ޔަންގޮން (2 ފެބްރުއަރީ) - މިޔަންމާގެ ބަޣާވާތަށްފަހު ސަރުކާރުގެ ގިނަ މިނިސްޓަރުންތަކެއް ވަކިކޮށްފި އެވެ.

އަސްކަރިއްޔާއިން ހިންގާ ޓީވީ ޗެނަލަކުން ބުނީ މިޔަންމާގެ ސަރުކާރުގެ 24 މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވަކިކޮށް ބަދަލުގައި 11 މިނިސްޓަރުން އައްޔަންކޮށްފައިވާ ކަމަށެވެ. މިނިސްޓަރުން ބަދަލުކުރި މިނިސްޓްރީތަކަކީ ފިނޭންސް، ހެލްތް، އިންފޮމޭޝަން، ފޮރިން އެފެއާޒް، ޑިފެންސް އަދި ބޯޑާސް އެންޑް އިންޓީރިއާ މިނިސްޓްރީ އެވެ.

އަސްކަރިއްޔާއިން ވަނީ މިޔަންމާގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ނުރަކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރުގެ ބާރުތަކާ ސިފައިން ހަވާލުވެފައިވާ ކަމަށާއި އަދި މިހާރު ސަރުކާރުގެ އެންމެ އިސްމީހަކީ ސިފައިންގެ ވެރިޔާ މިން އައުންގް ލައިން ކަމަށް ހާމަކޮށްފަ އެވެ.

އަލަށް އައްޔަންކުރި މިނިސްޓަރުންނާ ބައްދަލުކޮށް އަސްކަރިއްޔާގެ ވެރިޔާ މިން އައުންގް ލައިން ވަނީ ރަނގަޅު އަޙްލާގުގެ ގިނަ ޕާޓީތަކެއް އެކުލެވޭ ޑިމޮކްރަޓިކް ސިސްޓަމްއެއް ގާއިމްކުރުމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ދެފުށް ފެންނަ އިންތިހާބެއް ބާއްވާނެ ކަމަށާއި، އިންތިހާބު ކާމިޔާބުކުރާ ޕާޓީއަކަށް ވެރިކަން ހަވާލުކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އިންތިހާބު ބާއްވާނެ ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

މިޔަންމާގެ އަސްކަރިއްޔާއިން އިއްޔެ ގެނައި ބަޣާވާތާ ގުޅިގެން ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ މިކަން ކުށްވެރިކޮށް ޑިމޮކްރަސީގެ ހަމަތަކާއި އެއްގޮތަށް އަމަލުކުރުމަށް އަސްކަރިއްޔާއަށް ގޮވާލާފަ އެވެ. –ޗެނަލްނިއުސް އޭޝިއާ