އަންނަ ޖެނުއަރީ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީގެ މޭޔަރުގެ ބައި އިލެކްޝަންގައި ވާދަކުރުމަށް މިހާތަނަށް ފޯމު ހުށައަޅާފައިވަނީ އަމިއްލަ ގޮތުން ކުރިމަތިލާ ކެނޑިޑޭޓެއް ކަމަށް އިލެކްޝަން ކޮމިޝަނުން ބުނެފި އެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއީލް ހަބީބް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަނަށް މާލޭ ސިޓީ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލުމަށް، އިލެކްޝަންސް ކޮމިޝަނަށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާފައިވަނީ، އަމިއްލަގޮތުން ކުރިމަތިލައްވާ ކެންޑިޑޭޓެއް އެކަނި ކަމަށެވެ. އަދި އީސީ އިން ވަނީ އޭނާގެ އެޕްލިކޭޝަނުގެ ސައްހަކަން ގަބޫލުކޮށް ޖަވާބު އަރުވާފައިވާ ކަމަށް ވެސް ހަބީބް ވިދާޅުވި އެވެ.

މާލެ ސިޓީ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލުމަށް, އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު 2023 ޑިސެންބަރު 13 ވާ ބުދަ ދުވަހުގެ 2:00 ގެ ނިޔަލަށް ހަމަވާނެ އެވެ.

މާލޭ ސިޓީގެ ހުސްވެފައިވާ މޭޔަރުގެ މަގާމާއި، މެންބަރުން ހޮވުމަށް ބާއްވާ ބައި އިލެކްޝަން ބޭއްވުމަށް ހަމަ ޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

މިހާތަނަށް ތިން ޕާޓީއަކުން މި އިންތިހާބުގައި ވާދަ ކުރާނެ ކަމަށް ވަނީ އިއުލާން ކޮށްފަ އެވެ. އެއީ އެމްޑީޕީގެ ފަރާތުން އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް، ޕީޕީއެމްގެ ފަރާތުން ކުރީގެ ބަންޑާރަ ނާއިބު އާއިޝަތު އާޒިމާ ޝަކޫރު، ދަ ޑިމޮކްރެޓްސްގެ ފަރާތުން މާލޭ ސިޓީގެ ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހް އެވެ. އަދި ރައީސް ޔާމީން އިސްކޮށް ހުންނަވައިގެން އުފައްދަވަން މަސައްކަތްކުރާ، ޕީޕަލްސް ނެޝަނަލް ފްރަންޓުގެ ފަރާތުން މި އިންތިހާބުގައި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސައިން ވަހީދު ވާދަކުރައްވާނެ ކަން ވަނީ އިއުލާން ކޮށްފަ އެވެ.