ނެޝަނަލް ކައުންޓަ ޓެރަރިޒަމް ސެންޓަރު (އެންސީޓީސީ) ގެ ޑިރެކްޓަރު ޖެނެރަލް މަގާމަށް މޭޖާ ޖެނަރަލް ރިޓަޔަޑް ވައިސް ވަހީދު ހަމަޖައްސައިފި އެވެ.

ވައިސް އެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ އެންސީޓީސީގެ ވެރިއަކަށް ހުންނެވި ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް ޒަކަރިއްޔާ މަންސޫރުގެ ބަދަލުގަ އެވެ.

ސިފައިންގެ ހިދުމަތަށް 37 އަހަރު ހިދުމަތް ކުރެއްވުމަށް ފަހު ޒަކަރިއްޔާ ރިޓަޔާ ކުރައްވާފައި ވަނީ ޑިސެމްބަރު 9، 2021 ގަ އެވެ. އޭގެ ފަހުން އޭނާ ހުންނެވީ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ އެންސީޓީސީގެ ވެރިއަކަށެވެ.

ވައިސް ވަނީ ސިފައިންގެއަށް 34 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވައިފަ އެވެ. އޭނާ ރިޓަޔާ ކުރައްވާފައި ވަނީ މި މަހުގެ 12 ގަ އެވެ.

އެންސީޓީސީ އަކީ ޓެރަރިޒަމްގެ މައްސަލަތަކާ ބަލައި ދިރާސާކުރުމާއި އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.