އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެލިދޫ ދާއިރާއަށް ވާދަކުރެއްވުމަށް ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ނިންމަވައިފި އެވެ.

އަދާލަތު ޕާޓީގެ ނައިބު ރައީސް ކަން ވެސް ކުރައްވާ އަލީ ޒާހިރު އެކަން އިއުލާން ކުރެއްވީ "އެކްސް" ގައި ރޭ ކުރެއްވި ޕޯސްޓެއްގަ އެވެ.

އަލީ ޒާހިރު ވިދާޅުވީ މި ފެށޭ 20 ވަނަ މަޖިލިހުގައި ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލްކޮށް ދާއިރާގެ އަޑު މަޖިލިހުގައި އިއްވުމަށް އެ ދާއިރާ އަށް ވާދަކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

"މިފެށޭ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި ވ. ފެލިދޫ ދާއިރާގެ ރައްޔިތުން ތަމްސީލުކޮށް، ދާއިރާގެ އަޑު މަޖިލީހުގައި އިއްވުމަށް އެ ދާއިރާއަށް ވާދަކުރުމަށް ގަސްތުކޮށް އެކަން އިއުލާން ކުރަމެވެ. ދާއިރާގެ ރައްޔިތުންނާ ހެޔޮއެދޭ ފަރާތްތަކުގެ އެއްބާރުލުމަށް އެދެމެވެ," އަލީ ޒާހިރު ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ އާބާދީ މަދު އަތޮޅުގެ ގޮތުގައި އޮތް ވ. އަތޮޅުގައި އޮތް ތިން ރަށެއް މި ދާއިރާގައި ހިމެނެ އެވެ. އެއީ, ވ. ފެލިދޫ, ވ. ފުލިދޫ އަދި ވ. ތިނަދޫ އެވެ.