ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ހޮވަން ރޭ ބޭއްވި ޖަލްސާގައި އެމްޑީޕީގެ ޕީޖީ ގްރޫޕުން ނެރުނު ވިޕްލައިނާ ހިލާފުވި މެމްބަރުންނާ މެދު ފިޔަވަޅު އެޅުމަށް ޕާޓީއަށް ހުށަހަޅަން އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ނިންމައިފި އެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ވިޕްލައިނާ ހިލާފުވެފައި ވަނީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.

ޕީޖީ ގްރޫޕްގެ ސްޕޯކްޕާސަން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު މިއަދު ވިދާޅުވީ ފާޅުގައި ވިޕްލައިނާ ހިލާފުވި ދެ މެންބަރުންގެ މައްސަލަ އެމްޑީޕީ އަށް ހުށަހަޅުއްވާނެ ކަމަށް ޕީޖީ ލީޑަރު، އަލިފުށީ ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވެފައިވާ ކަމަށެވެ.

އެމްޑީޕީން ނައިބު ރައީސް ކަމަށް ވާދަކުރެއްވީ އެ މަގާމަށް ރޭ އިންތިހާބުވެވަޑައިގަތް ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ. އެގޮތަށް ނިންމީ ޕީޖީ ގްރޫޕްގެ ސިއްރު ވޯޓަކުން ފާސްކޮށްގެންނެވެ.

ވޯޓުގައި ސަލީމަށް ވޯޓު ދޭން ވިޕް ނެރެފައިވަނިކޮށް، ޖާބިރުގެ ނަން ހުށަހެޅުއްވީ އެ ނިންމުމާ ހިލާފަށެވެ.

މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސްގެ ގޮނޑިއަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައި ނެގި ސިއްރު ވޯޓުގައި ޖުމްލަ 73 މެންބަރުން ބައިވެރިވެވަޑައިގަތެވެ. ނައިބު ރައީސް ކަން ސަލީމް ކާމިޔާބު ކުރެއްވީ 51 މެމްބަރުންގެ ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ކާށިދޫ ދާއިރާގެ މެންބަރަށް ލިބިވަޑައިގެންނެވީ 23 ވޯޓެވެ.