އިތުރު ވަގުތުގައި ޖެހި ލަނޑުތަކުން، ކޮޕާ ޑެލްރޭގެ ކުއާޓަ ފައިނަލްގައި ގްރަނާޑާ އަތުން 5-3 އިން މޮޅުވެ، ބާސެލޯނާ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފި އެވެ.

މި މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވީއިރު ވެސް ގްރަނާޑާ އޮތީ 2-0ގެ ލީޑެއްގަ އެވެ. ގްރަނާޑާ އަށް ލަނޑު ޖަހައިދިނީ ކެނެޑީ އާއި ރޮބާޓޯ ސޮލްޑާޑޯ އެވެ. އެކަަމަކު މެޗުގެ ފަހު ކޮޅު، ޖޯޑީ އަލްބާ އާއި އެންޓުއާން ގްރީޒްމަން ޖެހި ލަނޑުތަކުން ބާސާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ. އެހެންކަމުން އިތުރު ވަގުތު ދެ ހާފު ކުޅެން ޖެހުނެވެ.

ބާސާ އިން އިތުރު ވަގުތުގައި މެޗު އަނބުރާލީ ގްރީޒްމަން އާއި ފްރޭންކީ ޑެ ޔޮންގް އަދި އަލްބާ ޖެހި ލަނޑުތަކުންނެވެ. އިތުރު ވަގުތުގައި ގްރަނާޑާ އަށް ލިބުނު ޕެނަލްޓީއަކުން ފެޑެ ވީކޯ ވެސް ލަނޑެއް ޖެހި އެވެ.

ބާސެލޯނާ އިން ވަނީ 2014 އިން 2019 އާ ދެމެދު ކޮޕާ ޑެލް ރޭގެ 6 ފައިނަލް ކުޅެފަ އެވެ. މީގެ ތެެރެއިން ހަތަރު ފަހަރު ބާސާ އިން ތަށި އުފުލާލި އެވެ. މިދިޔަ ސީޒަންގެ ކޮޕަ ޑެލްރޭގައި ބާސާ ކެޓީ ކުއާޓާ ފައިނަލުންނެވެ. --- ބީބީސީ