މުޅި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ބިޔަ މަޝްރޫއެއް ހިންގެވުމަށް ރައީސް މުހައްމަދު މުއިއްޒު ވައުދު ވެވަޑައިގެންފި އެވެ. ރައީސް މިކަން އިއުލާންކުރައްވާފައި ވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ދުބާއީގައި ކުރިއަށްދާ 28ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ބައްދަލުވުމުގެ މަތީ ފަންތީގެ ސެގްމެންޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ރަށްތަކުގެ ވިލުންތެރިކަން އިތުރު ކުރުމަކީ ސަރުކާރުން އެންމެ އިސްކަންދޭ އެއްކަންތައް ކަމަށެވެ. މިގޮތުން ރާއްޖޭގެ ކޮންމެ މުރަކައެއް، ކޮންމެ ވެލި ފުކެއް، ކޮންމެ މަހެއް، އަދި ކޮންމެ ރުކަކީވެސް އަގުހުރި އެއްޗެއްކަމަށާއި، އެތަކެއްޗަށް ލިބޭ ކޮންމެ ގެއްލުމަކީ މުޅި އިގްތިސާދަށާއި މުޅި ގައުމަށްވެސް ލިބޭ އުނިކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވަނީ ދިރިއުޅެވޭނެ ގޮތްތައް ބިނާކުރުމަށްޓަކައި އެކަށީގެންވާ މާހައުލީ ނިޒާމެއްގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި އެމަނިކުފާނު ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް އެހީތެރިވާ 'ލޮސް އެންޑް ޑެމޭޖް ފަންޑު' ގެ ބޭނުން ހެޔޮ ގޮތުގައި ހިފޭނެ މަގުފަހިވެގެންދާނެ ކަމަށާއި، އެންމެ ބޮޑަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް ފަންޑުގެ މަދަދު ފަސޭހައިން ހޯދޭނެ ގޮތްތައް ފަހިވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައި ވިދާޅުވެފަ އެވެ.

ދުނިޔޭގެ ފަރުދެއްގެ ހައިސއްޔަތުން، ދުނިޔޭގެ ވެއްޓަށްޓަކައި ކޮންމެ މީހަކުވެސް އުފުލަން ޖެހޭ ޒިންމާތަކެއްވާކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ހަނދުމަކޮށްދެއްވާފަ އެވެ. މީގެ އިތުރުން، އުޖާލާ މުސްތަގްބަލެއް ބިނާކުރުމަށްޓަކައި ގުޅިގެން މަސައްކަތްކޮށް، އަމަލުތަކުން އެކަން ޔަގީންކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންފައިވެ އެވެ.