ހިޔާ ފްލެޓް ސަރަހައްދުގައި އިތުރު މާރާމާރީއެއް ހިންގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފި އެވެ.

ފުލުހުން މީޑީއާތަކަށް ފޮނުވި މެސެއްގައި ބުނެފައިވަނީ ހިޔާ ފްލެޓް އެޗް6ގެ އެޕާޓްމަންޓެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާ ކަމުގެ ރިޕޯޓު އެ އިދާރާއަށް ވަނީ ލިބިފައިވާ ކަމަށެވެ. މިހާރު އެސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

"ސީންގައި ފުލުހުން ދަނީ މިހާރު ހަރަކާތްތެރި ވަމުން. އަނިޔާވި ދިވެހި ފިރިހެން މީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި،" ފުލުހުން ބުންޏެވެ.

މި ހަމަލާއާ ގުޅިގެން އަނިޔާވެފައި ވަނީ ދިވެހި ފިރިހެނަކަށް ކަމަށާއި، އެ މީހާ މިހާރު ހުލުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެމުން އަންނަކަމަށް ފުލުހުން ބުނެ އެވެ. އެހެންނަމަވެސް އޭނާއަށް ލިބިފައިވާ އަނިޔާގެ ތަފްސީލް ފުލުހުން ހިއްސާކޮށްފައެއް ނުވެ އެވެ.

މިދިޔަ ދެ ހަފްތާގެ ތެރޭގައި މާލޭގައި މާރާމާރީތައް ވަނީ އިތުރުވުފައިވާ އިރު، އައްޑޫގައި ވެސް ވަނީ ސިލްސިލާ މާރާމާރީތައް ހިންގައިފަ އެވެ. އައްޑޫ މާރާމާރީއާ ގުޅިގެން އެކަނިވެސް 14 މީހަކު މިހާތަނަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެ އެވެ.