ވިޔަފާރިވެރިން މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަ ބައެއް މުދާ ކޮންޓެއިނަރުތައް ކްލިއާނުކޮށް، ތަޅެއް އެޅުވުމަށް ފަހު ސައިޓަށް ގެންގޮސް ފަހުން ކަސްޓަމްސްގެ އޮފިސަރެއްގެ އެހީގައި އެ ކްލިއާ ކުރާ ގޮތަށް ހަމަޖައްސަން ނިންމާފައިވާ ކަމަށް ކަސްޓަމުން ބުނެފި އެވެ.
ހޯމްލޭންޑު މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންނަށް ވަރަށް ބޮޑެތި ލުއި ފަސޭހަތަކެއް އަންނާނެ ކަމަށެވެ.
އެގޮތުން ކަސްޓަމުން ގެންނަ އެއް ބަދަލަކީ ހުރިހާ ވިޔަފާރިވެރިންގެ މާޒީ އަށް ބަލާފައި، ބޮޑެތި ވިޔަފާރިވެރިން މާލޭގެ ވިޔަފާރި ބަނދަރަށް ގެންނަން ކޮންޓެއިނަރު މުދާތައް ކްލިއާނުކޮށް ތަޅެއް އަޅުވާފައި އެމީހުންގެ ސައިޓަށް ގެންދެވޭ ގޮތް ހެދުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑެތި ވިޔަފާރިވެރިންގެ ކޮންޓެއިނާއާ އެއްޗެހި، އެމްޕީއެލް އިން ކްލިއާ ކުރުމުގެ ބަދަލުގައި އަޅުގަނޑުމެން ސީދާ އޭގަ ތަޅެއް އަޅުވާފަ މި ފޮނުވަނީ އެބޭފުޅުންގެ ސައިޓަށް. ފޮނުވާލާފަ ދެން އެބޭފުޅުންގެ އޯން ޓައިމްގަ އަޅުގަނޑުމެން މި ފޮނުވާލަނީ ކަސްޓަމްސް އޮފިސަރެއް އޭތި ޗެކް ކުރަން ފަހުން،" މާނިއު ވިދާޅުވި އެވެ.
މާނިއު ވިދާޅުވީ އެގޮތަށް ނިންމުމުގެ ސަބަބުން ޖާގައިގެ ދަތިކަމަށް ހައްލެއް ލިބި ތަކެތި ކްލިއާ ކުރުމުގެ މަރުހަލާ އަވަސްވެގެން ދާނެ ކަމަށެވެ. އޭގެ ސަބަބުން ކުދި ވިޔަފާރިވެރިންގެ މުދާ ކްލިއާވުން އަވަސްވެ، ޑެމަރޭޖް ޗާޖުތައް މަދުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭގެ އިތުރުން އަޅުގަނޑުމެން އިނިޝިއޭޓިވް އެއް ނަގައިގެން މިއުޅެނީ މުޅި ސިސްޓަމް ޑިޖިޓަލައިޒް ކުރަން، ޕޭޕަލެސް ކުރަން،" މާނިއު ވިދާޅުވި އެވެ.
ކަސްޓަމްސް ޗީފް ސުޕްރިޓެންޑެންޓް އޮފް ކަސްޓަމްސް އިސްމާއީލް ހަމްދޫން ވިދާޅުވީ އެގޮތަށް ދޫކުރާ ކޮންޓެއިނަރުތަކަކީ ފަސް އަހަރުގެ ރެކޯޑުތަކަށް ބަލައި، ރަނގަޅަށް ޑޮކިއުމެންޓު ހުށަހަޅާ ކަމަށް ރިކޯޑުކުރެވިފައިވާ ވިޔަފާރިތައް ކަމަށެވެ.
މާލެ އަދި ހުޅުމާލެ ވިޔަފާރި ބަނދަރުތަކުގެ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިދިޔަ އަހަރުގެ ތެރޭގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މަސައްކަތް ކުރިއެވެ.