ނިމިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަސުން ފްލެޓާއި ގޯތި ދިނުމަށް ހިންގި މަޝްރޫއުގައި ޝަރުތު ހަމަނުވާ މީހުންނަށްވެސް ގެދޮރުވެރިޔާ ޕޯޓަލްގެ ތެރެއިން މާކްސް ދީ ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވާ ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
ފްލެޓްތަކަށް ހުށަހެޅި ފޯމުތައް އިވެލުއޭޓް ކުރިއިރު، ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ބުނެ ފްލެޓް ދިނުމުގެ ކަންކަން އޭސީސީއިން ވަނީ ހުއްޓުވާފަ އެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީއަށް އޭސީސީ ވަނީ ހާޒިރު ކޮށްފަ އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޕޯޓަލް ފަރުމާކޮށްފައިވަނީ އިން ފްލެޓަށް އެދި ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކެއް އެއް ކުރުމަށް ފަހު އޮޓޯ އިން މާކްސްތައް ޖެނެރޭޓްވާ ގޮތަށް ކަމަށެވެ. އެހެންވެ ޕޯޓަލްގެ ތެރެއިން ޕޮއިންޓު އިތުރުކޮށްފައިވާ ކަމަށް ސަލާމް ވިދާޅުވި އެވެ.
ސަލާމް ވިދާޅުވީ ހުށަހަޅާ ލިޔެކިޔުންތަކުން ޝަރުތު ހަމަނުވާ ކަމަށްވާނަމަ ޝަރުތު ހަމަނުވާ ކަމަށް ސިސްޓަމުން އޮޓޯއިން ޖެނެރޭޓު ވާނެ ކަމަށެވެ. އެހެން ނަމަވެސް އެޕްރޫވަލް ލެވެލްއިން ޝަރުތު ހަމަވާ ކަމަށް ބަދަލުކޮށްފައި ހުންނަކަން ފާހަގަވާ ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.
"އެ މާކްސްތައް އޮޓޯއިން ޖެނެރޭޓުވެފައި ހުންނަ އިރު އެ މާކްސްތައް އެޕްރޫވް ކުރަން ހުންނަ ފަރާތްތައް, ނުވަތަ އޭގެ މައްޗަށް ސުޕަވައިޒް ކުރަން ހުންނަ ފަރާތްތަކުން މާކްސް ބަދަލުކޮށްފައި ހުންނަކަން އަޅުގަނޑުމެންނަށް އެބަ ފާހަގަވޭ," އެ ބައްދަލުވުމުގައި ސަލާމް ވިދާޅުވި އެވެ.