ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ކެންޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓުންގެ މާލީ ބަޔާންތައް އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބުނާ މިންގަނޑަށް ނުފެތޭތީ އެ ކެންޑިޑޭޓުންނަށް ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި އަށް ކެންޑިޑޭޓުންގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނުން ދިރާސާ ކުރުމަށްފަހު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭ ފަސް ކެންޑިޑޭޓަކަށާއި، އެ ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުންނަށް ގާނޫނުގައިވާ ގޮތުގެ މަތީން، ފިޔަވަޅު އަޅަން ކޮމިޝަނުގެ މިއަދުގެ ޖަލްސާ އިން ނިންމާފައިވާ ކަމަށެވެ.
"ރިޔާސީ އިންތިހާބު 2023 ގެ ކެންޑިޑޭޓުންގެ މާލީ ބަޔާން އިލެކްޝަންސް ކޮމިޝަނުން ދިރާސާ ކުރުމަށް ފަހު، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކުރާ މިންގަނޑުތަކަށް ނުފެތޭ ފަސް ކެންޑިޑޭޓަކަށާއި އެ ފަސް ކެންޑިޑޭޓުންގެ އިންތިހާބީ އޭޖެންޓުންނަށް ގާނޫނުގައިވާ ގޮތުގެ މަތީން ފިޔަވަޅު އަޅަން ކޮމިޝަނުގެ މިއަދުގެ ޖަލްސާ އިން ފާސްކޮށްފި،" ހަބީބު ވިދާޅުވި އެވެ.
ހަބީބު ވިދާޅުވި ގޮތުގައި ގާނޫނުގައި ބުނާ މިންގަނޑުތަކަށް ފެތެނީ ތިން ކެންޑިޑޭޓުންގެ މާލީ ބަޔާނެވެ. އަދި މިކަމާ ގުޅޭ އިތުރު ތަފްސީލު މިއަދު ކޮމިޝަނުން ހާމަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔަވަޅު އަޅަން އީސީން ނިންމި ނަމަވެސް، އެއީ ކޮން ކެންޑިޑޭޓުންނެއް ކަމެއް އެ ކޮމިޝަނުން ހާމަކޮށްފައެއް ނުވެ އެވެ.
މާލީ ބަޔާން ހުށަހަޅާއިރު އިންތިހާބާ ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ހަރަދުތަކުގެ ތަފުސީލާއި އިންތިހާބަށް ހަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފުސީލު ހިމަނަންޖެހެ އެވެ. އަދި ފައިސާ އާއި ތަކެތި ދިން ފަރާތްތަކާއި ދިން މިންވަރުގެ ތަފުސީލާއި ބޭންކު އެކައުންޓުން ކޮށްފައިވާ ހުރިހާ މުއާމަލާތެއް އެނގޭނެ ބޭންކު އެކައުންޓް ސްޓޭޓްމަންޓާއި ސައްހަ މައުލޫމާތުކަން އަންގައިދޭން ފައިސާގެ ރަސީދު، އިންވޮއިސް، ބިލުގެ ކޮޕީ ވެސް ހުށަހަޅަންޖެހެ އެވެ.
އެ ގާނޫނުގެ 75 ވަނަ މާއްދާގެ (ށ)ގައި ބުނާ ގޮތުން މާލީ ކަމެއްގައި ގާނޫނުގައި ބުނާ ގޮތާ ހިލާފަށް ކަމެއްކުރުމުގެ ސަބަބުން ކުށްވެރިވެއްޖެ މީހެއްގެ އަދަބަކީ ތިން އަހަރާ 8 އަހަރާ ދެމެދު މުއްދަތަކަށް ޖަލަށް ލުމެވެ. ނުވަތަ 36،000-96،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވަނީ އަށް ކެންޑިޑޭޓުން ވާދަކޮށްފަ އެވެ. އެއީ ޕީއެންސީގެ ރިޔާސީ ޓިކެޓުގައި ވާދަކުރެއްވި، މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ފަރާތުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ޖުމްހޫރީ ޕާޓީން ވާދަ ކުރެއްވި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ ފަރާތުން ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ.
އަދި އަމިއްލަގޮތުން ވާދަ ކުރައްވި ފާރިސް މައުމޫން އާއި ޑިފެންސް މިނިސްޓަރުގެ ނައިބުގެ މަގާމުން އިސްތިއުފާ ދެއްވި މއ. މާވެޔޮވިލާ ހަސަން ޒަމީލާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެވެ.