2023 ނިމުމާއެކު ބޮޑު ދިދަ ހެކިކޮށް ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅުތަކަށް 44 ދުވަސްވީ އެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ރައީސަކު ގައުމުގެ ކަމުވޮށިވެގެންވާ ގިނަ ބަޔަކާއި ބޭރުގެ އިއްޒަތްތެރިންގެ ކުރިފުޅުމަތީގައި ފުރާނަނެތް އެއްޗަކާ މުޚާތަބުކޮށް ދެއްކެވި ވާހަކަފުޅާއެކު ޑރ. މުއިއްޒު ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ 7 ވަނަ ރައީސް ކަމުގައި ވެ ނިމުނީ މިދިޔަ އަހަރު އެވެ.

އެ އަހަރު ފެށިގެން އައިއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މެދުގައި އުފެދިފައި އޮތް ރިޔާސީ ކެންޑިޑޭސީގެ ވާދަވެރިކަމުގެ ތެރޭގައި އެމްޑީޕީ ދެބައިވެ، ރައީސް ނަޝީދަށް ޕާޓީ ދޫކުރައްވަން މަޖުބޫރުވެވަޑައިގެންނެވި އެވެ. އެއާ އެކު ރައީސް ނަޝީދަށް ރައީސް ސޯލިހު ޚިޔާނަތްތެރިވެ ވަޑައިގެންނެވި ކަމަށް ކަނޑައަޅައި އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ރައީސް ނަޝީދާއެކު އާ ޕާޓީއެއް އުފައްދަވާފަ އެވެ.

ރައީސް ސޯލިހާއި ނަޝީދުގެ ކޯޅުން ގަދަޔަށް ހިނގަމުން ދިޔައިރު އޭރުގެ އިދިކޮޅު ޕާޓީ ޕީޕީއެމް އާއި އެ ޕާޓީގެ ވަކި ގޮތްޕެއްގެ ގޮތުގައި ހިންގަމުން އައި ޕީއެންސީ ގެންދިޔައީ އެ ދެޕާޓިގެ ލީޑަރު ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް އަރުވައި، އެ ނޫން ކެންޑިޑޭޓެއް ނެތް ކަމަށް ހަރު އަޑުން ގޮވަމުންނެވެ. ޖަލުގައި ހުންނެވި ނަމަވެސް ކޯޓުން އިއްވައިފައިވާ ހުކުމަކީ ހަރާން ހުކުމެއް ކަމަށް ބުނަމުން އެ ދެޕާޓީގެ ލީޑަޝިޕާއި އާންމުން ގެންދިޔައީ ރައީސް ޔާމީން ޖަލުން ދޫކުރަން ގޮވާލަމުންނެވެ.

ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޑރ. މުއިއްޒު ބައިވެރިވަނީ.

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ކުރަމުން ގެންދިޔަ އިހުތިޖާޖުތަކުގެ ތެރެއަށް ޕީޕީއެމް ޕީއެންސީ އިން ގުޅުވާލާފައި އޮތް "އިންޑިއާ އައުޓް" ކެންޕޭންގައި ޕާޓީގެ އާންމުން ހޭބޯނާރައި މަސްއްކަތް ކުރަމުން ދިޔައިރު ލީޑަޝިޕްގެ ތެރޭގައި ތަފާތު އެޖެންޑާއެއް ބަޔަކު ގެންގުޅެމުން ގެންދާ ވާހަކަ ތުންތުން މަތިން ދިޔައީ ދެކެވެމުންނެވެ.

ރައީސް ޔާމީނަށް ވެރިކަމަށް ކުރިމަތި ނުލެއްވޭ ފަދަ ހާލަތެއް ދިމާވެއްޖެނަމަ އޮތް އޮޕްޝަނަކީ ކޮބައިތޯ ބައެއް ލީޑަރުން ސުވާލު އުފައްދަވައި އެފަދަ ދަނޑިވަޅެއްގައި ރިޔާސީ ޓިކެޓް ބޭނުންވާ ބަޔަކު ތިބިކަމަށްވެ އެވެ. އެހެން ނަމަވެސް އެކަމަށް ޕާޓީގެ ތެރެއިން ސީދާ ކުރިއަށް ދެވޭނެ ގޮތެއް ނެތުމުން އިސް ސަފުގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ތިއްބެވީ ރައީސް ޔާމީން ނޫން ބޭފުޅަކަށް ޕީޕީއެމް ޕީއެންސީ އިން ރިޔާސީ އިންތިޚާބަށް ނުނިކުންނާނެ ކަމަށް ފާޅުގައި އިއުލާން ކުރައްވައިގެންނެވެ.

ޕީޕީއެމް/ޕީއެންސީން ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހޯދި ކާމިޔާބީ ފާހަގަކުރަން ބޭއްވި ޖަލްސާގައި ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް ބައިވެރިވަނީ. ފޮޓޯ: ޕީޕީއެމް

ޕީޕީއެމް ޕީއެންސީގެ ލީޑަޝިޕުން، ރައީސް ޔާމީން މިނިވަން ކޮށް ރިޔާސީ އިންތިޚަބު އެމަނިކުފާނަށް ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރަމުން ގެނދިޔައިރު ފަރުދާގެ ފުރަގަހުގައި އެ ހަރަކާތާ ދިމާ އިދިކޮޅު ކަންތައްތަކެއް ރޭވިގެން ހިނަގއމުން ދިޔަކަން މިހާރު ވަނީ ޔަގީންވެފަ އެވެ. މިހާރުގެ ރައީސް، އޭރުގެ މާލޭ މޭޔަރު ޑރ. މުއިއްޒަށް ރިޔާސީ ކެންޑިޑޭޓްކަން ހޯދައި ދިނުމުގެ ސިއްރު އެޖެންޑާ ރޭވި ހިނަގުމުން ދިޔައީ މާލޭ ސިޓީ ކައުންސިލުގެ ތެރޭގަ އެވެ. އެ ކައުންސިލްގެ ތެރޭގައި ރޭވި ޕްލޭން ކާމިޔާބު ކުރުމަށްޓަކައި ޕާޓީ ހިންގުމާ ރައީސް ޔާމީން ހަވާލު ކުރައްވާފައި ހުންނެވި އަބްދުއްރަހީމް ގުޅިވަޑައިގެން ސިއްރިޔާތުގައި ދިޔައީ ޕީޕީއެމް ޕީއެންސީގެ ސެނެޓުގެ ތާއީދު އެކަމަށް ހޯދަމުންނެވެ.

ސިޓީ ކައުންސިލުން އުފަންވެ ދިމްޔާތުގައި ރޭވެމުން ދިޔަ ޕްލޭން ހަގީގަތަކަށް ހެދުމަށްޓަކައި ރިޔާސީ އިންތިޚާބުގެ ކުރިން ޔާމީން ސަލާމަތް ނުވާނޭ ގޮތް ހެދުމަށްޓަކައި މުއިއްޒުގެ ޓީމުން ކޯޓުތަކަށް ނުފޫޒު ފޯރުވި ކަމަށް ވެސް ވަނީ ތުހުމަތު ކުރެވިފަ އެވެ.

ދުރާލައި ރޭވިގެން އައި ޕްލޭނެއްގެ ދަށުން ރައީސް ޔާމީނަށް ވެރިކަމަށް ކުރިމަތި ނުލެވޭ ގޮތަށް ތާށި ކުރުމަށް ފަހު ރިޔާސީ ޓިކެޓް މުއިއްޒު ހޯއްދެވީ އެޓިކެޓުގެ ހައްގު ވެރިޔަކީ ރައީސް ޔާމީން ކަން ދުވަހަކު ވެސް ހަނދާން ނުނައްތަވާނެ ކަމަށް ރައްޔިތުންގެ ކުރިމަތީގައި ވައުދުވެ ވަޑައިގަންނަވަމުންނެވެ.

އަރިހުގައި ރައީސް ޔާމީންގެ ނަންފުޅު ޖަހާފައި ހުރި ހުސް ގޮނޑިއެއް ބަހައްޓަަވައިގެން ރިޔާސީ ކެންޕެއިނުގައި މުއިއްޒު މުޅިން ވެސް ދެއްކެވީ ރައީސް ޔާމީނަށް ވަފާތެރިވެ ވަޑައިގަންނަވާނެ ވާހަކަ އެވެ. ކެމްޕޭނަށް ބޭނުން ކުރެއްވީ ޔާމީން، ލީޑުކުރެއްވި ޕީޕީއެމްގެ ފައިސާ އާއި ވަސީލަތްތަކާއި ކުލަ އެވެ. ޕޯސްޓަރުތަކުގައި މުއިއްޒަށް ވުރެ ބޮޑަށް ހުރީ ޔާމީނުގެ ފޮޓޯފުޅެވެ.

ރައީސް ޔާމީންގެ ފޮޓޯފުޅާއި އެމަނިކުފާނަށް ބެހެއްޓި ހުސް ގޮނޑިއާއި އެމަނިކުފާނުގެ ސަޕޯޓަރުން ބޭނުން ކޮށްގެން ކުރި ކެމްޕޭނުން އިންތިޚާބު ކާމިޔާބު ކުރައްވައި މުއިއްޒަށް ރައީސް ކަމަށް ވަޑައިގެންނެވުމާ އެކު ސަޕޯޓަރުންނާއެކު ބޭއްވި ފުރަތަމަ ބައްދަލުވުމުން ވެސް ހުސް ގޮނޑި ފެނުން ނިމުމަކަށް އަތުވެއްޖެ އެވެ. އެ ބައްދަލުވުމުގައި ޑރ. މުއިއްޒު ގޮވައިލެއްވީ ފާއިތުވެ ދިޔަ ފަސް އަހަރު ދުވަހު ރައީސް ޔާމީން މިނިވަންކުރުން އެދި މެންބަރުން ކުރަމުން ގެންދިޔަ އިހުތިޖާޖު ހުއްޓަލުމަށެވެ.

ފާފު ނިލަންދޫގައި ބޭއްވި ޑރ. މުއިއްޒުގެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަނީ. ފޮޓޯ: ޕީޕީއެމް

ވެރިކަން ލިބިވަޑައިގެންނެވި ފަހުން ރައީސް ޔާމީން ރައީސް މުއިއްޒަށް ކުރެއްވި ފޯނު ކޯލަކަށް ވެސް ޖަވާބެއް ނުދެއްވަ އެވެ. ބަދަލުގައި އޭނާއާއި އަބްދުއްރަހީމް ގެންދަވަނީ ރައީސް ޔާމީނަށް ޖެއްސުންކޮށް، އެމަނިކުފާނަށް ހެޔޮހިތުން ގާތްކަމެއް އޮތް ކޮންމެ މީހަކާ ދެކޮޅަށް އެޅުނު ފިޔަވަޅެއް އަޅަމުންނެވެ.

ރައީސް ޔާމީނަށާއި ޕީޕީއެމްގެ ސަޕޯޓަރުންނަށް އޮޅުވާލުމަށް ފަހު ޑރ. މުއިއްޒު ރާއްޖޭގެ ވެރިކަން ހޯއްދެވި ހޯއްދެވުމަކީ 2023 ގައި ރާއްޖޭގައި ހިނގި މަކަރާއި ހީލަތާއި އޮޅުވާލުމުގެ އެންމެ ބޮޑު ޖަރީމާކަމަށް ވާނެ އެވެ.