މި އަހަރުގެ ސެޕްޓެންބަރު 5 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ކޮށްފައިވާ ޕާކިން ޖޫރިމަނާތައް ސަރުކާރުން މައާފުކޮށްދެއްވައިފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ ފޯ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް ވިދާޅުވީ ގަވާއިދާއި ހިލާފަށް ކޮށްފައިވާ ޕާކިން ޖޫރިމަނާތައް ގާނޫނާއި ގަވާއިދުގެ ދަށުން މައާފުކޮށްދިނުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ. މި ވައުދުފުޅުގެ ދަށުން ސެޕްޓެންބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން މިދިޔަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަށް ކޮށްފައިވާ 2.8 މިލިއަން ރުފިޔާގެ ޖޫރިމަނާ ރައީސް މިއަދުން ފެށިގެން މައާފު ކޮށްދެއްވާފައިވާ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސްގެ ވަޢުދުފުޅެއް އެއީ މި ހުރިހާ ޖޫރިމަނާތައް މަޢާފު ކޮށްދިނުން. އެހެންނަމަވެސް އޭރު ވަކި މުއްދަތަކާއި ހަމައަށް 5 ސެޕްޓެންބަރު 2023 ހަމައަށް ކުރެވިފައިވާ ހުރިހާ ޖޫރިމަނާތައް އޭރު މައާފު ކުރެވިފައި. މިހާރު ރައީސް ނިންމަވާފައިވަނީ 5 ސެޕްޓެންބަރު 2023 ހުން ފެށިގެން، 16 ނޮވެންބަރު 2023 ހަމައަށް ކޮށްފައިވާ ޖޫރިމަނާތައް މައާފުކޮށްދިނުމަށް." ފިރުޒުލް ވިދާޅުވިއެވެ.

ރައީސް ސޯލިހުގެ ވެރިކަމުގައި، ރިޔާސީ އިންތިހާބާއި ގާތްވެފައިވަނިކޮށް، ޓްރެފިކް ޖޫރިމަނާތައް މައާފްކުރި ނަމަވެސް ސެޕްޓެމްބަރު މަހުގެ 5 ވަނަ ދުވަހުން ފެށިގެން ނޮވެމްބަރު 17 އާ ހަމައަށް ކޮށްފައިވާ ޖޫރިމަނާތައް މައާފްކޮށްފައެއް ނުވެ އެވެ.

ޕާކު ކުރާނެ ތަންތަން ނުދައްކާ ސްޓިކާ ނުޖަހާނެ ކަމަށް 2018 ވަނަ އަހަރު ރައީސް ސޯލިހް ވެސް ވައުދުވެވަޑައިގެންނެވި އެވެ. އެހެން ނަމަވެސް އެވައުދާ ހިލާފަށް ސްޓިކާ ޖަހައިގެން ދައުލަތަށް ބޮޑު އާމްދަނީއެއް ހޯދަމުން ދިޔަ އެވެ. މިކަމާއި ގުޅިގެން ގިނަ ބައެއްގެ ނުރުހުން އެ ސަރުކާރަށް އަމާޒުވި އެވެ.