ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި ކުޑަކޮށް ކުރި ނަމަވެސް މެއިންޓަނަންސް ފީ މިހާރެކޭ އެއްގޮތަށް ދައްކަންޖެހޭކަން ހާމަވެއްޖެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ހިޔާ ފްލެޓްތައް ހަދަން ރައްޔިތުންގެ އަތުން ހަރަދުވި ފައިސާ އިން 200،000 ރުފިޔާ ކުލިން އުނިކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތަށް އުނިކުރުމުން ހަތް އަހަރު ވަދެން ހިޔާ ފްލެޓްގެ ކުއްޔަށް ދަކަންޖެހޭނީ 3984 ރުފިޔާ އެވެ.

ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވިދާޅުވީ ކުޑަކުރީ ކުލި ކަމަށާއި އެ ބަދަލުގެ ތެރޭގައި މެއިންޓަނަންސް ފީ ނުހިމެނޭ ކަމަށެވެ.

އެހެންވެ، ކޮންމެ ހިޔާ ފްލެޓަކުން މެއިންޓަނަންސް ފީގެ ގޮތުގައި މިހާރު ވެސް ދައްކާ 1،000 ރުފިޔާ ދައްކަމުން ދާންޖެހޭނެ އެވެ. މެއިންޓަނަންސް ފީއާ އެކު މިހާރު ހިޔާ ފްލެޓްގެ ކުއްޔަން ދައްކަން ޖެހޭނީ 4،984 ރުފިޔާ އެވެ.

މީގެ ކުރިން މެއިންޓެންސް ފީއާ އެކު ދައްކަނީ 6،300 ރުފިޔާ އެވެ.

ހިޔާ ފްލެޓުތަކުގެ ފިނިޝިން ނިންމަން ކުރި ހަރަދުން 200000 ރުފިޔާ އަނބުރާ ދޭނެ ކަމަށް ރިޔާސީ އިންތިހާބުގައި މުއިއްޒު ވަނީ ވައުދުވެފަ އެވެ. އެހެން ނަމަވެސް ރައީސް ވައުދުވި ގޮތަށް އެ ފައިސާ ނުދީ ކުލިން ކެނޑޭ ގޮތަށް ހެދުމުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.