މާލެ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކަމަށް ބުނެ، ތަރައްގީކުރަން ފެށި ފުށިދިއްގަރުފަޅުގެ ހިއްކުމުގެ ކޮންޓްރެކްޓާ ހަވާލުވެފައިވާ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އިން ބޭނުންކުރާ ޑްރެޖަރަށް ފައިސާ ނުދައްކާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

ރަސްމާލެ ނަމުގައި ހިންގާ މަޝްރޫއު ބިޑަކަށް ނުލައި މި ސަރުކާރުން ދީފައި ވަނީ ގުޅިފަޅު ހިއްކައިގެން އެޕާޓްމަންޓް ދޭނެ ކަމަށް ބުނެ އެތައް ބަޔަކަށް ލަނޑުދިން ސްރީލަންކާގެ ސިވަރާޖާ މަނިވަންނަންގެ ހިއްސާ އޮންނަ ސީއެމްސީ ކިޔާ ކަރުދާސް ކުންފުންޏަކާ އެވެ. އެ ކުންފުނިން އެ މަސައްކަތް ކުރިޔަށް ގެންދަނީ ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުނީގެ ޑްރެޖަރެއް ކުއްޔަށް ނަގައިގެންނެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ އިތުރުން ހުޅުމާލޭގެ ފޭސް 3، ދިޔަނެރު، ތިލަފުށި އޭރިއާ ޑީ، ބިން ހިއްކަން އެމްޑީޕީ ސަރުކާރުން ވެސް ހަވާލުކުރީ ސީއެމްސީއާ އެވެ. އެ މަސައްކަތުގައި ވެސް ބޭނުންކުރީ ބޮސްކާލިސްގެ ޑްރެޖަރެކެވެ.

ނެދަލެންޑް ބޮސްކާލިސް ކުންފުނީގެ ޑްރެޖަރު ނުދޭން އެ ކުންފުނިން ނިންމީ ސީއެމްސީއިން ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކައިގެން ކަމަށްވެ އެވެ.

މި މައްސަލައާ ގުޅިގެން ރާޖު ބޮސްކާލިސްއަށް ފޮނުވި މެއިލްގެ ކޮޕީ ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.

ސީއެމްސީން ފޮނުވި އީމެއިލެއްގައި ބުނެފައި ވަނީ ބޮސްކާލިސްއިން އަމަލުކުރަމުންދާ ގޮތުން އެ ކުންފުންޏާއި ސަރުކާރު ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށެވެ. އަދި ބޮސްކާލިސް ކަހަލަ ކުންފުންޏަކުން ދުރުވިސްނުން ނުގެންގުޅުމަކީ އެ ކުންފުންޏަށް އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.

އެ އީމެއިލްގައި ބުނެފައި ވަނީ ބޮސްކާލިސްއާ ހަވާލުކޮށްގެން ހިންގާ މަސައްކަތުގެ ފައިސާ ނުލިބި ލަސްވަނީ އާ ސަރުކާރު ހަވާލުވުމުން ކަމަށެވެ. އަދި ސަރުކާރުން ފައިސާ ދޭނެ ކަމުގެ ޔަގީންކަން ދީފައިވާތީ، އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ސީއެމްސީން ބުނެފައިވެ އެވެ.

އެ ކުންފުނިން ފޮނުވި މެއިލްގައި މަސައްކަތް ކުރިޔަށް ނުގެންދާނެ ކަމަށް ބުނާއިރު މަސައްކަތަށް ބޭނުންވާ ތެޔޮ ހޯދައި އަދި އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާ ބްލޮކްކުރަނީ ކީއްވެތޯ ސުވާލުކޮށްފައި ވެ އެވެ. އަދި ބޮސްކާލިސް އިން އަމަލުކުރަމުން އަންނަ ގޮތުން މި މަޝްރޫއުގެ މަސައްކަތް އެ ކުންފުންޏާއެކު ކުރިޔަށް ގެންދަން އުނދަގޫވާނެ ކަމަށް ވެސް ރާޖު ފޮނުވި މެއިލްގައި ބުނެފައިވެ އެވެ.

"ރާއްޖެއިން ބޮސްކާލިސް ކަހަލަ ކުންފުންޏެއް ބޭނުމެއް ނޫން. އެ މީހުންނަށް (ސަރުކާރަށް) މި ކަހަލަ ބައިވަރު ކުންފުނި ލިބިދާނެ،" އެ އީމެއިލްގައި ބުނެފައިވެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި ބޮސްކާލިސްގެ ޑްރެޖަރު ނުލިިބިގެން ސީއެމްސީން ފުށިދިއްގަރުފަޅު ހިއްކަން ބޭނުންކުރަނީ އެމްޓީސީސީން ކުއްޔަށް ގެނެސްފައިވާ ޑްރެޖަރެއް ކުއްޔަށް ނަގައިގެންނެވެ. ނަމަވެސް އެ ޑްރެޖަރު ބޭނުންކޮށްގެން މަޝްރޫއުގެ މަސައްކަތް ކުރިޔަށް ދަނީ ވަރަށް ލަހުންނެވެ.

މިކަމާ ގުޅޭ ގޮތުން އާބަންކޯގެ ބަހެއް ހޯދުމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދަށް ގުޅުމުން ފޯނަށް ޖަވާބެއް ނުދެއްވި އެވެ.