ރާއްޖެއިން ތިމާވެށީގެ ސަމިޓަށް ވަޑައިގެންނެވި ޓީމުގެ އެންމެ އިސް ވެރިޔަކީ ރައީސުލް ޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒެވެ. އެއީ ދުނިޔޭގެ އެހެން ވެރިންނެކޭ ވެސް އެއްފަދައިންނެވެ. ދާދިފަހުން ޔޫއޭއީގެ ދުބާއީގައި ނިމިގެންދިޔަ ތިމާވެށީގެ ސަމިޓަށް ދުނިޔޭގެ ގިނަ ގައުމުތަކުގެ ލީޑަރުން ހާޒިރުވި އެވެ. އިނގިރޭސި ރަސްގެފާނު ޗާލްސް ވެސް އެ ސަމިޓުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ. 200 ގައުމަކުން ކޮންމެ ގައުމަކުން ވެސް އެތައް އޮފިޝަލުންނެއް ހިމެނޭ ޑެލިގޭޝަނަކާ އެކު ކުރިޔަށް ދިޔަ ތިމާވެށީގެ ސަމިޓުގެ ބޭނުމަކީ ދުނިޔެ ހޫނުވަމުން އަންނަ އައުން ހުއްޓުވުމަށް ސިޔާސަތުތައް ކަނޑައެޅުމެވެ.
ދުނިޔެ ހޫނުވުމުގެ ސަބަބުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއެކު އިންސާނީ ދަރިފަސްކޮޅަށް އަތުވެދާނެކަމަށް ސައިންސްވެރިން ލަފާކޮށްފައިވާ ތިމާވެށީގެ ބޮޑު މުސީބާތް އައުން ހުއްޓުވަން ކުރަމުންދާ މަސައްކަތުގައި ދުނިޔޭގެ ގައުމުތަކަށް މާބޮޑު ކުރިއެރުމެއް ލިބޭ ތަނެއް ނުފެނެ އެވެ. ސައިންސްވެރިންގެ މެދުގައި މަޝްވަރާކުރެވި، ދުނިޔޭގެ ވެރިން އެއްބަސްވެފައިވާ ފިޔަވަޅުތައް އެޅެމުންދާ ކަމަކަށް ނުވެ އެވެ. ދުނިޔޭގެ ހޫނުމިން އުފުލެމުންދާ މިންވަރު މަޑުކުރުމަށްޓަކައި ކަނޑައަޅާފައިވާ މިންވަރާ ގާތަށް ވެސް ދެވިދާނެ ކަމާމެދު ޝައްކެވެ. ހުރިހާ ސަބަބެއް ވެސް ގުޅެނީ ތިމާވެށްޓާ ގުޅޭގޮތުން ދުނިޔޭގެ ވެރިން އެއްބަސްވާ އެއްބަސްވުންތައް ތަންފީޒު ނުވެދާ ދިއުމާ އެވެ.
ތިމާވެށީގެ ސިޔާސަތުތައް ކަނޑައަޅާ ފަރާތްތަކުން ކަނޑައަޅާފައިވާ އެންމެ ބޮޑު އަމާޒަކީ ދުނިޔެ ހޫނުވަމުންދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސް އަށްވުރެ މައްޗަށް ދިޔަ ނުދިއުމެވެ. އެ މިންވަރަކީ އިންޑަސްޓްރިއަލް އޭޖްގެ ކުރިން ދުނިޔޭގެ ހޫނުމިން ހުރިވަރާ އަޅާބަލާ މިންގަނޑެކެވެ. އެ މިންވަރު އިތުރުވުމަކީ ދުނިޔެއަށް އޮތް ބިރެއް ކަމުގައި ސައިންސް ވެރިން އަންނަނީ އިންޒާރުދެމުންނެވެ.
ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީއަށް ވުރެ މައްޗަށް ދިޔަ ނުދިނުމަށް ލަނޑުދަނޑިއެއް ކަނޑައަޅައި އެކަމަށް ސިޔާސަތުތަކެއް އެކުލަވައިލީ 2015 ވަނަ އަހަރު އެވެ. އެހިސާބުން ފެށިގެން ދުނިޔޭގެ ގައުމުތަކުން ތަފާތު ފިޔަވަޅުތައް އަޅަން ނިންމި ކަމަށް ވިޔަސް އެ ނިންމުންތަކަށް އެންމެ އެދެވޭ ގޮތެއްގައި އަމަލީ ފިޔަވަޅެއް ނޭޅެ އެވެ. 2015 ވަނަ އަހަރު ޕެރިހުގައި ބޭއްވުނު ކޮޕް ސަމިޓުގައި ދުނިޔޭގެ ހޫނުމިން 1.5 ޑިގްރީ އަށްވުރެ މައްޗަށް ދިޔަ ނުދޭން ނިންމިއިރު ސައިންސް ވެރިން ލަފާކޮށްފައި ވަނީ މިގަރުނު ނިމޭއިރު އެ މިންވަރު ފަހަނަޅާ ހިނގައިދާނެކަމުގެ ބިރު އޮތީ 25 ޕަސެންޓަށް ކަމަށެވެ. އޭގެ 8 އަހަރު ފަހުން ދުބާއީގައި ކޮޕް 28 ސަމިޓު ބޭއްވިއިރު އެ މިންވަރު ވަނީ 66 ޕަސެންޓަށް އިތުރުވެފަ އެވެ. ދުބާއީ ސަމިޓުގެ ކުރިން އދ. ގެ ތިމާވެށްޓާ ބެހޭ އިދާރާއިން ނެރުނު ރިޕޯޓެއްގައިވާގޮތުން މިހާރު ދުނިޔޭގެ ގައުމުތަކުން އަޅަމުންދާ ފިޔަވަޅުތައް ބަދަލެއް ނުގެނެސް ކުރިޔަށްދާނަމަ ގަރުނު ނިމޭއިރު ހޫނުމިން 2.7 ޑިގްރީއަށް އަރާނެ އެވެ. އެމިންވަރު ވެގެންދާނީ ދުނިޔެއަށް ބޮޑު ނުރައްކަލަށެވެ. އެހެންކަމުން ކޮޕް 28 ފެށުނީ ދުނިޔޭގެ ވެރިންނަށް މުހިންމު ނިންމުންތަކެއް ނިންމުމަށް އޮތް ޕްރެޝަރާ އެކުގަ އެވެ.
ކޮޕް 28 ގައި ގައުމުތަކަށް އެންމެ ބޮޑު ޕްރެޝަރަކަށް އޮތީ ގްރީން ހައުސް ގޭސް ޖައްވަށް ބޭރުކުރެވޭ މިންވަރު ދަށްކުރުމަށްޓަކައި ބޮޑެތި ފިޔަވަޅުތަކެއް އެޅުމާއި މުއްސަނދި ގައުމުތަކުން ތިމާވެށްޓަށް ދިން ގެއްލުމުގައި ގެއްލުން ލިބުނު ފަގީރު ގައުމުތަކަށް އެހީވުމަށްޓަކައި އުފައްދާފައިވާ ލޮސް އެންޑް ޑެމޭޖް ފަންޑަށް ފައިސާ ދިނުމުގެ މައްސަލަ އެވެ.
އދ. ގެ ތިމާވެށްޓާ ބެހޭ އޭޖެންސީއިން ލަފާކުރާ ގޮތުގައި ދުނިޔޭގެ ދުނިޔޭގެ ހޫނު މިން 1.5 ޑިގްރީގައި ހިފެހެއްޓުމަށްޓަކައި ފޮސިލް ފިއުލް ބޭނުންކުރެވޭ މިންވަރު ކުރިޔަށް އޮތް 6 އަހަރުގެ ތެރޭގައި 45 ޕަސެންޓަށް ދަށްކުރަން ޖެހެ އެވެ. ސައިންޓިސްޓުންނާއި ތިމާވެށީގެ އެކްޓިވިސްޓުން ދެކޭ ގޮތުގައި މިހާރު ހާލަތު ހުރިގޮތަށް ބަލާއިރު 6 އަހަރުގެ ތެރޭގައި 45 ޕަސެންޓް ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު ދަށް ކުރުމަކީ ވާނެ ކަމެއް ނޫނެވެ. ތެލާއި ގޭހުގެ މުއްސަނދިކަން ލިބިފައިވާ ގައުމުތަކުން އެ ދެމާއްދާގެ ފައިދާ ނެގުން ހުއްޓާލުމަށް ބޭނުން ނުވާއިރު ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް ބާރުއަޅާއި މަސައްކަތް ކުރަމުން ގެންދާ ޔޫރަޕްގެ ކުރިއަރާފައިވާ ގައުމުތަކާއި އެމެރިކާގެ މެދުގައި ވެސް މި މައްސަލައިގައި ޚިޔާލު މުޅިން އެއްގޮތެއް ނުވެ އެވެ. ތިމާވެށްޓާ ރައްޓެހި ހަކަތަ އުފެއްދުމަށް މަސައްކަތް ކުރި ކަމަށް ވިޔަސް ނޯތު ސީގައި ހުރި ގޭހާއި ތެލުގެ އެންމެ ފަހުގެ ރިޒާވް ގެ ބޭނުން ކުރުމަށް އިނގިރޭސި ވިލާތުން ވެސް ގެންދަނީ މަސައްކަތް ކުރަމުންނެވެ.
މިހުރިހާ މައްސަލައެއް އޮތް ކަމަށް ވިޔަސް ފޮސިލް ފިއުލް ބޭނުންކުރާ މިންވަރު މަދުކުރުމަށް ކުރަންޖެހޭ ކަންތައް އިތުރުކުރުމަށް ކޮޕް 28ގައި ވަނީ އެއްބަސްވެފަ އެވެ. އެ އެއްބަސްވުމުގައި ފޮސިލް ފިއުލް ބޭނުންކުރުން ހުއްޓާލާނެ ޓައިމް ލައިނެއް ނުވަތަ މަދުކުރާނެ ވަކި މިންވަރެއް ބުނެފައި ނެތް ކަމުގައި ވިޔަސް އެއީ ލިބުނު ކުރިއެރުމެއް ކަމަށް ދުނިޔޭގެ ލީޑަރުން ދެކެ އެވެ. އިނގިރޭސި ވިލާތުގެ ތިމާވެށްޓާ ބެހޭ މިނިސްޓަރު ވިދާޅުވި ގޮތުގައި އެ އެއްބަސްވުމަކީ ފޮސިލް ފިއުލް ހުއްޓާލުމުގެ ފެށުމެވެ.
ފޮސިލް ފިއުލް ބޭނުން ކުރާ މިންވަރު މަދު ކުރުމަށް އެއްބަސް ވުމުގެ އިތުރުން ތިމާވެށީގެ ސަމިޓުގައި ނިންމުނު އަނެއް ނިންމުމަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން އެންމެ ބޮޑު އަސަރެއް ކުރާ ފަގީރު ގައުމުތަކަށް އެހީވުމަށް އުފެއްދި ފަންޑަށް އިތުރު ފައިސާ ދިނުމުގެ އެއްބަސްވުމެވެ. 2009 ވަނަ އަހަރު މުއްސަނދި ގައުމުތަކުން ފަގީރު ގައުމުތަކަށް 2020 ވަނަ އަހަރުގެ ނިޔަލަށް 100 ބިލިއަން ޑޮލަރުގެ އެހީ ދޭން އެއްބަސްވި ކަމަށް ވިއަސް އެ މުއްދަތަށް އެ ލަނޑުދަނޑި ހާސިލެއްނުވި އެވެ. ކޮޕް 28 ގައި ވަނީ އަނެއްކާ ވެސް އެ ފަންޑަށް ފައިސާ ދޭނެކަމުގެ ވައުދާއި ފަންޑުން ފައިސާ ދޫކުރަން ފަށާނެ ކަމުގެ ވައުދު ވެސް ވެފަ އެވެ.
ދުނިޔޭގެ 200 ގައުމުން އެތައް ސަތޭކަ މަންދޫބުންނާ އެކު ބޭއްވި ތިމާވެށީގެ ސަމިޓުގައި ހޫނުވަމުންދާ ދުނިޔޭގެ ވެށްޓަށް ފިނިކަމެއް ހޯދުމަށްޓަކައި ވަނީ އެއްބަސްވުންތަކެއް އެކުލަވާލައިފަ އެވެ. އެކަމަކު ތިމާވެށީގެ އެކްޓިވިސްޓުންނާއި ސައިންޓިސްޓުންނަށް އެ އެއްބަސްވުންތަކުން މާބޮޑު އަސަރެއް ކުރާނެ ކަމަށް ގަބޫލެއްނުކުރެވެ އެވެ.
އެމީހުން ދެކޭ ގޮތުގައި ތިމާވެށްޓާ މެދު ވެވޭ އެއްބަސްވުންތަކަށް ގައުމުތަކުން ހުރުމަތްތެރިކޮށް ހިތަން ފަސްޖެހޭހާ ހިނދަކު ތިމާވެށީގެ ސަމިޓުން ކުރާނެ މާބޮޑު ފައިދާތަކެއް ނެތެވެ. ފާއިތުވެ ދިޔަ ތަނަށް ބަލާއިރު ބޮޑެތި ގައުމުތަކުން ތިމާވެށްޓާ މެދު، ވެފައިވާ ބޮޑެތި ވައުދުތައް ފުއްދުމަށް އަންނަނީ ޖެހިލުންވަމުންނެވެ. އެހެންކަމުން ތިމާވެށީގެ ސަމިޓަކީ ދުނިޔޭގެ ވެރިން ކުޅޭ ދެފުށް ދެގޮތް ޑްރާމާއެއްކަމުގައި ވުމުގެ ފުރުސަތު ބޮޑެވެ.