ބަންގްލަދޭޝްގެ މަސައްކަތްތެރިންނެކޭ އެއްގޮތަށް އިންޑިއާ އާއި ނޭޕާލުން މަސައްކަތްތެރިން ރާއްޖެ އެތެރެކުރުމުގެ ހުއްދަ ދިނުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ނިންމައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ފުރަތަމަ ވަނީ ބަންގްލަދޭޝްގެ ލޭބަރުން ގެނައުމުގެ ހުއްދަ ދީފަ އެވެ. އަދި އެ ހުއްދަ ދިނުމަށް ފަހު، އެހެން ގައުމުތަކުގެ އަންސްކިލްޑް ލޭބަރުން ގެނައުން މަޑުޖައްސާލަން މިނިސްޓްރީން ނިންމި އެވެ.
ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އިތުރު ކަންކަން ބެލުމަށް ފަހުގައި މިހާރު އިންޑިއާ އާއި ނޭޕާލްއިން މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. އެހެންކަމުން މިއަދުން ފެށިގެން އެ ދެ ގައުމުން މަސައްކަތްތެރިން ގެނައުމުގެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އިހުސާން ވިދާޅުވީ، މި ވަގުތަށް ނޭޕާލާއި އިންޑިއާގެ ލޭބަރުންނަށް ހުއްދަ ދިނުމަށް ފަހު، އެހެން ގައުމުތަކަށް ވެސް ކުރިމަގުގައި އެ ހުއްދަ ދޭނެ ކަމަށެވެ.
"އެހެން ގައުމުތަކަށް ވެސް އަޅުގަނޑުމެން ހަދަން ޖެހޭ އެސެސްމެންޓުތައް ހަދާފައި ނޯމަލް އޮޕަރޭޝަނަށް އާންމުކޮށް މި އޮންނަ ގޮތަށް ބަދަލުކޮށްލާނަން،" އިހުސާން ވިދާޅުވި އެވެ.
ބަންގްލަދޭޝް ލޭބަރުން ގެންނަން ހުއްދަ ދިނުމާ ގުޅިގެން ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ ބަންގްލަދޭޝްގެ މަސައްކަތު މީހުން ރާއްޖެއަށް ގެނައުމުގެ ހުއްދަ އަލުން ދިވެހި ސަރުކާރުން ދީފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އެ ހުއްދަ ދިނުމުގެ ކުރިން ގާނޫނު އިސްލާހު ކުރަންޖެހޭ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
ބަންގްލަދޭޝް ލޭބަރުން ރާއްޖެ ގެނައުން މަނާކުރީ ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ކުރީގެ ސަރުކާރުން 2019 ވަނަ އަހަރު ފެށި ޕްރޮގްރާމާ އެކުގަ އެވެ.
ބަންގްލަދޭޝް ލޭބަރުން ގެނައުން މަނާކުރުމާއެކު އިންޑިއާ، ސްރީލަންކާ އަދި ނޭޕާލުން ލޭބަރުން ގެނައުން ވަރަށް ބޮޑަށް އިތުރުވި އެވެ. އެދުވަސް ވަރު އެންމެ ގިނައިން ރާއްޖެ އައިސްފައި ވަނީ އިންޑިއާ މީހުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ބޮޑު އޮޕަރޭޝަނެއް ފަށަން އިމިގްރޭޝަނުން މިހާރު ވަނީ ނިންމައިފަ އެވެ. އިމިގްރޭޝަނުން ބުނީ ރާއްޖޭގައި ގަވައިދާ ހިލާފަށް ދިރިއުޅެމުންދާ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމުގެ ގޮތުން އޮޕަރޭޝަންތަކެއް ފަށައި ގަވައިދާ ހިލާފަށް އުޅޭ ހުރިހާ ބިދޭސީން ރާއްޖެއިން ފޮނުވާލަން ނިންމާފައިވާ ކަމަށެވެ.