ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ޕީޕީއެމްގެ ފިކުރަށާއި ގައުމިއްޔަތަށް ބޭވަފާތެރިވެފައި ކަމަށް ކުރީގެ ނައިބު ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ޖަމީލް އެގޮތަށް ވިދާޅުވީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމުގައިވާ އެމްޑީޕީގެ ގިނަ އަދަދެއްގެ މެމްބަރުންތަކެއް އެ ޕާޓީ ދޫކުރައްވައި ވެރިކަން ކުރައްވާ ޕީއެންސީއާ ރޭ ގުޅިވަޑައިގަތުމުންނެވެ.

ޕީއެންސީއަށް ސޮއި ކުރެއްވީ:

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފްފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދުމައްޗަންގޮޅި އުތުރު ދާއިރާގެ އަހުމަދު ހައިތަމްއިސްދޫ ދާއިރާގެ އަލީ ހަމީދުކަނޑިތީމު ދާއިރާގެ ޢަބްދުﷲ ޝަހީމް އަބްދުލްހަކީމްކުރެންދޫ ދާއިރާގެ ޢަބްދުލްޣަނީ އަބްދުލްހަކީމްމަތިވެރި ދާއިރާގެ ހަސަން ޒަރީރުމުލަކު ދާއިރާގެ އިބްރާހިމް ނަސީރުނިލަންދޫ ދާއިރާގެ އަބްދުލްމުހްސިން ހަމީދުމާފަންނު ދެކުނު ދާއިރާގެ އާދަމް އަލީކޮމަންޑޫ ދާއިރާގެ މުހައްމަދު ރާޝިދުތޮއްޑޫ ދާއިރާގެ ހަސަން ޝިޔާންގުރައިދޫ ދާއިރާގެ އިބްރާހިމް ޝާޒު

މަޖިލިހުގެ 13 މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގެންނެވި ފޮޓޯ އާއި ދީނީ އިލްމުވެރިއެއްގެ ފޮޓޯ ހިމަނުއްވައި ޖަމީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއަދު ގައުމިއްޔަތު ދަސްކޮށް ދެނީ އެއް އަހުލާގެއް ކަމަށެވެ. އެއީ ކޮރަޕްޝަނާއި ފަސާދަ އާއި ރިޝްވަތުގެ ހަރާމް އަމަލު ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

"މިއަދު ރައީސް މުއިއްޒުގެ ވަށައިގެން ތިއްބެވި އިލްމުވެރި ޅިޔަނުން ޝޭޚު ލަތީފު، ބިން ޖަނާ ފަދަ ބޭފުޅުން ރިޝްވަތުގެ އަމަލަށް ދޭނީ އިތުރު ހުއްޖަތެއް ބާ އެވެ؟ އިސްލާމީ އުއްމަތުގައި އެފަދަ އިލްމުވެރިން ފެނިފައިވެ އެވެ،" ޖަމީލް ލިޔުއްވާފައިވެ އެވެ.

ޖަމީލް ވިދާޅުވި ގޮތުގައި ޕީއެންސީއާ އެންމެ ފަހުން ގުޅިވަޑައިގެންނެވި ބޭފުޅުންނަކީ މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ދިފާއުކޮށް ކަނޑު ވިއްކާޅުން ދިފާއު ކުރެއްވި މީހުންނެވެ. އަދި އެ މެމްބަރުންނަކީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުން އަދި ޕީޕީއެމް/ޕީއެންސީ ބުނަމުން ދިޔަ "ޗޯރު" ސަރުކާރު ދިފާއު ކުރެއްވި މެމްބަރުންނެވެ.

ޕީއެންސީއާ ގުޅިވަޑައިގަތީ ކޮވިޑް-19 ގެ ވައްކަމާއި ވެންޓިލޭޓަރު ވައްކަމާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ކޮރަޕްޝަނާއި ހުރިހާ ގޯހެއް ދިފާއު ކުރެއްވި މެމްބަރުން ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ. އެހެންވެ، ރައީސް މުއިއްޒާއި ރައީސް ސޯލިހާ ތަފާތެއް ނެތް ކަމަށާއި އެއީ އެއް ބައެއް ކަމަށް ވެސް އޭނާ ސިފަ ކުރެއްވި އެވެ.

"މިއަދު މުއިއްޒު ވަނީ ޕީޕީއެމްގެ ފިކުރަށް ބޭވަފާތެރިވެފައި. ގައުމިއްޔަތަށް ބޭވަފާތެރިވެފައި. ސާފުވެރިކަމަށް ބޭވަފާތެރިވެފައި." ޖަމީލް ވިދާޅުވި އެވެ.

"ދިވެހިންގެ ރާއްޖޭގެ ތިޔަ ދަތުރަކީ ފަސާދައާ ކޮރަޕްޝަނާ ރިޝްވަތުން ޖަރީ ކުރެވިފައިވާ ނާމާން، ދީނީ އަޚްލާގަށް ބިރުވެރި ދަތުރަކަށްވެ ނިމިއްޖެ"

ތޭރަ މެމްބަރަކު ޕީއެންސީ އަށް ސޮއިކުރައްވާފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޕީއެންސީ އަށް ގެންނަން ފައިސާ ހުށަހަޅަމުންދާ ކަމަށް އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އިއްޔެ ވަނީ ތުހުމަތު ކުރައްވައިފަ އެވެ. ނަމަވެސް އެ ތުހުމަތުތައް ސަރުކާރުން ވަނީ ދޮގުކޮށްފަ އެވެ.