ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ޝަރުތު ހަމަނުވާ ބަޔަކަށް ފުލެޓް ދިން ކަމަށް ބުނާ މައްސަލާގައި ކުރިއަށް ގެންދާ ތަހުގީގަށް މީހުން ހާޒިރުކޮށް ބަޔާން ނަގަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން ބުނީ ގެދޮރުވެރިޔާ ޕޯޓަލަށް އެކްސެސް ލިބުނުން ތަހުގީގު އިތުރަށް ފުޅާކޮށް، ހާޒިރުކުރަން ޖެހޭ ފަރާތްތައް ހާޒިރުކޮށް، ތަހުގީގަށް ބޭނުންވާ މައުލޫމާތާއި ބަޔާންތައް ނަގަމުން އަންނަ ކަމަށެވެ.

އޭސީސީއަށް ހާޒިރުކޮށް ބަޔާން ނަގަމުން އަންނަނީ ކޮން ބައެއްކަން އެ ކޮމިޝަނުން ހާމަކޮށްފައިނުވެ އެވެ.

އޭސީސީން ބުނި ގޮތުގައި، އެއީ ގިނަ ބައެއްގެ މަސްލަހަތާ ގުޅުން ހުރި މައްސަލައަކަށް ވާތީ ވީހާ ވެސް އަވަހަކަށް މައްސަލަ ނިންމުމަށް އިންސާނީ ވަސީލަތްތައް އެންމެ ފުޅާދާއިރާއެއްގައި ބޭނުން ކޮށްގެން އަންނަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލައިގައި މި ފަހުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީގައި އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ވިދާޅުވީ ހައުސިން މިނިސްޓްރީގެ ޕޯޓަލް ފަރުމާކޮށްފައި ވަނީ އިން ފްލެޓަށް އެދި ހުށަހަޅާފައިވާ ހުރިހާ ލިޔެކިޔުންތަކެއް އެއް ކުރުމަށް ފަހު އޮޓޯ އިން މާކްސްތައް ޖެނެރޭޓްވާ ގޮތަށް ކަމަށެވެ. އެހެންވެ ޕޯޓަލްގެ ތެރެއިން ޕޮއިންޓު އިތުރުކޮށްފައިވާ ކަމަށް ސަލާމް ވިދާޅުވި އެވެ.

ސަލާމް ވިދާޅުވީ ހުށަހަޅާ ލިޔެކިޔުންތަކުން ޝަރުތު ހަމަނުވާ ކަމަށްވާނަމަ ޝަރުތު ހަމަނުވާ ކަމަށް ސިސްޓަމުން އޮޓޯއިން ޖެނެރޭޓު ވާނެ ކަމަށެވެ. އެހެން ނަމަވެސް އެޕްރޫވަލް ލެވެލްއިން ޝަރުތު ހަމަވާ ކަމަށް ބަދަލުކޮށްފައި ހުންނަކަން ފާހަގަވާ ކަމަށް އަބްދުއްސަލާމް ވިދާޅުވި އެވެ.

ފްލެޓްތަކަށް ހުށަހެޅި ފޯމުތައް އިވެލުއޭޓް ކުރިއިރު، ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ޕޮއިންޓް ދީފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ބުނެ ފްލެޓް ދިނުމުގެ ކަންކަން އޭސީސީއިން މީގެ ކުރިން ވަނީ ހުއްޓުވާފަ އެވެ.