އިޒްރޭލުގެ ފައުޖުތަކުން ފަލަސްތީނުގެ ގާޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލައި އދ.ގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކުރުމާ ދެކޮޅަށް އެމެރިކާއިން ވީޓޯގެ ބާރު ބޭނުން ކުރުމުން ރާއްޖެ އިން އެކަމާ ކަންބޮޑުވާކަން ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެމެރިކާ ސަފީރުގެ އަރިހުގައި ދަންނަވައިފި އެވެ.

މިނިސްޓަރު ޒަމީރު މިކަމާ ކަންބޮޑުވުން ފާޅުކުރެއްވީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އެޗްއީހިއުގޯ ޔޮންއާ އެކު ބޭއްވި ބައްދަލުވުމުގަ އެވެ.

މި ބައްދަލުކުރެއްވުމާ ބެހޭ ގޮތުން މިނިސްޓަރު ޒަމީރު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު އެޗްއީ ހިއުގޯ ޔޮންއާ އެކު މިއަދު ބޭއްވި ބައްދަލުވުމެއްގައ އދ.ގެ ގަރާރު އެމެރިކާ އިން ވީޓޯ ކުރުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރެއްވި ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލައި ގާޒާ އަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ދޮރުތައް ހުޅުވާލުމަށް ގޮވާލާ ގޮވާލުން ތަކުރާރު ކުރެއްވި ކަމަށް ޒަމީރު ވިދާޅުވި އެވެ.

ގާޒާ ހަނގުރާމައިގެ އިތުރުން، އެ ބައްދަލުވުމުގައި ދިފާއީ ކަންކަމާއި ވިޔަފާރީގެ ދާއިރާއިން ރާއްޖެ-އެމެރިކާގެ ގުޅުން ބަދަހިކުރަން މަޝްވަރާކުރެއްވި ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ. އަދި މީގެ އިތުރަށް ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރުމުގެ ވާހަކަ ދެކެވުނު ކަމަށް ވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.

ގާޒާގައި ބަދަލުކުރެވެމުންދާ ހަމަލާތައް ވަގުތުން ވަގުތަށް ހުއްޓާލުމަށް އދ.ގެ ސަލާމަތީ މަޖިލީހަށް ގަރާރު ހުށަހެޅީ ޔޫއޭއީންނެވެ. މި ގަރާރަށް ސަލާމަތީ ކައުންސިލްގެ 15 މެމްބަރު ގައުމުގެ ތެރެއިން 13 މެމްބަރުންގެ ތާއީދު އެ ގަރާރަށް ލިބިފައިވެ އެވެ.

އިނގިރޭސިވިލާތުން އެއްވެސް ކޮޅަކަށް ވޯޓު ދީފައި ނުވާ އިރު، ވީޓޯގެ ބާރު ބޭނުންކޮށް ގަރާރާ ބޭރުކޮށްލީ އެމެރިކާ އިން އެކަންޏެވެ.

މި ވޯޓު އެމެރިކާއިން ވީޓޯ ކުރި ކުރުން ދުނިޔޭގެ ގައުމުތަކުން އަންނަނީ ކުށްވެރި ކުރަމުންނެވެ. އަދި އިޒްރޭލުގެ ލާއިންސާނީ އަމަލުތަކާ މެދު އެމެރިކާއިން ގެންގުޅޭ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.