ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ހެލްތު މިނިސްޓްރީގެ ވަޒީފާގައި ދެމިހުރުމަށް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ އެކު ހެދި ކޮންޓްރެކްޓަކީ މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން ހެއްދެވި ކޮންޓްރެކްޓެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

ސާޖިދާއަކީ ހެލްތު މިނިސްޓްރީގެ ދަށުން ހިންގާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ ސީނިއާ ސައިންޓިފިކް އޮފިސަރެވެ. ފަސްޓްލޭޑީ ކަމަށް ވަޑައިގަތުމަށް ފަހު ސާޖިދާ ވަނީ ސީއެސްސީގެ ވަޒީފާއިން މުސާރަ ނުލިބޭ ގޮތަށް ހަތަރު އަހަރުގެ ޗުއްޓީއެއް ނަންގަވައިފަ އެވެ. ނަމަވެސް ހެލްތު މިނިސްޓްރީން ސާޖިދާގެ ފަންނީ އެހީތެރިކަން ބޭނުންވާ ކަމަށް އެންގުމުން ސީއެސްސީން ވަނީ ކޮންޓްރެކްޓް އުސޫލުން ވަޒީފާ އަދާކުރަން މި މަހުގެ ހަތް ވަނަ ދުވަހު އެއްބަސްވުމެއް ހަދައިފަ އެވެ.

ޓެކްނިކަލް މުހިއްމު މަސައްކަތްތަކެއް އެތަނުގައި ކުރައްވަމުން ގެންދަވާއިރު، ސާޖިދާއަކީ އެ ދާއިރާ އިން ކިޔަވާ ވިދާޅުވެ ހުންނެވި ހަމައެކަނި ބޭފުޅާއެވެ.

ސީއެސްސީން ސާޖިދާއާއެކު ހެދި ކޮންޓްރެކްޓުގައިވާ ގޮތުން މަސައްކަތަށް ވަޑައިގަންނަވާ ކޮންމެ ގަޑިއިރަކަށް 75ރ. ގެ އެލަވަންސެއް ލިބޭނެ އެވެ. އެއީ މަހަކު 40 ގަޑިއިރު މަސައްކަތްކުރާ ގޮތަށް ކަމަށްވާތީ މަހަކު ލިބިވަޑައިގަންނަވާނީ 3،000ރ. އެވެ. އެއީ މުސާރަ ނުލިބޭ ގޮތަށް އެފަދަ އެގްރިމެންޓެއް ނުހެދޭނެތީ މަސައްކަތަށް ނުކުންނަ ދުވަސްތަކަށް ދޭ މުސާރައެކެވެ.

މި ކޮންޓްރެކްޓުގެ އިތުރުން ފަސްޓްލޭޑީގެ ހައިސިއްޔަތުން ވެސް ސާޖިދާ އަށް ކޮންމެ މަހަކު މުސާރަ ލިބިވަޑައިގަންނަވާތީ ދެ މަގާމެއް އަދާކުރެއްވިދާނެތޯ ބައެއް މީހުން ދަނީ ސުވާލު އުފައްދަމުންނެވެ.

މަޖިލިހަށް ކުއްލި މައްސަލަ ހުށަހެޅުއްވުމަށް ފަހު ޔައުގޫބް ވިދާޅުވީ ދާއިރާ އިން ކިޔަވާ ވިދާޅުވެގެން ހުންނެވި ހަމައެކަނި ބޭފުޅާއަކީ ސާޖިދާ ކަމަށް ބުނާ އިރު، އެފަދަ އެހެން ބޭފުޅަކު ހުރިތޯ ބެލުމަށް އިއުލާނެއް ނުކުރީ ކީއްވެތޯ ސުވާލު ކުރައްވައިފަ އެވެ.

އަދި ސައިންޓިފިކް އޮފިސަރެއްގެ މަގާމަށް ދާން ބޭނުންވާ ކަން ފުރަތަމަ ވެސް ހުށަހަޅުއްވާފައި ވަނީ ސާޖިދާ ކަމަށާއި އެކަމަނާ ބޭނުންވާ ކަންކަން ސީއެސްސީ އަށް ހާމަކުރައްވަމުން ގެންދެވީ ހުދު އެކަމަނާ އަމިއްލަފުޅަށް ކަމަށް ޔައުގޫބް ވިދާޅުވި އެވެ.

"ހުރިހާ އިންސްޓްރަކްޝަނެއް ދެއްވީ ވެސް އެބޭފުޅާ. އެހެންވެ އޭގެން އެބަ އެނގޭ ސީދާ ހަމަ ނުފޫޒާއި މަގާމުގެ ހައިސިއްޔަތު ބޭނުންކޮށްގެން ކޮށްފައި އޮތް ކަމެއް ކަން،" ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބް ވިދާޅުވި ގޮތުގައި ރާއްޖޭގެ މެޖޯރިޓީ ރައްޔިތުން ވެރިކަމަށް ގެންނެވީ ރައީސް މުއިއްޒު ކަމަށްވާ އިރު، މީޑިއާތަކާއި ނޫސްތަކުން ފެންނަ މަންޒަރުތަކުން ރައީސަށް ވުރެ ބޮޑަށް މާ ކުރީގައި އަދި މާ ބޮޑަށް އުޅުއްވާ ތަން ފެންނަނީ ސާޖިދާ އެވެ. މިއީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ސާޖިދާ ވިދާޅުވި އެވެ.

"މީގެ ފަސް އަހަރު ކުރިން އޭރުގެ ރައީސުލްޖުމްހޫރިއްޔާ (ރައީސް ޔާމީން) ގެ މައްޗަށް ނުފޫޒު ފޯރުވިއޭ ކިއައިގެން ރައްޔިތުންގެ ތެރެއިން ކަންބޮޑުވި ކަންބޮޑުވުން އަނެއްކާ ވެސް ތަކުރާރު ވަނީތޯ؟ އަޅުގަނޑު ގަބޫލު ކުރަނީ އެކަމަނާ އެ ކުރައްވާ މަސައްކަތަކީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ވެސް ނުފޫޒު ފޯރުވަން ފަށާ މަސައްކަތުގެ ދަތުރުގެ ފެށުން." ޔައުގޫބް ވިދާޅުވި އެވެ.

ޔައުގޫބް ވަނީ ސާޖިދާ އާއި ސީއެސްސީއާ އެކުގައި ހެދި އެއްބަސްވުން ބާތިލް ކުރުމަށް ސީއެސްސީ އަށް ގޮވާލައްވައިފަ އެވެ.