންގަނޑު މަތީގައި މަރުވެފަ އެވެ. އަދި ހަށިގަނޑުގައި ގިނަ އަދަދަކަށް ޒަހަމު ހުރި ކަމަށް އެނގިފައިވެ އެވެ.