ސަރުކާރަށް ފާޑުކިޔާފައިވާ ލިޔުންތައް ޝާއިއުކުރާ ދެ ވެބްސައިޓް ބްލޮކް ކުރުމުން ކުރިމަތިވި ފާޑުކިޔުންތަކާ ގުޅިގެން ކެތްނުވެގެން އެންމެފަހުން އެ ދެ ވެބްސައިޓް މިއަދު އަންބޮލޮކް ކޮށްފި އެވެ.

ސަރުކާރުން އުނބައްޖަހައި ދޫކޮށްލި ދެ ވެބްސައިޓަކީ "ދިޔަވަރު ޑޮޓްކޮމް" އާއި "ކުރުސީ" ޑޮޓްކޮމް އެވެ.

ރެޖިސްޓާ ނުކޮށް ސަރުކާރާ ދެކޮޅު ހަބަރުތަކާއި މައުލޫމާތު ޝާއިއު ކުރަމުން ދިޔަ އެ ދެ އޮންލައިން ވެބްސައިޓަކާއި ރަޖިސްޓާ ކޮށްގެން ހިންގަމުން ދިޔަ "ފުރަތަމަ" ނޫސް ސަރުކާރުން ބްލޮކް ކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރެ އެވެ. ނަމަވެސް، ގާތްގަނޑަކަށް 24 ގަޑިއިރަށް ފަހު ފުރަތަމަ. ކޮމް ވަނީ އަންބްލޮކް ކޮށްފަ އެވެ.

ހިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާ ކަމަށް ބުނެ އާންމުންނާއި ބައެއް ޖަމިއްޔާތަކުގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. އެކަމުގެ ސަރުކާރުން ގެންގުޅޭ ސިއްރު ސިޔާސަތުތަކެއް މިއަދާ ހަމައަށް ވެސް ހާމަކޮށްފައި ނުވެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވެސް ސަރުކާރުން ވެބްސައިޓްތައް ބްލޮކް ކުރުމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަނުކުރެ އެވެ. ތަކުރާރުކޮށް ނޫސްވެރިން ސުވާލު ކުރުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ.

"ވެބްސައިޓުތައް ބަންދުކުރުމަކީ ކުރީ ސަރުކާރުތަކުން ވެސް ކޮށްފައި ހުރި ކަމެއް. އާ ކަމެއް ވެގެނެއް ނޫން އެއީ. ބަންދުކޮށްފައި ވެސް އެބަ ހުރި ވެބްސައިޓުތައް. މި ސަރުކާރު ވެސް އައިސް ނިޒާމުގެ ތެރެއިން ގާއުމީ ސަލާމަތާ އާންމުންގެ ސަލާމަތާ ރައްކާތެރިކަމަށް ކުރަމުންދާ ކަންތައްތަކެއް ގަވާއިދުން ކުރާނެ," ޝަހީބު ވިދާޅުވި އެވެ.

އެ ދެ ވެބްސައިޓު މިއަދު އަންބްލޮކު ކޮށްފައިވާއިރު، ވެބްސައިޓުތަކަށް ނުވަދެވޭގޮތަށް ބްލޮކު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓާލަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް މިއަދު ވަނީ ކުއްލި މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.

ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ތަންތަން މޮނިޓާ ކުރާ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) މިހާރު އޮންނަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވާނަންސް އެންޑް ޕަބްލިކް ވޯކްސްގެ ދަށުގަ އެވެ.

ވެބްސައިޓުތައް ބްލޮކްކުރުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

އެކަމަކު، ސަރުކާރުން ވަނީ ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހަކާ މެދު ފިޔަވަޅު ނާޅާނެކަން ކަށަވަރުކޮށްދީފަ އެވެ.

އެޑިޓަރުގެ ނޯޓް: އުނބައްޖެހުން މިސާލު ބަހެއްގެ ގޮތުގައި ބޭނުންކުރަނީ ވަށަފަރު މީހުން ކުރިން ކުރެވުނު ގޯސް ކަމެއް ފަހުން ރަނގަޅު ކަމެއް ކަމަށް ގަބޫލުކޮށް އަލުން އެކަން ކުރުމުންނެވެ.