އިންޑިއާގެ ސިފައިން ރާއްޖޭގައި އެބަ ތިއްބެވެ. އެކަމާ މެދު ޝައްކެއް ނެތެވެ. ތިބި އަދަދާ މެދު އޮޅުންތަކެއް ނުވަތަ އޮޅުވާލުންތަކެއް އޮތް ނަމަވެސް އިންޑިއާ ސިފައިން ރާއްޖޭގައި އެއްވެސް އަދަދަކަށް ތިބުމަކީ މައްސަލައެކެވެ. އެއީ ފޮނުވަން ޖެހޭ، ފޮނުވާލަން ވެފައި ތިބި ބައެކެވެ. އެހެން ކަމުން އިންޑިއާ ސިފައިންނާއި ސިފައިންނާ ބެހޭ ގޮތުން ދައްކާ ވާހަކާގައި އެމީހުންގެ އަދަދެއް މުހިންމެއް ނޫނެވެ. މުހިންމު ވަނީ އެމީހުން ފޮނުވާލުމެވެ. އެއީ މިހާރުގެ ސަރުކާރުން ކުރަންޖެހިފައި އޮތް ބޮޑު މަސައްކަތެކެވެ.

ވެރިކަން ލިބިވަޑައިގެންނެވުމާ އެކު ބޭރުގެ މީޑިއާ ތަކަށް ދެއްވި އިންޓަވިއުތަކުގައިވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ އިންޑިއާ ސިފައިން ތިބީ ކިހާ ވަރަކަށް ކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ އަދަދު އެތައް ހާހަކަށް ވެސް އަރައިފާނެ ކަމަށެވެ. އެހެން ނަމަވެސް އެ އިންޓަވިއުތަކުގައި ވެސް އަދި އޭގެ ފަހުން ބޭރުގެ މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ވެސް ރައީސް މުއިއްޒު ސާބިތު ކަމާއެކު ވިދާޅުވަމުން ގެންދެވީ އިންޑިއާ ސިފައިން ފޮނުވާލުމަކީ އެމަނިކުފާނުގެ އެންމެ މުހިންމު އަދި އެންމެ އަވަހަށް ކުރައްވާނެ ކަން ކަމަށެވެ.

އިންޑިއާ ސިފައިންނަކީ ރާއްޖެ އަރައި ރާއްޖެ ހިފައިގެން ތިބި ބައެއް ނޫނެވެ. ނުވަތަ ދިވެހި ސރުކާރާ ދެކޮޅަށް ރާއްޖޭގައި ތިބި ބައެއް ވެސް ނޫނެވެ. އިންޑިއާ ސިފައިން ރާއްޖެ އައިސް ރާއްޖޭގައި ފައި ހިއްޕާލީ ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދި ޕާޓީތަކުން ވެރިކަންކުރަން ފެށުމާ އެކު ޕާޓީ ވެރިކަމުގައި ސަރުކާރުން އިންޑިއާގެ މަދަދު ބޭނުންވުމުން އެކަމުގެ ނާޖާއިޒު ފައިދާ ނަގައި ހެދި ޑީލެއްގެ ދަށުންނެވެ. އެންމެ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން އިންޑިއާ އިން ރާއްޖެއަށް އަސްކަރީ ދެ ހެލިކޮޕްޓަރު ހަދިޔާކުރުމުގެ އެއްބަސްވުމެއް ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައިވި އެވެ. ބޭނުމަކީ އެ ހެލިކޮޕްޓަރުތަކާއެކު ގެނެވޭ އަސްކަރީ އޮފިސަރުންގެ ނަމުގައި ރާއްޖޭގައި އިންޑިއާގެ އަސްކަރިއްޔާ ކޮންމެވެސް ސިފައެއްގައި ގާއިމުކޮށްފައި ބޭއްވުމެވެ. އެ އެގްރިމެންޓާ އެކު ފުރަތަމަ ހެލިކޮޕްޓަރު ގެނެވުނީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި މުޅި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ކަވަރު ކުރެވޭ ފަދަ ރާޑަރު ސިސްޓަމެއް ރާއްޖޭގައި ގާއިމުކޮށް އެ ސިސްޓަމްގެ ކޮންޓްރޯލް އިންޑިއާގެ އަސްކަރިއްޔާއަށް އޮންނަ ގޮތަށް ވެސް އެއްބަސްވެ މަސައްކަތް ފެށި އެވެ.

ނަޝީދުގެ ވެރިކަން ކުއްލި ގޮތަކަށް ނިމި، ދެން އުފެދުނު ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އިންޑިއާއިން ކުރިން ފަށާފައި އޮތް ގުޅުން އިތުރަށް ގެންދިޔައީ ވަރުގަދަ ކުރަމުންނެވެ. ޑިފެންސް މިނިސްޓަރަކަށް މުހައްމަދު ނާޒިމު ހުންނަވައި ރާޑަރުގެ މަޝްރޫއުގެ އިތުރުން ސިނަ ހިޔާގެ މަޝްރޫއާއި އުތުރު ތިލަފަޅުގެ މަޝްރޫއު ވެސް ކުރިޔަށް ގެންދަވަން ނިންމެވި އެވެ.

ރައީސް ވަހީދާއި ރައީސް ނަޝީދުގެ ފަސް އަހަރުގެ ވެރިކަމުގެ ދައުރު ނިމުނުއިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ރަނގަޅަށް ފައި ހިއްޕާފަ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް މަސައްކަތް ފެއްޓެވީ ރައީސް ވަހީދުގެ ފަހުން ރާއްޖޭގެ ވެރިކަމާ ހަވާލު ވެ ވަޑައިގެންނެވި ރައީސް ޔާމީނެވެ. އެ ވެރިކަމުގައި ވެސް އިންޑިޔާ އާއެކު ގާތް ގުޅުމެއް ބޭއްވޭތޯ މަސައްކަތް ކުރެވުނެވެ. އިންޑިއާ ފަސްޓް ޕޮލިސީއަކީ އެ ދައުރުގައި ރައީސް ޔާމީން ތައާރަފުކުރެއްވި ޕޮލިސީއެކެވެ. ޔާމީންގެ ދައުރުގެ ކުރީ ކޮޅުގައި ވެސް އިންޑިއާގެ ދިފާއީ ބާރުތަކުން ރާއްޖެއަށް ނުފޫޒު ފޯރުވުމުގެ ހަރަކާތްތައް ކުރިޔަށް ގެންދިޔަ އެވެ. އިންޑިއާގެ ޕޮލިސީތައް ރާއްޖެއަށް ފެއްތުމުގައި އޭރު އެހީތެރިވެ ވަޑައިގެންނެވީ އޭރުގެ ޑިފެންސް މިނިސްޓަރު ނާޒިމެވެ.

ޔާމީންގެ އިގުތިސާދީ މަޝްރޫއުތަކަށް ބޭނުންވި ފައިސާގެ އެހީ ހޯދުމަށް ކުރި މަސައްކަތުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްލީ ޗައިނާ އެވެ. ޗައިނާ އިން ދިން ހިލޭ އެހީއާ ލޯނާއެކު ރާއްޖޭގައި ހިންގަން ފެށި ބިޔަ މަޝްރޫއުތަކުގެ ސަބަބުން އަވަށްޓެރި އިންޑިއާއަކަށް ސަރުކާރާއެކު އޮތް ގުޅުން އެގޮތުގައި ބޭއްވުނު ކަމަކަށް ނުވި އެވެ. އިދިކޮޅުގައި އޮތް އެމްޑީޕީއާ ގުޅިގެން ރާއްޖޭގެ ވެރިކަން ބަދަލުކުރަން މަސައްކަތްކުރިކަމުގެ ލަގަބު ހޯދާކަށް މާގިނަ ދުވަހެއް ނުނެގި އެވެ. އެ އުދާސްކަމުގެ ތެރޭގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ގެންދަން ދިވެހި ސަރުކާރުން އެންގި އެވެ. އެމީހުން ދުއްވާ ހެލިކޮޕްޓަރާއެކު ދިއުމަށް އެންގިއަސް އެކި ބަހަނާ ދައްކައި އިންޑިއާ ސިފައިން ނުފައިބައި މަޑުކުރި އެވެ.

ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިންގެ ވިސާއަކީ ވަކި މުއްދަތަކުން އާކުރަން ޖެހޭ އެއްޗަކަށްވެފައި ރައީސް ޔާމީންގެ ސަރުކާރުގެ ފަހު ދުވަސްކޮޅު އެމީހުންގެ ވިސާ އާކޮށް ނުދީ ގައުމަށް ދާން އެންގި އެވެ.

ރައީސް ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން އައިއިރު ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ވިސާ ނެތި ގާނޫނާ ޚިލާފަށެވެ.

ވެރިކަން ގެއްލުމަށްފަހު ރައީސް ޔާމީނާއި ޕީޕީއެމްއަށް ފާއިތުވި ފަސް އަހަރު އޮތީ "އިންޑިއާ އައުޓް" ގޮވުމެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގައި ވެސް އެންމެ ހަރުއަޑަކަށް އިވުނީ އިންޑިއާ އައުޓު ގޮވި އަޑެވެ. އެންމެ ބޮޑު ވައުދަކަށް ވެސް އޮތީ އިންޑިއާ އައުޓު ވައުދެވެ.

ވެރިކަމަށް ވަޑައިގެންނެވުމާ އެކު ބޭރުގެ މީޑިއާތަކުން ދަތުރު ހަދައިގެން އައިސް ޑރ. މުއިއްޒު އަރިހުން އިންޑިއާ ސިފައިން ބޭލުމާމެދު ސުވާލުތައް އޮއްސާލީ އެހެންވެގެންނެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަކީ ރައީސް ޑރ. މުއިއްޒުގެ އެންމެ އިސް، އެންމެ ބޮޑު ވައުދެވެ. އެހެންކަމުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދަށް ވުރެ މުހިންމީ އެމީހުން ފޮނުވާލުމެވެ. އެކަން ވާންޖެހެ އެވެ.