މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އެހީގައި ހުޅުމާލެ، ހުރަވީ ސްކޫލުގައި ގާއިމުކުރި، ވޮކޭޝަނަލް ހަބް "ހުނަރު ވެހި" މިއަދު ހުޅުވައިފި އެވެ.

ހުރަވީ ސްކޫލުގައި މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތެއްގައި، ހުނަރު ވެހި ހުޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓަރު އިސްމާޢީލް ޝަފީއު އާއި އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު އެވެ.

އެމްއޭސީއެލްގެ އިޖްތިމާއީ ޒިންމާގެ ދަށުން ހުރަވީ ސްކޫލުގައި ގާއިމުކުރި ހުނަރު ވެހި ބިނާކުރުމުގެ މަޝްރޫއަކީ، ރާއްޖޭގެ ތައުލީމީ ނިޒާމް ކުރިއެރުވުމަށާއި، އުފެއްދުންތެރި އަދި ބިނާކުރަނިވި ތަމްރީނުތައް ދަރިވަރުންނަށް އުނގަންނައި ދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު މަޝްރޫއުއެކެވެ. މި މަޝްރޫއުގެ ދަށުން، ހުނަރު ވެއްސަށް ބޭނުންވާ ވާޑާންކުރުމުގެ ސަމާނާއި، ކަރަންޓާއި ވައިރިން އަދި ވެލްޑިން ކުރުމަށް ބޭނުންވާ ސާމާނުގެ އިތުރުން ދަރިވަރުންނަށް ފަހަން ދަސްކޮށްދިނުމަށް ބޭނުންވާ ސާމާނުތައް އެމްއޭސީއެލް އިން ވަނީ ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ހުނަރު ވެހި ތަރައްޤީކޮށްފައިވާ އިމާރާތް މަރާމާތުކުރުމުގެ މަސައްކަތައް ބޭނުންވާ ތަކެއްޗާއި އެހީތެރިކަން އެމް.އޭ.ސީ.އެލް އިން ވަނީ ފޯރުކޮށްދީފަ އެވެ.

ހުނަރުވެހި ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެމްއޭސީއެލްއަކީ ރާއްޖޭގެ ނިސްބަތުން ބޮޑު ކުންފުންޏެއް ކަމަށްވުމާއި އެކު، ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މުހިންމު ގިނަ މަސައްކަތްތަކެއް ރާވާފައިވާ ކަމަށެވެ. އަދި ސްކޫލް ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން ވަރަށް އަވަހަށް އިންޓާންޝިޕް ޕްރޮގްރާމެއް ފަށާނެ ކަމަށް އެމްޑީ އިބްރާހީމް ޝަރީފް ވިދާޅުވި އެވެ. އަދި ހުނަރު ވެހި ފަދަ ދެމެހެއްޓެނިވި ތަޢުލީމީ ބިނާއަކުން، ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި ދަރިވަރުން އުފެދިގެން ދިޔުމަކީ ކުރާ އުންމީދެއްކަމަށް ވެސް އެމްޑީ އިބްރާހީމް ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު އިސްމާއީލް ޝަފީއު ވިދާޅުވީ، ހުރަވީ ސުކޫލުން މިއަދު މި ޤާއިމުކުރިފަދަ ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތަކެއް އެހެން ސްކޫލްތަކުގައި ވެސް ފެށުމަށް ހިތްވަރު ދެއްވާ ކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ، ޘާނަވީ ތައުލީމް ހާސިލްކުރާ ހުރިހާ ދަރިވަރުންނަށް ވެސް އެފަދަ ޕްރޮގްރާމްތަކުގެ ފައިދާ ފުރިހަމައަށް ކުރުން ކަމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހުރަވީ ސްކޫލުގެ ޕްރިންސިޕަލް އަބްދުﷲ ރަޝީދު ވިދާޅުވީ، ސްކޫލުގެ އަމާޒަކީ، ސްކޫލުގެ ދަރިވަރުންނަކީ ތައުލީމީ ގޮތުންނާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ ގޮތުން ވެސް ފާހަގަކޮށްލެވޭ ދަރިވަރުންނަށް ހެއްދެވުން ކަމަށެވެ. ހުނަރު ވެހި ތަރައްޤީކުރުމަށް ކުރެއްވި މަސައްކަތަށް އަލި އަޅުއްވާ ލައްވާ ޕްރިންސިޕަލް ވިދާޅުވީ، މިފަދަ ބޮޑު މަސައްކަތެއްކޮށް ނިންމާލެވުނީ މިފަދަ ކަންކަމަށް ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދެއްވާ އަހަމިއްޔަތުގެ ސަބަބުން ކަމަށެވެ.

ހުނަރު ވެހި ހުޅުމުގެ އިތުރުން، ދަރިވަރުންނަށް ހުނަރު ދަސްކޮށްދިނުމަށް ގާއިމުކުރެވުނު އެ ސްކޫލުގެ "ދަސްވެށި" އަދި ލެއިޝަރ ރޫމެއްގެ ގޮތައް ގާއިމުކުރި "މަރިޔާދު" ވެސް ވަނީ މިއަދު ހުޅުވައިފަ އެވެ. މިގޮތުން، ދަސްވެށި ހުޅުއްވައިދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި އެމް.ޑީ އިބްރާހިމް ޝަރީފް މުހައްމަދު އަދި މަރިޔާދު ހުޅުއްވައި ދެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ އެވެ.