ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލަން އެއްބަސްވެފައިވާ ކަމަށް ބުނެ، އެ އެއްބަސްވުން ހާމަކުރަން ގޮވާލައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ރައްޔިތުންގެ މަޖިލިހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި އެވެ.

މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެ ކުއްލި މައްސަލަ ހުށަހެޅުއްވީ މަޖިލިހުގެ ބާރަށު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އަބްދުﷲ އެވެ. އެ ކުއްލި މައްސަލަ މަޖިލިހަށް ބަލައިގަނެ، މިހާރު ވަނީ ބަހުސް ވެސް ފަށައިފަ އެވެ. އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލިހުން އެ މައްސަލަ ބަލައިގަތުމަށް 33 މެމްބަރުން ވޯޓު ދެއްވި އިރު، އެ މައްސަލަ ބަލައިނުގަތުމަށް ތިން މެމްބަރުން ވޯޓު ދެއްވި އެވެ.

ކުއްލި މައްސަލައިގައި ބުނެފައި ވަނީ އިންޑިއާގެ ހަތިޔާރު އެޅި އެތައް ހާސް ސިފައިންގެ ބަޔަކު ރާއްޖޭގައި ތިބި ކަމަށް ވިދާޅުވެ ރައްޔިތުންގެ ހިތުގައި ބިރުވެރިކަން އުފައްދަން ރައީސް ޑރ. މުހައްމަދު މުއިއްޒު މީޑިއާގައި ވާހަކަ ދައްކަވާފައިވާ ކަމަށެވެ.

އެހެންވެ، ރާއްޖޭގެ މިލިޓަރީ ވިސާއެއްގައި އިންޑިއާގެ ކިހާ ސިފައިންނެއް ތިބިތޯ އާއި އިސްތިގުލާލަށް އުނިކަން އައިސް ރާއްޖޭގެ މިނިވަން ކަން ގެއްލިފައިވާ ރައީސް މުއިއްޒު ވިދާޅުވާ އެގްރީމަންޓުތައް ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލިހަށް ހާމަކޮށް އެގްރީމަންޓުގެ އެފަދަ މާއްދާތައް ފޮރުވުމެއް ނެތި ރައްޔިތުންނަށް ހާމަކުރަން ގޮވާލާ ކަމަށް ކުއްލި މައްސަލައިގައިވެ އެވެ.

ރާއްޖޭގައި ތިބި ކަމަށް ރައީސް މުއިއްޒު ވިދާޅުވި އިންޑިއާގެ އެތައް ހާސް ސިފައިން ރާއްޖެ އިން ބޭލުމާ ގުޅޭ ގޮތުން ދުބާއީގައި ބޭއްވުނު ކޮޕް28 ސަމިޓަށް ވަޑައިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކުގައި ބޭއްވި ސައިޑްލައިން ބައްދަލުވުމުގައި އެއްބަސްވެފައިވާ ކަމަށާއި އެ އެއްބަސްވުން ރައްޔިތުންނަށާއި ރައްޔިތުންގެ މަޖިލިހަށް ހާމަކުރުމަށް ގޮވާލާ ކަމަށް ވެސް މައްސަލައިގައި ބުނެފައިވެ އެވެ.

ރައީސް އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ ފޮރިން މިނިސްޓްރީ އާއި ޑިފެންސް މިނިސްޓްރީން ލިބުނު ލިޔުންތަކުގައި ރާއްޖޭގައި 77 އިން ފެށިގެން 89 އާ ހަމައަށް އިންޑިއާ ސިފައިން ތިބި ކަމަށް ދައްކާ ކަމަށެވެ.

"އެއަށްވުރެ އިތުރު ވެސް ވެދާނެ. އަޅުގަނޑުމެންނަށް އަދިވެސް ހުރިހާ މައުލޫމާތެއް ސާފުވި ކަމަކަށް ނުބެލެވޭ. އެހެންވެ އަޅުގަނޑު ދެންނެވީ ޔަގީން ކުރަން ބޭނުންވެއޭ. މިއީ އަޅުގަނޑުމެންނަށް ފެނުނު ރޭންޖު އެކަމަކު އެއަށްވުރެ އިތުރު ވެސް ވެދާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލުމުގެ މަސައްކަތް އިންޑިއާ އެމްބަސީ އާއި ފޮރިން މިނިސްޓްރީ އަދި ޑިފެންސް މިނިސްޓްރީ ހިމެނޭ ޓެކްނިކަލް ކޮމިޓީއަކުން ކުރަމުން އަންނަ ކަމަށާއި އެކަން ވަރަށް ބާރަށް ކުރިއަށްދާ ކަމަށެވެ.

އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމަކީ ރައީސްގެ 100 ދުވަހުގެ ވައުދެކެވެ.