ރަސްމާލެ ހިއްކަން ކޮންޓްރެކްޓަރު އަތުން ގާތްގަނޑަކަށް މަދުވެގެން 500-700 މިލިއަން ޑޮލަރު ހަރަދު ވާނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ވަނީ ފަށައިފަ އެވެ.
ބިންހިއްކުމުގެ މި ބިޔަ މަޝްރޫއު ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އަށެވެ. ސަރުކާރުން ވަނީ ސީއެމްސީ އަށް ފުށިދިއްގަރުން 60 ހެކްޓަރު ބިން އަދި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން ދޭ ގޮތަށް ނިންމައިފަ އެވެ. އެހެންވެ، ސަރުކާރުގެ ބަޖެޓުން މިކަމަށް އެއްވެސް ހަރަދެއް ނުދާނެ އެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތަލިބް ވިދާޅުވީ ރަސްމާލެ މަޝްރޫއު އަށް ދައުލަތުން އެއްވެސް ހަރަދެއް ނުކުރި ކަމުގައި ވިޔަސް އެއީ ވަރަށް ބޮޑު ހަރަދެއް ހިނގާ މަޝްރޫއެއް ކަމަށެވެ. އަދި މި ސަރުކާރުން މިކަމުގައި އެއްވެސް ފޮރުވުމެއް ގެންގުޅެން ބޭނުން ނުވާ ކަމުގައި އޭނާ ވިދާޅުވި އެވެ.
"އެއީކީ ކުޑަ ހަރަދެއް ނޫން. ގާތްގަނޑަކަށް 500 އާއި 700 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް އެންމެ މަދުވެގެން ވެސް ހަރަދުވާނެ. އެތަނުގެ ފުން މިނާއި ހިއްކާ ތަނާއި ވެލި ބޭނުންވާ އަދަދާއި ވެލި ނަގާ ސަރަހައްދާ، މި ހުރިހާ އެއްޗަކަށް ބަލާ،" މުއްތަލިބް ވިދާޅުވި އެވެ.
މުއްތަލިބް ވިދާޅުވީ ފުށިދިއްގަރުފަޅުގެ ފުން މިނާއި ވެލި ބޭނުންވާނެ އަދަދާއި ވެލި ނަގަން ޖެހޭ ދުރުމިނަށް ބަލާފައި އެ މަޝްރޫއަށް ކުރަން ޖެހޭ ހަރަދު އިތުރަށް ބޮޑު ވާނެ ކަމަށެވެ.
"ކޮންޓްރެކްޓާ އެ އޮތީ އެ ހުރިހާ ރިސްކެއް ނަގާފަ ދައުލަތުން އެމީހުންނަށް މިވެނި ވަރަކަށް ބިން ކޮމިޓު ކުރީމަ ބާކީ ބައި އެއްކޮށް ހިއްކައިދޭ ގޮތަށް. އެއީކީ އެއްވެސް ވަރަކަށް ފައިސާގެ މުއާމަލާތެއް ހިނގާ މަޝްރޫއެއް ނޫން،" މިނިސްޓަރު ވިދާޅުވި އެވެ.