ތާރު އަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީކުރަމުން އަންނަ އަމީނީ މަގުގެ ނުނިމި އޮތް ސެގްމަންޓުގެ މަސައްކަތް ފަށައިފި އެވެ.

ޖުމްލަ 13 ސެގްމަންޓް ހިމެނޭ އަމީނީ މަގުގެ މަސައްކަތުގައި މިހާރު ނުނިމިވަނީ، ފަހު ދެ ސެގްމަންޓްގެ މަސައްކަތެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން، ހުޅަނގަށް އަމީނީމަގުގައި ބާކީ އޮތް ސަރަހައްދެވެ.

އާރްޑީސީގެ މޭނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަމީނީ މަގުގެ މަސައްކަތަކީ ރައީސް މުހައްމަދު މުއިއްޒު އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ "ހަފްތާ 14"ގައި ހިމެނޭ މަސައްކަތެއް ކަމަށެވެ.

މާލޭގެ އަމީނީ މަގު ހެދުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހު އެވެ. އެ މަސައްކަތް އެންމެ ފުރަތަމަ ނިންމަން ދީފައިވާ ތާރީހަކީ މި އަހަރުގެ ފެބްރުއަރީ މަހެވެ. ނަމަވެސް މިދިޔަ ސަރުކާރުން އެ މަސައްކަތް ނުނިމި ލަސްވުމުން ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 27 އަށް އެ މަސައްކަތް ނިންމާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެތާރީހަށް ވެސް މަސައްކަތް ނިމިފައިނުވެ އެވެ.

މި މަޝްރޫއުގެ ދަށުން އަމީނީ މަގުގެ ހެންވޭރު ކޮޅުން ފެށިގެން މާފަންނާ ހަމައަށް ޖުމްލަ 1.79 ކިލޯމީޓަރުގެ ސަރަޙައްދެއްގައި ތާރުއަޅައެވެ.

ޒަމާނީ ފެންވަރަށް އަމީނީ މަގު ތަރައްޤީކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވާ ވަނީ 84.4 މިލިއަން ރުފިޔާއަށެވެ.