ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި އުފެދުނު ސިޔާސީ ގޮތުން އެންމެ ނުފޫޒު ގަދަ ބޭފުޅާއެވެ. ރާއްޖެއަށް އެންމެ ބޮޑު ބަދަލުތަކެއް ގެންނެވި، ރާއްޖޭގެ ތަރައްގީއަށް ގިނަގުނަ މަސައްކަތެއް ކުރެއްވި ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނު ވެ ވަޑައިގަންނަވާނެ އެވެ. ހަމަ އެފަދައިން އެމަނިކުފާނު ވެ ވަޑައިގެންފައި ވަނީ ރާއްޖޭގެ ވެރިޔަކު ދުވަހަކު ވެސް ކުރިމަތި ނުލާފަދަ ބިރުވެރި ހަމަލާތަކަކާ އެމަނިކުފާނުގެ ލޮބުވެތި ރައްޔިތުންގެ ފަރާތުން ކުރިމަތިވެ، އެހަމަލާތަކުގެ ޒަޚަމްތަކަށް ފަރުވާ ލިބިވަޑައިނުގެން އަވަހާރަވި ބޭފުޅެއްގެ ގޮތުގަ އެވެ.

މުހައްމަދު އަމީންގެ ޖުމްހޫރީ ވެރިކަން އިންގިލާބުކޮށްލައި، އެމަނިކުފާނު ވެރިކަމުން އަޒަލުކުރީ އެމަނިކުފާނު ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށެވެ. ބޭސް ފަރުވާއަކަށް ސިލޯނަށް ވަޑައިގެން ހުންނަވަނިކޮށް މާލޭގައި ގެނައި އިންގިލާބެއްގައި ވެރިކަމުން ދުރުކުރެވުނު އަމީނަށް މާލޭގެ ހާލަތު އޮތީ ސިއްރުކޮށްފަ އެވެ.

އެ ޒަމާނުގެ މުއާސަލާތުގެ ޚިދުމަތް ހުރި ގޮތުން ރާއްޖޭގައި ހިނގާ ކަންތަކުގެ ޚަބަރު ސިލޯނަށް އެހާ ފަސޭހައިން އެހާ އަވަހަކަށް ނުލިބޭނެ އެވެ. ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާގެ ހައިސިއްޔަތުން ލިބި ވަޑައިގަންނަވާ އިމްތިޔާޒުތަކަކާއެކު ރާއްޖެއާ މުވާސަލާތު ކުރެވެން އޮންނަ ވަސީލަތްތައް ބޭނުންކުރައްވައިގެން ވެސް ސިލޯނުގައި ހުންނެވިއިރު މުހައްމަދު އަމީނަށް ރާއްޖެއާ ބެހޭ ގޮތުން އޮޅުން ފިލައިވަޑައިގެންފައި އޮތީ ރާއްޖޭގެ ސަރުކާރުގެ ބާރުވެރިކަން ނަންގަވައިގެން ތިއްބެވި ބޭފުޅުން އޮޅުން ފިލުވައިދެއްވި މިންވަރެކެވެ.

ރާއްޖޭގެ ވެރިކަމުގައި އޭރު ތިއްބެވި ވެރިން އަމީނަށް އެންގެވީ މާލޭގެ ކަންތައް އެހާ ރަނގަޅު ނޫން ކަމަށާއި ވީހާ އަވަހަކަށް ރާއްޖެ ވަޑައިގެން ދެއްވުމަށެވެ. އެހިސާބުން މާލެ ވަޑައިގަންނަވަން ޖެހިވަޑައިގެންފި ކަމަށް ގަބޫލުކުރައްވައި ބޭސްފަރުވާގެ ކަންތައް ވެސް ދޫކޮށްލައްވާފައި ރާއްޖެ ވަޑައިގަންނަވަން ފުރާވަޑައިގެންނެވި އިރު ރައީސް އަމީނަށް މާލޭގެ ކަންތައް އޮތްގޮތް ރަނގަޅަށް އެނގިވަޑައިނުގެންނެވި ކަމަށް ވިޔަސް ނުރައްކާތެރި ހާދިސާތަކަކާ ކުރިމަތިލައްވަން ވަޑައިގަންނަވާ ކަމުގެ އިހުސާސް އޮތީ ކުރެއްވިފަ އެވެ.

އެކަން އެނގޭއެއް ހެއްކަކީ އެމަނިކުފާނުގެ ޕްރައިވެޓް ސެކްރެޓަރީ، އެ ދަތުރުފުޅުގައި ގެންދަވަން ނިންމަވައިފައި އޮތް ނިންމެވުން ބަދަލުކުރައްވައި ފަހު ވަގުތު ވިދާޅުވި ބަސްފުޅުންނެވެ. ރައީސް އަމީން ވިދާޅުވީ ދަތުރުގެ ބާވަތުން ހަމަނުޖެހުމެއް ހިނގައި ފުރާނައަށް ނުރައްކާވާ ފަދަ ހާލަތަކާ ވެސް ކުރިމަތިވެދާނެ ކަމަށް ފެނިވަޑައިގަންނަވާތީ ސެކްރެޓަރީ ކޮޅުނބުގައި މަޑުކޮށްލުމަށެވެ. އެހެންކަމުން މާލޭގައި ރައީސް އަމީންއާ ދެކޮޅަށް ގެނައި އިންގިލާބުގެ ސާފު މައުލޫމާތު ލިބިވަޑައިނުގެންނެވި ކަމަށް ވިޔަސް އެމަނިކުފާނަށް އެވަޑައިގެންނެވެނީ ނުރައްކާތެރި އަނދަވަޅަކާ ދިމާލަށްކަން އަމީނަށް އިހުސާސް ކުރެވޭކަން ދޭހަވެ އެވެ.

ރައީސް އަމީންއާ ދެކޮޅަށް ހިންގި ބަޣާވަތުގެ އިންގިލާބަށްފަހު ރާއްޖެ ވަޑައިގެންނެވުމުން މާލެއަށް ފައިބައިވަޑައިގެންނެވުމަށް ހުރަސްއަޅުއްވައި ސަރުކާރުން އެމަނިކުފާނު ދޫނިދޫގައި ބަންދުކުރުމާއި އޭގެ ފަހުން ސިޔާސީ ގޮތުން ރައީސް އަމީނާ ގުޅުން އޮތް ބޭފުޅުންކޮޅެއްގެ ލަފާފުޅަށް އެބޭފުޅުންގެ އެހީގައި މާލެ އަރައިވަޑައިގެންވުމުގެ ސަބަބުން ހިނގައިދިޔަ ލޭ އޮހޮރޮވުން ބޮޑު ހަމަނުޖެހުމުގައި ލިބިވަޑައިގެންނެވި އަނިޔާތަކާއެކު އެމަނިކުފާނު އެއްލައިލެވުނީ ފަޅުގައި އޮތް ދޯންޏަކަށެވެ.

މާލޭގެ ހަވަރުގެ ފަރާތުން ލިބުނު އަނިޔާގައި ހިރިލެވޭ ވަރުވެސް ނެތް ރައީސް އަމީންގެ ހަތަރެސްފައިގައި ހިލިހިލާ ޖަހައި، ކ. ގާފަރަށް އަރުވައިލުމަށް ދޯނީގައި ގެންދެވުނުއިރު ދޯނީގެ ފަޅުވެރި ކުދިންކޮޅަކާ ދެއްކެވި މަދު ވާހަކަކޮޅާއި ގާފަރުގައި ހޭދަވީ ދުވަސްކޮޅު ގާފަރު ކަތީބާ ދެއްކެވި ވާހަކަފުޅަކީ އެމަނިކުފާނު ސިޔާސީ ވާހަކަފުޅަކަށް ދެއްކެވި އެންމެ ފަހުގެ ވާހަކަފުޅު ކަމަށް ވެދާނެ އެވެ.

"ފުރަތަމަ ޖުމުހޫރިއްޔާ އުވާލުން އަދި ރައީސް މުހައްމަދު އަމީންގެ ނިމުން – 1953" ގެ ނަމުގައި ނޫސްވެރިޔާ މުހައްމަދު ޖަމީލް، ލިއުއްވާފައިވާ ފޮތުގައި ވަނީ މިވާހަކަފުޅު ގެންވާފަ އެވެ.

"ކަތީބު ކަލޭފާނު، އަހަރެން ނޯންނާނެ އެއްވެސް ކަމެއް ގޯސްކޮށް ކޮށްފައެއް. ކޮންމެ ކަމެއް ވެސް އަހަރެން ކޮށްފައި އޮންނާނީ އެހެން މީހުންނާ މަޝްވަރާ ކޮށް، އެ މަޝްވަރާއާ އެއްގޮތަށް. ރައްޔިތުންގެ މަޖިލީހުން ކަންކަން ނިންމާ ގޮތަށް،" އަމީން އެމަނިކުފާނުގެ ސިޔާސީ ހަޔާތާއި އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވުނު ބަދުނާމާއި ބެހޭ ގޮތުން އެންމެ ފަހުން ވިދާޅުވި ވާހަކަފުޅުގެ ގޮތުގައި ޖަމީލުގެ ލިޔުއްވުމުން ފެންނަން އޮތީ ގާފަރު ކަތީބު އަރިހު ވިދާޅުވި އެ ބަސްފުޅެވެ.

ޖުމްލަ ގޮތެއްގައި އެމަނިކުފާނުގެ އިސްތަށިފުޅުގައި އެޅުވި ތުހުމަތުތަކަކީ ގޯސް ތުހުމަތުތަކެއް ކަން ވިސްނައި ދެއްވުމަށް އެމަނިކުފާނަކީ ރައްޔިތުންގެ މަޖިލީހުން ނިންމަވާ ކަންތައް ތަންފީޒުކުރައްވައި ހިންގެވި ބޭފުޅެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. މިވާހަކަ އިތުރަށް ތަފުސީލް ވެފައިވަނީ ގާފަރަށް ދަތުރު ކުރި އޮޑީގެ ފަޅުވެރި ކުދިން ގާތު އަމީން ދެއްކެވި ވާހަކަފުޅެވެ.

ގާފަރަށް ދަތުރު ކުރި ދޯނީގެ ފަޅުވެރި ކުދިންގެ ގާތު އަމީން ވިދާޅުވިކަމަށް ޖަމީލް ލިއުއްވާފައިވެ އެވެ.

"ބިޑި ސުއްޓާ ނުބޯން އެންގީ އަސްލު އަހަރެންނެއް ނޫން. ރައްޔިތުންގެ މަޖިލީހުން އެކަމަށް ގާނޫނެއް ފާސް ކުރީ،" ބިޑި ސުއްޓާގެ ވާހަކަ އަމީން ދެއްކެވި ސަބަބެއް ކަމަށް ޖަމީލްގެ ފޮތުގައި ވިދާޅުވެފައި އޮތީ އެ ބައްތެލީން ދަތުރު ކުރި މާލެ އަތޮޅުގެ އަތޮޅުވެރިޔާ ދެއްކެވި ވާހަކަ ކޮޅަކަށް އިޝާރާތް ކުރައްވަ އެވެ. ބިޑިއެއް ހިއްޕަވަން އިންނަވާފައި އަތޮޅުވެރިން ވިދާޅުވި ކަމަށް ވަނީ މިވެސް އަދި ނުބޯން އެއްޗެއް ކަމުގަ އެވެ.

ބިޑި ސުއްޓާ އަކީ ރައީސް އަމީންގެ ވެރިކަމުގެ ފަހުކޮޅުގައި ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކުރުމާއެކު ބޭނުންކުރުން މަނާވި އެއްޗެކެވެ. އެ މަނާކުރެވުނު މަނާ ކުރެވުމަކީ ރައްޔިތުންގެ ހިތްތަކުގައި އަމީންގެ މައްޗަށް ނުރުހުން އުފެދެން މެދުވެރިވި ސަބަބުތަކުގެ ތެރެއިން އެއް ސަބަބެވެ.

ބިޑި ސުއްޓާގެ ވާހަކައިގެ އިތުރުން ފަޅުވެރި ކުދިން ގާތު އަމީން ވިދާޅުވި ކަމަށް ޖަމީލްގެ ފޮތުގައި ވަނީ "ރަށް ރަށުގައި ހަދާފައި އެހެރަ ބޮޑެތި މަގުތައް... އެއީވެސް އަހަރެން ބުނެފައި ހުރި ގޮތަށް ހަދައިފައި ހުރި މަގުތަކެއް ނޫން.... އަހަރެން ނުބުނަން މީހުންގެ ގެދޮރު ނަގާފައި މަގު ހަދާކަށް،" މިއަދު ތިމަން މަނިކުފާނު މިހެން ބުންޏަސް ތި ކުދިން ގަބޫލެއް ނުކުރާނެ ކަން ވެސް އެނގޭ ކަމަށް ވިދާޅުވަމުން އަމީން ވިދާޅުވި އެވެ.

"އަހަރެން ބުނީ ރާއްޖެތެރޭގައި ހުންނާނެއޭ ހޯރަފުށި، ކާށިދޫ، ތޮއްޑޫ، މިކަހަލަ ބޮޑެތި މައި ރަށްރަށް، އެ ރަށްރަށުގެ ކައިރީގައި ހުންނާނެއޭ ގޮނޑު. އެ ނަގާފައި ރަށުތެރެއަށް ވައިރޯޅި ވަންނަ ގޮތަށް ދެން ރީތިކޮށް ބޮޑު މަގެއް ހަދަން. އެއީ މީހުންގެ ގެދޮރު އުކާލާފައި މަގު ހަދާކަށް ނޫން،" އެ ފޮތުގައި ލިޔެފައިވެ އެވެ.

ރާއްޖެތެރޭގެ ރަށްތަކުގައި ބޮޑެތި މަގުތައް ހެދުމަށް ހިންގި ރަށްވެހިކަމުގެ ޕްރޮގްރާމަކީ ރައްޔިތުންނަށް ނުހަނު ބޮޑެތި ތަކުލީފުތަކެއް ކުރިމަތިވި ކަމެކެވެ. ރައީސް އަމީންގެ މައްޗަށް ރައްޔިތުންގެ ހިތްނުބައިވުމުގައި ދިމާވި އެއް ކަމެއްގެ ގޮތުގައި އަމީނަށް އެކަންތައް ވެސް ވިސްނިވަޑައިގެންފައި އޮތްކަން މި ވާހަކަފުޅުން ދޭހަވެ އެވެ.

ޖުމްލަ ގޮތެއްގައި ރައީސް އަމީން ސިޔާސީ ވާހަކަފުޅެއްގެ ގޮތުގައި ދެއްކެވި އެންމެ ފަހުގެ ދެތިން އިބާރާތުން ވިދާޅުވާން އުޅުއްވާފައި ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް ބުރައެއް އުފުލަން ޖެހި، ނުހައްގުން ކަމެއްވެފައިވާނަމަ އެކަމެއްގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވަނީ ސީދާ އެމަނިކުފާނު ނޫން ކަމަށެވެ. އެކަމުގެ ޒިންމާ ރައްޔިތުންގެ މަޖިލީހުންނާއި ވެރިކަންކުރުމުގައި އެމަނިކުފާނަށް މަޝްވަރާ ދެއްވަން ތިއްބެވި ބޭފުޅުން ވެސް ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމަށެވެ.