އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށި ދާއިރާ ތަމްސީލް ކުރެއްވި އަދި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގައި ނުގުޑާފަދަ ވަރުގަދަ އަޒުމެއްގައި ހުންނެވި މުހައްމަދު އިސްމާއިލް ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވިލިމާލެ ދާއިރާ އަށް ވާދަކުރަން ނިންމަވައި އެކަން ރޭ އިއުލާން ކުރައްވައިފި އެވެ.
ސޯޝަލް މީޑިއާ މެދުވެރިކޮށް މުހައްްމަދު އިސްމާއިލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2024 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މާލެ ސިޓީ ވިލިމާލެ ދާއިރާއަށް ވާދަ ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. މުހައްމަދުގެ ނުހަނު އިޚްލާސްތެރި އެދުމަކީ އެ ދާއިރާގެ ލޮބުވެތި ރައްޔިތުންގެ ފުރިހަމަ ތައީދު އޭނާ އަށް ދެއްވުމެވެ.
މުހައްމަދު އިސްމާއިލަކީ ވޭތުވެދިޔަ ފަސް އަހަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގި މަގުމަތީ ހަރަކާތްތަކުގެ އެންމެ އިސް އާރުކާޓީ އެވެ. ޕާޓީގެ ހަރަކާތްތަކާ ބެހޭ ކޮމިޓީގެ މުގައްރިރުކަން ވެސް ކުރައްވާ މުހައްމަދު ވަނީ ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ބޭއްވި ހުރިހާ މުޒާހަރާއެއް ލީޑު ކުރައްވައިފަ އެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ވަނީ، ޕާޓީގެ މެންބަރުންގެ ހައްގުގައި އެތައް ފަހަރަކު ޖަލުގައި ބަންދުވާން ޖެހިފަ އެވެ.
ނިމިގެން ދިޔަ ރިޔާސީ އިންތިޚާބުގެ ދެބުރުގައި ވެސް މުހައްމަދު ފެނިގެންގޮސްފައި ވަނީ ޕާޓީގެ އެންމެ ހަރަކާތްތެރި މެންބަރުގެ ގޮތުގަ އެވެ. ޚާއްސަކޮށް އިންތިޚާބުގެ ކެމްޕޭން ނިންމާލުމަށް ބޭއްވި ރެލީތައް އިންތިޒާމް ކުރުމާއި ހިނގާލުންތަކުގެ އެންމެ އިސް ސަފުގައި ހުންނެވީ މުހައްމަދެވެ.
އަށާރަ ވަނަ ރައްޔިތުންގެ މަޖިލީހުގައި ހޯރަފުށި ދާއިރާ މުހައްމަދު ތަމްސީލް ކުރައްވާފައި ވަނީ ދާއިރާ އާއި ޕާޓީގެ އާއްމުން މެންބަރުންގެ ލޯތްބާއި އިތުބާރު އެންމެ މަތީ ފެންވަރުގައި ލިބޭ ގޮތަށެވެ. މުހައްމަދުގެ މެންބަރުކަމުގައި ހޯރަފުށި ދާއިރާ ހިމެނޭ ތިން ރަށަށް ވަނީ ބޮޑު ތަރައްގީއެއް ގެނެސްފަ އެވެ. ޚާއްސަކޮށް ހޯރަފުށީ އެއާޕޯޓް ހަގީގަތަކަށް ހެދުމުގެ ބާނީ އަކީ މުހައްމަދު އިސްމާއިލްކަން އެ ދާއިރާގެ ރައްޔިތުން ހެޔޮ ހިތުން މިއަދު ވެސް ގަބޫލް ކުރެ އެވެ. މުހައްމަދުގެ ދައުރުގެ ފަހުކޮޅު ވަނީ އެއާޕޯޓް ހަދަން ބޭނުންވާ ސަރަހައްދު ކަނޑައަޅައި އަމަލީ މަސައްކަތް ފައްޓަވައިފަ އެވެ. މީގެ އިތުރުން މުހައްމަދުގެ މަސައްކަތުން ވަނީ ހއ. އަތޮޅު މަދަރުސާގެ މަލްޓި ޕާޕޯސް ހޯލާއި ހޯރަފުށީގެ ފެނާއި ނަރުދަމާ އަދި އެންމެ ޒަމާނީ ޕޮލިސް ސްޓޭޝަނެއް ގާއިމްކުރުން ފަދަ އެތައް މަސައްކަތެއް ނިންމައިފަ އެވެ. މީގެ އިތުރުން މުޅި ރާއްޖޭގެ އިގްތިސާދާ ގުޅޭ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ އިހަވަންދިއްކޮޅުގައި ހަދާ އައި-ހެވަން މަޝްރޫއު ހަގީގަތަކަށް ހެދުމަށް މުހައްމަދު ވަނީ ބުރަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
ވިލިމާލެ ދާއިރާގެ ޕީޕީއެމް/ޕީއެންސީގެ ރައީސްކަން މިހާރު ކުރައްވާ މުހައްމަދުގެ އުއްމީދަކީ ކުރިއަށް އޮތް އިންތިޚާބު އޭނާ އަށް ކާމިޔާބު ކުރެވި މާލެއާ ކައިރީގައި އޮތް ނަމަވެސް އެކަހެރިވެ، ހިމޭންވެފައި އޮތް ވިލިމާލެ އަށް ތަރައްގީގެ ހަގީގީ ދިރުން ގެނެސްދިނުމެވެ. ދާއިރާގެ ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތް ކުރާނެކަން މުހައްމަދު ވަނީ އަމަލީ ގޮތުން ސާބިތު ކޮށްދެއްވައިފަ އެވެ. އެކަމަށްޓަކައި އޭނާ އެދެނީ ވިލިމާލެ ދާއިރާގެ ރައްޔިތުން އޭނާ އަށް އިތުބާރު ކުރައްވައި ވޯޓު ދެއްވުމަށެވެ.
ޕީޕީއެމް/ޕީއެންސީން މިހާރު އެކުލަވާފައިވާ އާ އުސޫން ވެސް ދާއިރާގެ މެންބަރުކަމަށް ވާދަކުރުމުގެ ހައްގުކަން އެންމެ ބޮޑު ބޭފުޅަކީ މުހައްމަދު އިސްމާއިލެވެ. އެ އުސޫލުގައިވާ ގޮތުން ޕާޓީގެ ޓިކެޓް ދިނުމުގައި އިސްކަން ދޭނީ އެބޭފުޅަކު ރައްޔިތުންގެ މަޖިލީހުގައި ކޮށްދީފައިވާ މަސައްކަތަށާއި ޕާޓީ އަށް ކޮށްދީފައިވާ ޚިދުމަތެވެ. މި އުސޫލުން ބަލާއިރު މުހައްމަދު އިސްމާއިލަށް ވުރެ ޚިދުމަތްތެރި މެންބަރަކު ފެންނާކަށް ނެތެވެ.