"އަޅުގަނޑަކީ ރައީސް ޔާމީނަށް ކުރިމަތި ނުލެވިއްޖެ ހާލަތެއްގައި ޕީޕީއެމް ކޯލިޝަނުން ކެންޑިޑޭޓެއް ނެރެން ބެކްއަޕް ޕްލޭނެއްގެ ގޮތުގައި ހޮވި ކެންޑިޑޭޓެއް. އެހެން ނަމަވެސް އުންމީދަކީ އަދިވެސް ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުން،"

"އަޅުގަނޑަކީ ރައީސް ޔާމީނަށް ކުރިމަތި ނުލެވިއްޖެ ހާލަތެއްގައި ޕީޕީއެމް ކޯލިޝަނުން ކެންޑިޑޭޓެއް ނެރެން ބެކްއަޕް ޕްލޭނެއްގެ ގޮތުގައި ހޮވި ކެންޑިޑޭޓެއް. އެހެން ނަމަވެސް އުންމީދަކީ އަދިވެސް ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބުން،"

މަތީގައި އެވަނީ ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމަށް އިއްވާފައިވާ މަނީ ލޯންޑަރިންގެ ކުށުގެ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު އުނިވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނާއި ސްޕްރީމް ކޯޓުން ނިންމުމާ ގުޅިގެން ޕީއެންސީގެ ފަރާތުން ރިޔާސީ ޓިކެޓާ ހަވާލުވެވަޑައިގެން މި އަހަރުގެ އޮގަސްޓް 3 ވަނަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޑރ. މުއިއްޒު ވިދާޅުވި ބަސްކޮޅެކެވެ.

މުޅި ކެމްޕޭނުގެ ފޯކަސް ރައީސް މުއިއްޒު އަމާޒު ކުރެއްވި މައިގަނޑު ބޮޑު ވައުދަކީ ވެރިކަން ލިބިވަޑައިގެންފި ނަމަ ފުރަތަމަ ދުވަހު ވެސް ކުރައްވާނެ ކަމަކީ ރައީސް ޔާމީން މިނިވަން ކުރެއްވުމުގެ މަސައްކަތް ކަމަށެވެ. ދެން ވިދާޅުވަމުން ގެންދެވީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. ފުރަތަމަ ހަފުތާގެ ތެރޭގައި އެ މީހުން ބާލާނެ ކަމަށެވެ. ރާއްޖޭގެ ކަނޑުން ގެއްލުނު ކަމަށް ބުނާ ސަރަހައްދު ހޯއްދަވާނެ ކަމަށެވެ.

ވަކިވަކި ރަށްރަށާއި ދެންވެސް ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދުތަކުގެ އިތުރުން މުޅި ކެމްޕޭނުގެ މައިގަނޑު އަމާޒަކަށް ހެއްދެވީ މަތީގައިވާ ތިން ވައުދަށެވެ. އިންޑިއާ ސިފައިން ތިބޭތީ މިނިވަންކަން ގެއްލޭ ވާހަކައަށެވެ. ކަނޑުން ބައެއް ގެއްލުމުން ސިޔާދަތީ ބާރުތައް ގެއްލޭ ކަމަށެވެ. ރައީސް ޔާމީން ޖަލުގައި ހުންނެވުމުން އެތައް ބަޔަކަށް މާޔޫސްކަން ލިބޭ ކަމުގެ ވާހަކައަށެވެ.

ނަތީޖާއަކަށް ވެގެން ދިޔައީ ކެމްޕޭން ޕޯސްޓަރުތަކުގައި ޑރ. މުއިއްޒަށް ވުރެ ބޮޑަށް ރައީސް ޔާމީންގެ ފޮޓޯފުޅު ބޮޑުކޮށް ޖައްސަވައިގެން އެމަނިކުފާނަށް ލިބޭ އަނިޔާތަކުގެ ވާހަކަތައް ދެއްކެވުމެވެ. ކޮންމެ ޖަލްސާއެއްގައި ރައީސް ޔާމީނަށް ޓަކައި ހުސް ގޮނޑިއެއް އެމަނިކުފާނުގެ ނަން ޖައްސަވާފައި ބަހައްޓަ އެވެ.

ނަތީޖާއަކަށްވީ ޕީޕީއެމްގައި ހިމެނޭ ރައީސް ޔާމީނަށް ވަފާތެރި މެންބަރުން ޖާނާއި މާލު ގުރުބާންކޮށް މުއިއްޒަށް ވެރިކަން ހޯދައިދޭން މަސައްކަތް ކުރުމެވެ. މާލެ އާއި ރަށްރަށުގަ އެވެ. އެ މީހުން ވޯޓު ދިނީ ރައީސް ޔާމީން މިނިވަން ކުރުމަށެވެ. އެމަނިކުފާނަށް އިންސާފު ހޯދައިދޭށެވެ.

ޔާމީނާއި މުއިއްޒު، ގުޅުން ކެނޑި ދެބޭފުޅުން ދެމަގުން ކުރިޔަށް

އެކަމަކު އިންތިކާބު ކާމިޔާބު ކުރެއްވުމާ އެކު، އުފާފާޅު ކުރަން ބޭއްވި ބައްދަލުވުމުގައި ވެސް ފެނިފެން ދިޔައީ ރައީސް ޔާމީނަށް އެއްވެސް އިހްތިރާމެއް ނުކުރި މަންޒަރެވެ. އެމަނިކުފާނުގެ ފޯނު ކޯލަށް ކުޑަމިނުން މުއިއްޒު ޖަވާބު ދެއްވައިފައެއް ނުވެ އެވެ. މެސެޖަކަށް އަދިއަދަށް ދާންދެން ވެސް ރިޕްލައިކުރައްވައިފައެއް ނުވެ އެވެ.

ޕީޕީއެމްގެ އޮފީހަށް ރައީސް ޔާމީން ވަޑައިގަންނަވާތީ އެކަން ހުއްޓުވަން ޕާޓީގެ ބާރުތައް އެމަނިކުފާނުގެ އަތުން ވަނީ ޖަހައިގެންފަ އެވެ. ނަތީޖާއެއްގެ ގޮތުން ރައީސް ޔާމީން މިހާރު ވަނީ އާ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. މިއީ ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ހަފުތާގައި، އެމީހަކަށްޓަކައި ރައްޔިތުންގެ ތެރޭން ގިނަ ބަޔަކު ވޯޓު ދިން، ކުރީގެ ރައީސްއާ މެދު ކަންކުރެއްވި އިހާނެތި ގޮތެވެ. އެވަރުން ނުވެގެން މިހާރު ގޭބަންދުގައި ހުންނެވި ރައީސް ޔާމީނަށް އިތުރު ލުއިތަކެއް ދިނުމަށް އެދިވަޑައިގަތުމުން ސަރުކާރުން އެކަމަށް ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.

އެ މައްސަލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެފައި ވަނީ މިއީ ޑރ. މުއިއްޒަކީ ބަހާއި އަމަލާ ދިމާނުވާ ބޭފުޅެއްކަން ސާބިތުވާ ކަމެއް ކަމަށެވެ.

"ރައީސް ޔާމީންގެ އަމިއްލަ ޕާޓީ، އަދި ރައީސް ޔާމީންގެ މެނިފެސްޓޯ، ކެމްޕޭން ރިސޯސަސް ހުރިހާ އެއްޗެއް. އެ މަނިކުފާނުގެ ފަސް އަހަރު ކެމްޕޭންކޮށް ލިބުނު ވެރިކަމެއް. މިއީ ޑރ. މުއިއްޒަކީ ބަހާއި އަމަލު ދިމައިނުވާ ބޭފުޅެއްކަން ސާބިތުކޮށްދިން ކަމެއް،" ޖަމީލު ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ޕާޓީ ޖަހައިގެން ހަގީގީ ބާޒުންނަކީ ރައީސް މުއިއްޒާއި އެމަނިކުފާނުގެ އެޑްވައިޒަރު އަބްދުއްރަހީމް (އަދުރޭ) ކަމަށެވެ.

ޖަމީލު ވިދާޅުވީ، ކެމްޕޭން ތެރޭގައި ޕީޕީއެމް/ޕީއެންސީންވީ ހުރިހާ ވައުދުތަކަށް ވުރެ ވެސް ސިޔާސީ ގޮތުން އެންމެ ބުރަދަން ބޮޑީ ޔާމީން މިނިވަންކުރުމުގެ ވައުދަށް ކަމަށެވެ.

"އެ ވައުދު ފުއްދަން ނޫޅުއްވުމުން ޑރ. މުއިއްޒު ރޭވުމަކުން ރައީސް ޔާމީނަށް ކެހިދިނީ ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އަބްދުއްރަހީމް އަދި މުއިއްޒު މިއީ ހަގީގީ ބާޒުންކަން މި އެނގުނީ،" ޖަމީލު ވިދާޅުވި އެވެ.

ޔާމީން މިނިވަންކުރުމާ ގުޅިގެން ޑރ. މުއިއްޒު ވިދާޅުވި ބަސްފުޅެއް ހަނދުމާ އާކޮށްލާނަމެވެ.

ރިޔާސީ އިންތިޚާބުގެ ޓިކެޓް ލިބިވަޑައިގަތުމާ އެކު މުއިއްޒު ވިދާޅުވެފައި ވަނީ އެ ޓިކެޓުގެ ހައްގުވެރި ފަރާތަކީ ރައީސް ޔާމީންކަން އަބަދުވެސް ހަނދާނުގައި ބަހައްޓަވާނެ ކަމަށެވެ.

"ރިޔާސީ ޓިކެޓްގެ ހައްގުވެރި ފަރާތަކީ ރައީސް ޔާމީންކަން ހަނދާން ބަހައްޓާނަން. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށާއި އިންތިހާބު ކާމިޔާބު ވުމާއެކު އެންމެ ފުރަތަމަ ވެސް ކުރައްވާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް،" ޕީޕީއެމް/ޕީއެންސީގެ ތާއީދު ޑރ. މުއިއްޒަށް އޮތްކަން ހާމަކުރުމުގެ ގޮތުން އޮގަސްޓް 9 ވަނަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ ޓިކެޓްގެ ހައްގުވެރި ފަރާތަކީ ރައީސް ޔާމީންކަން ހަނދާން ބަހައްޓާނަން. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށާއި އިންތިހާބު ކާމިޔާބު ވުމާއެކު އެންމެ ފުރަތަމަ ވެސް ކުރައްވާނެ މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރުމުގެ މަސައްކަތް
ޑރ. މުއިއްޒު

އެހެންވެ ގިނަ ބަޔަކު ގަބޫލްކުރާ ގޮތުގައި ރައީސް ޔާމީންގެ ޕާޓީ އާއި އެ މަނިިކުފާނަށް އޮތް ތާއީދު ބޭނުންކޮށްގެން އިންތިޚާބުވެވަޑައިގަތުމަށް ފަހު، ރައީސް ޔާމީން މިނިވަން ނުކުމުގެ މަސައްކަތް ނުކުރައްވައި، އެމަނިކުފާނަށް އިތުރު އަނިޔާ ދިނުމަކީ މި ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާ މެދު ސުވާލު އުފެދޭނެ ކަމެެއް ކަމަށެވެ.

ދެން އެންމެ ވަރުގަދަ އަށް ދެއްކި ވާހަކަ އަކީ ރާއްޖޭގެ ދެކުނުން ކުރީގެ ސަރުކާރުން ކަނޑު ވިއްކާލި ވާހަކަ އެވެ. އެހެން ނަމަވެސް ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް ރަށްތަކަށް މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާކަން ރާއްޖޭން ބަލައިގަނެ، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މޮރިޝަސްގެ ބޮޑުވަޒީރު ޕްރަވިންދް ކުމާރު ޖުގްނައުތާއަށް މިދިޔަ އަހަރު ފޮނުއްވި ސިޓީ ސަރުކާރުން މިހާރު ވަނީ އާންމުކޮށްފަ އެވެ. އެކަމަކު އެ ސިޓީގައި، ރާއްޖޭގެ ކަނޑުން ބައެއް މޮރިޝަސްއަށް ދޫކޮށްލުމާ ގުޅޭ ވާހަކައެއް ނެތް އިރު، އދ.ގެ އާންމު މަޖިލީހުގައި ރާއްޖޭން މޮރިޝަސްއާ އެއްކޮޅަށް ވޯޓު ދިނަސް، އިޓްލޮސްގައި ރާއްޖޭން ވަކާލާތުކުރި ކުރުމަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ރާއްޖެ އާއި މޮރިޝަސްއާ ދެމެދުގައި އެއްބަސްވެވުނު ކަންކަމަކީ ކޮބައިކަން އެނގޭނެ ލިޔެކިއުމެއް އަދި އަމަލީ ގޮތުން އެކަން ތަންފީޒުވީކަން އެނގޭނެ އެއްވެސް ރެކޯޑެއް ނުވަތަ ލިޔެކިއުމެއް ވެސް މިހާތަނަށް ބެލި ބެލުމުން ފެންނަން ނެތް ކަމަށް ރައީސް އޮފީހުގެ ބަޔާނުގައިވެ އެެވެ.

ގާނޫނީ ބައެއް ބޭފުޅުން އޭރު ވެސް ބުނެފައިވާ ގޮތުގައި ރާއްޖޭގެ ދެކުނުގެ ކަނޑުގެ ސަރަހައްދުން ފުށުއަރައި ބައި ބެހުމުގައި އަމަލުކޮށްފައި ވަނީ ރާއްޖެ އަށް ފައިދާހުރި ގޮތަކަށެވެ. މި ސަރުކާރުން ކިތަންމެ ވާހަކައެއް ދެއްކިޔަސް މިއީ އިސްތިއުނާފު ވެސް ނުކުރެވޭނެ އަދި ބަދަލެއް ވެސް ނުގެނެވޭނެ ނިންމުމެކެވެ.

ކުރީގެ ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވައި ސުވާލުތަކަށް ޖަވާބުދެއްވަނީ. ފޮޓޯ: ޕީޕީއެމް

އެހެންވެ ކެމްޕޭނުގައި، ކަނޑު ވިއްކާލި ކަމަށް ދެއްކި ވާހަކަތަކަކީ ދޮގުކަން މިވަނީ ހާމަވެފަ އެވެ.

ވެރިކަމުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ބާލަން ބުނި އިންޑިއާ ސިފައިން އަދިވެސް ތިބީ ރާއްޖޭގަ އެވެ. ކެމްޕޭނުގެ ތެރޭގައި ރައީސް މުއިއްޒު ވެސް ވަނީ މި ގައުމުގެ އިންޑިއާގެ ސިފައިން ހަތިޔާރާ އެކު ހާހުން ގުނާލެވޭ އަދަދަކަށް ތިބި ކަމަށެވެ. އެކަމަކު އިންތިގާލީ މަރުހަލާގެ ދޮޅު މަހާއި ސަރުކާރަށް މަހަކަށް ވުރެ ގިނަ ދުވަސްވީއިރު ވެސް ރާއްޖޭގައި ތިބީ އިންޑިއާ ސިފައިންގެ ކިތަން މީހުންކަން ސަރުކާރަށް ސާފުވާ ވަރެއް ނުވެ އެވެ. އެއް ފަހަރު އެއީ 77 މީހުން ކަމަށް އަނެއް ފަހަރު އެއީ 87 މީހުން ކަމަށް ބުނާނެ އެވެ. އެއީ ހެލިކޮޕްޓަރާއި ޑޯނިއާ ބޯޓު ދުއްވާ ޕައިލެޓުންނާއި އިންޖިނޭރުން އަދި ސެނަހިޔަ ހޮސްޕިޓަލުގައި ތިބި ޑޮކްޓަރުން ހިމަނައިގެންނެވެ. އެހެންވެ ކެމްޕޭނުގައި އެ ވިދާޅުވި ހާހުން ގުނާލެވޭ އިންޑިއާ ސިފައިންގެ އަދަދަކީ ދޮގެއްކަން މިވަނީ ހާމަވެފަ އެވެ.

ކޯލިޝަނަކާ އެކު ވެރިކަމަށް އަންނަ ސަރުކާރެއްގެ ކޯލިޝަން ރޫޅުމާ އެކު އެ ސަރުކާރުގެ ގާނޫނީ ހައިސިއްތެއް ނެތްކަން ރާއްޖޭގެ ފުންނާބު އުސް ވަކީލުންނާއި ސިޔާސީ ފަރާތްތަކުން އަބަދުވެސް ބުނެ އެވެ. އެހެންވެ މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ބޭނުންކުރި އެންމެ ބޮޑު ވައުދު ރައީސް ޔާމީން މިނިވަން ކުރުމާއި ކަނޑު ވިއްކާލި ވާހަކަ އާއި އިންޑިއާ ސިފައިންގެ ވާހަކަތައް ބިލާހަކަށްވުމުން މި ސަރުކާރުގެ ސައްހަ ކަމަކީ ވަކި ކޮބައިތޯ އެވެ.