ދިވެހިރާއްޖޭގައި އިނގިރޭސި ބަހުން ޚުޠުބާ ކިޔުމާ މެދު ފެންނަ ގޮތެއް ބަލައިލާން ހުޅުވައިލި ހުޅުވައިލުމެއްގެ ވާހަކަ އިވުނެވެ. ގިނަ ޢަދަދެއްގެ މުސްލިމު ބިދޭސީ މަސައްކަތްތެރީން މާލޭގައި އުޅޭތީ މާލޭގެ ކޮންމެވެސް އެއް މިސްކިތެއްގައި އިނގިރޭސި ބަހުން ޚުޠުބާ ކިޔުމާ މެދު ފެންނަ ގޮތެއް ބަލައިލުމަށްޓަކައި ހުޅުވައިލި ހުޅުވައިލުމެއްގެ ވާހަކައެވެ. ގިނަ ޚިޔާލު ތަފާތުވުންތަކެއްގެ ސަބަބުން އެ ކަމަކީ އެހެން ނުކުރާނޭ ކަމެއް ކަމުގައި ފަހުން ވަނީ ނިންމާފައެވެ.
ޚުޠުބާ އިނގިރޭސި ބަހުން ނުކިޔާ ގޮތަށް ނިންމާފައި ވީ ނަމަވެސް ގޭގޭގެ ފެންޑާތަކާ ހަމަޔަށް، ބޮޑު ކޮޓަރިތަކާ ހަމަޔަށް، ޓީވީތަކަށް ޚުޠުބާ ކިޔަމުންދާ ވަގުތު އެ ކިޔާ އެއްޗެއް އިނގިރޭސިން އަރާ ގޮތަށް ހެދުމަށް ވަނީ ނިންމައިފައެވެ. އިނގިރޭސި ބަހާއި ބޭރު އެހެން ބައެއް ބަސްބަހަށް ތަރުޖަމާކޮށްފައި ހުންނަ ޚުޠުބާ އިސްލާމީ ވުޒާރާގެ ވެބްސައިޓުން ލިބޭގޮތަށް ހެދުމަށް ވެސް ވަނީ ނިންމައިފައެވެ.
ހައިރާން ވާހައި ވެއެވެ! ދިވެހީންނަކީ ދިވެހީންކަން އަންގައިދޭ ހަމައެކަނި ނިޝާނަކީ ދިވެހިބަސް ކަމުގައި އަޅުގަނޑުމެން ބާރުލާފައި އެބަ ބުނަމުއެވެ. ދިވެހިބަހަކީ ކާބަފައިންގެ ފަރާތުން ވާރުތަވެފައިވާ އެންމެ އަގުހުރި ތަރިކަ ކަމުގައިވެސް ފަޚުރުވެރިކަމާއެކު އެބަ ބުނަމުއެވެ. މި ދިވެހިވަންތަކަމުގެ ނިޝާނަށް، މި އަގުހުރި ތަރިކައަށް އަދު ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދެވަނަ ބަހެއްގެ ގޮތުގައި ދިވެހީންގެ ތެރެއަށް އިނގިރޭސި ބަސް ވަދެ އޭގެ ނުފޫޒު ގަދަވަމުން އައުމެވެ. މި ބޮޑު ގޮންޖެހުމުގެ ސަބަބުން އަންނާން އޮތް ޖީލުތަކާ ހަމައަށް އަޅުގަނޑުމެންގެ މި ރީތި ދިވެހިބަސް އޭގެ ގޮތުގައި ވާސިލު ނުވެދާނޭ ކަމުގެ ބިރު މިވަނީ ހީވެފައެވެ.
ދިވެހިބަހުގެ ދެމިއޮތުމަށް ހުރަސްތަކެއް ކުރިމަތިވަމުން އަންނަ މި ނާޒުކު ދަނޑިވަޅުގައި ކުރިން މި ދެންނެވި ފަދަ ނިންމުންތަކެއް ނިންމެވުމަކީ ދިވެހި ބަސް ކުރިއަށް ދާން އޮތް މަގުގެ މެދުގައި އަނދައަނދާ ހުރި އަލިފާންގަނޑަކަށް އަނދަނަ އެޅުން ނޫން ކަމަކަށް ވާނެތޯއެވެ؟ ބަހާއި ޤައުމިއްޔަތު ދިރުވައި އާލާކުރާ ވާހަކަ މިހައި ބާރަށް ދެކެވެމުން އަންނަ ދަނޑިވަޅެއްގައި އެ ފަދަ ޚިޔާލެއް ކުރެވުންވެސް އެއީ ކުޑަކޮށްވެސް ހަމަޖެހޭ ކަމެއް ކަމަކަށް ނުފެނެއެވެ.
އެހެން ނޫނަސް، އަންނަ މަހުން ފެށިގެން ކުރާން ނިންމާފައި މިވާ ކަމުގެ މަގުސަދުވެސް އެހާ ސާފެއް ނޫނެވެ. ސަބަބަކީތޯއެވެ! ކޮށްލާން އޮތީ ސުވާލެކެވެ. އެ ވިދާޅުވާ ބިދޭސީ މަސައްކަތްތެރީންނަކީ ހުކުރު ނަމާދަށް ނުގޮސް ގޭގައި ޓީވީ ބަލާން ތިބޭ ބަޔަކީތޯއެވެ؟
ނޫން، ނޫނެކެވެ! އެ ތަރުޖަމާ ފޯރާނީ، ބަލާނީ، ފެންނާނީ އަޅުގަނޑުމެންގެ ގޭގޭގައި ތިބޭ އަންހެނުންނަށާއި ތުއްތު ތުއްތު ދަރީންނަށެވެ. އެހެން ކަމަށް ވާއިރު، ދިވެހި މުޖުތަމަޢުގެ ތެރެއަށް އިނގިރޭސި ބަސް ވަނުމަށް ހުޅުވޭ އިތުރު ދޮރަކަށް އެ ކަން ނުވާނެތޯއެވެ؟ ތުއްތު ތުއްތު ކުދީންނާއެކު މުޅި ދިވެހި މުޖުތަމަޢުގެ ސިކުނޑިތަކާއި ހިތްތަކުގައި އިނގިރޭސި ބަހުގެ ނުފޫޒު އިތުރަށް ގަދަވެގަތުމަށް ކޮށޭނޭ އައު މަގަކަށް އެކަން ނުވާނެތޯއެވެ؟ ދިވެހި މުޖުތަމަޢުގެ ތެރޭގައި އިނގިރޭސި ބަހުގެ ނުފޫޒު އޮތް މިންވަރަށް ބަލާއިރު، އިނގިރޭސި ބަހާ ގާތަށް އެޅޭ ކޮންމެ ފިޔަވަޅަކީ ދިވެހި ބަހާ ދުރަށް ގެންދާން އެޅޭ ހާސް ފިޔަވަޅަށް ވާނޭކަން ޔަގީނެވެ. ކުރީންވެސް ދެންނެވިހެން ދިވެހި ބަސް ކުރިޔަށް ދިޔުމަށްޓަކައި ހިނގާން ހުރި ފައިގެ އެންމެ ބޮޑު ރިހުމަކަށް އިނގިރޭސި ބަސް ވެފައިވާއިރު އަޅުގަނޑު ދެކޭ ގޮތުގައި ކުރާން މި ނިންމެވި ކަންކަމުގެ ސަބަބުން އެ ރިހޭ ފައިގެ މައްޗަށް އިތުރަށް ފޮއި ވެއްޓި ރިހުން ގަދަވާނީއެވެ. މި ފަދަ ނިންމުންތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތަކުގެ ނަތީޖާއަށް ވާނީ، ގިނަ ދުވަސްތަކެއް ނުވެ ދިވެހިބަސް ކަފުންކުރެވި މުޖުތަމަޢަށް ބަހުގެ މޫނުއަޅާން ޖެހުމެވެ.
ދަންނަވަންތޯއެވެ! ޚުޠުބާ ތަރުޖަމާކުރެއްވުން ފަދަ ކަމެއް ކުރައްވާ ނަމަ ޚިޔާލެއް އަރުވައިފާނަމެވެ. ދިވެހި ބަހަށް ލިބިފައިވާ މުއްސަނދި ސިފަތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ސިފައަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ދިވެހި ބަހުގެ ތަފާތު ބަހުރުވަތައް ހުރުން އެހެން ނޫންތޯއެވެ! ޚާއްޞަ ގޮތެއްގައި ދެކުނުގެ އަތޮޅުތަކުގައި ހުރި ތަފާތުކަން ބޮޑު ބަހުރުވަތަކެވެ. ނުވަތަ ބަސްތަކެވެ. އައްޑޫބަހާއި ހުވަދޫބަހާއި ފުވައްމުލަކު ބަހެވެ. މި ބަހުރުވަތަކުގެ ނުވަތަ ބަސްތަކުގެ އަހުލުވެރީންނަށް އެންމެ ރަނގަޅަށް އެއްޗެއް ފަހުމުވާނީ އެވެރީންގެ މާދަރީ ބަހުން އިވިގެންނެވެ. ނުވަތަ ކިޔައިގެންނެވެ. ނުވަތަ ބުނެދީގެންނެވެ. އަދި ދަންނަވަންތޯއެވެ! އެ ތަންތަނުގައި ގާއިމްވެ ތިބޭ ބިދޭސީ މަސައްކަތްތެރީންނަކީވެސް އެ ތަންތަނުގެ ބަހުން ނުވަތަ ބަހުރުވަތަކުން އެ މީހުންގެ ޢާންމު ވާހަކަ ދައްކައި އުޅޭ ބައެކެވެ. އެ ތަންތަނުގައި ތިބޭ ދިވެހީންނަށް މާލޭ ބަހުން ނުވަތަ ދިވެހި ރަސްމީ ބަހުރުވައިން ބުނާ އެއްޗެއް މޭރުން ވިޔަސް އަމުދުން އެ ބިދޭސީންނަކަށް ނުވާނެއެވެ. މާލޭގައި ނުވަތަ ރަސްމީ ބަހުރުވައިން ވާހަކަދައްކާ ތަންތަނުގައި އެއްވެސް ގޮތަކަށް ނޫޅެ، ބޭރުން ސީދާ އެ ތަންތަނަށް ގެންގޮސް ތިބޭ ބޭރު މީހުންނަކަށް ޢާންމު، ރަސްމީ ދިވެހި ބަހުރުވައެއް ނޭނގޭނެއެވެ.
އައްޑޫ، ހުވަދޫ، ފުވައްމުލަކުގައި ހުކުރު ނަމާދަށް ދާ ޢުމުރުން ދުވަސްވީ މީހުންނަށް ރަސްމީ، ޢާންމު ބަހުރުވަ ދޭހަކުރެވޭ މިންވަރު އެމީހުންގެ މާދަރީ ބަހަށް ވުރެން އެތައް މިންގަނޑަކުން ދަށް ވާނެއެވެ. ޓީވީ، ރޭޑިއޯ ފަދަ އެއްޗެހި އަޑު ނީވި، އެހެންވެސް ގޮތަކުން ޢާންމު ރަސްމީ ބަހުގެ މުޢާމަލާތު ނުކުރެވޭ ނަމަ، ހަމަ އެއްގޮތަކަށް މޭރުން ނުވެސް ވާނެ މެއެވެ. ހުކުރު ނަމާދަށް ގޮސް އުޅޭ އެ ތަންތަނުގެ ކުޑަކުދީންވެސް ހަމަ މި ދެންނެވި ފަދައެވެ.
ނެލްސަން މަންޑޭލާ ބުނެފައިވާ ފަދައިން "މީހެއްގެ ގާތުގައި އޭނާ ދަންނަ ބަހަކުން ބުނާ އެއްޗެއް ވަންނާނީ ބޮލަށް، އޭނާގެ އަމިއްލަ ބަހުން އޭނާ ގާތު ބުނާ އެއްޗެއް ވަންނާނީ ސީދާ އޭނާގެ ހިތަށް" ކަމަށް ވާއިރު، ކުރައްވާ ނަމަ ދިވެހި ބަހުގެ އެހެނިހެން ބަހުރުވަތަކަށް ޚުޠުބާ ތަރުޖަމާ ކުރެއްވުން މާ ބޭނުންތެރިވެފައި މުހިންމުކަން ބޮޑު ނޫންތޯއެވެ؟ އެ ތަރުޖަމާ އެ ގޮތަށް ކުރެވޭ ނަމަ ދިވެހި ބަހުގައި ހުރި މުއްސަނދިކަން ރައްކާތެރިކޮށް ދެމެހެއްޓުމަށް ކުރެވޭ އަގުހުރި މަސައްކަތަކަށްވެސް ވާނޭކަން ޔަޤީނެވެ. ޤައުމިއްޔަތު ދިރުވުމަށާއި އަމިއްލަ ވަންތަކަމަށް ލޯބިކުރުވާން ވެސް އެޅޭ ބާރަކަށް ވާނޭކަން ގައިމެވެ. ކުރިން މި ދެންނެވި ރާއްޖޭގެ ކަންކޮޅުތަކުގެ ކައުންސިލްތަކަށާއި އެހެނިހެންވެސް ބައެއް ފަރާތްތަކަށް ޤާނޫނީ ގޮތުން އެ ތަންތަނުގެ ތަރިކަތައް ހިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާތައް މަތިކުރެވިފައި ވާއިރު، އިސްލާމީ ވުޒާރާއަށް އޭގެ މުހިންމު ބައެއްވެސް އަދާކޮށްދެވުނީއެވެ!
މިއީ ވަރަށްރަނގަޅު ލިއުއްވުމެއް! ހުތުބާ އިނގިރޭސި ބަހަށް ތަރުޖަމާކުރުމަކީ ދިވެހިބަހަށް އިތުރު ނިކަމެތިކަމެއް.